ޑރ. މުހައްމަދު މުއިއްޒު

ދިއްދޫގައި އެއާޕޯޓާ އެކު ހޮސްޕިޓަލެއް އަޅާނެ: ރައީސް

ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވީވައުދު ފުއްދަވައިދެއްވުމާ އެކު އެރަށުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އަޅުއްވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިއްދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދިއްދޫގައި އެއާޕޯޓެއް އެޅިދާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެކަމަކު އެ މަޝްރޫއު މިވަގުތު އޮތް ހިސާބެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި އެއް ފަހަރާ ގިނަ އެއާޕޯޓްތަކެއް އެޅުމަށް ސަރުކާރުން އެ ވާހަކަދައްކާތީ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް ވެސް ރައީސް މުއިއްޒު މިއަދު ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތުން ރާއްޖެއަށް އިތުރު އެއާޕޯޓްތައް ބޭނުންވާ ކަމަށެވެ.

"ކޮންމެހެން ބޭނުންވާތީ މިރަށުގައިވެސް އަދި އެހެން ރަށްރަށުގައިވެސް އެއާޕޯޓް އަޅަން ނިންމަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިއްދޫ އެއާޕޯޓާ އެކު އެ ރަށުން ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. އެ ހޮސްޕިޓަލަކީ ހއ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ފައިދާވާނެ ގޮތަށް އެޅިގެންދާނެ ހޮސްޕިޓަލަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ދިއްދޫގައި މިހާރު އެމްބިއުލާންސެއް އޮތް ނަމަވެސް އިތުރު އެމްބިއުލާންސެއް ވަރަށް އަވަހަށް ދިއްދޫއަށް ހޯދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްދޫ އަކީ މިހާރުވެސް ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ރަށަކަށް ވާތީ އެރަށުގެ ބިން ހިއްކައިދީ ސަރުކާރުން އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ދިއްދޫގައި ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ރަށްރަށުގައި ހިންގަން ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައިސާ ނެތް ކަމަށެވެ. އެހެންކަމުން ބޭރުން ފައިސާ ހޯދައިގެން ނަމަވެސް ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދެކެވެ.