ރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފަ ކަމަށެވެ.
މިނިވަންކަން ކަށަވަރުކުރަން ރައީސް މުއިއްޒު މަސައްކަތް ފަށްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ބޭނުންވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމުގައި ފަހުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް ޕީއެންސީ އަށް ލިބިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.