ޖުޑީޝަރީ އާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ ބައެއް މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާޢި ފަނޑިޔާރުންނާއި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާޢި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް މުރާޖައާކޮށްދިނުމަށް އެދި އެ މުއައްސަސާތަކުން ޝަކުވާތައް ހުށަހަޅަން ފެށުމުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓިން ފެއްޓީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވުނު ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގަ އެވެ.
ޖުޑީޝިއަރީގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލުތައް
- އުއްތަމަފަނޑިޔާރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 74،125 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 91،000 ރުފިޔާ
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 72،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 89،000 ރުފިޔާ
- ހައިކޯޓުގެ އިސްފަނޑިޔާރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 57،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 70،000 ރުފިޔާ
- ހައިކޯޓުގެ ފަނޑިޔާރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 55،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 68،000 ރުފިޔާ
- ކްރިމިނަލް ކޯޓުގެ އިސްގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 50،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 62،000 ރުފިޔާ
- ކްރިމިނަލް ކޯޓުގެ ގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 49،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 60،000 ރުފިޔާ
- ޑްރަގް ކޯޓުގެ އިސްގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 50،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 62،000 ރުފިޔާ
- ޑްރަގު ކޯޓުގެ ގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 49،300 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 60،000 ރުފިޔާ
- ސިވިލް ކޯޓުގެ އިސްގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 48،650 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 62،000 ރުފިޔާ
- ސިވިލް ކޯޓުގެ ގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 47،650 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 60،000 ރުފިޔާ
- ޖުވެނައިލް ކޯޓުގެ އިސްގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 48،650 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 62،000 ރުފިޔާ
- ޖުވެނައިލް ކޯޓުގެ ގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 47،650 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 60،000 ރުފިޔާ
- ފެމިލީ ކޯޓުގެ އިސްގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 48،375 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 62،000 ރުފިޔާ
- ފެމިލީ ކޯޓުގެ ގާޒީ: މިހާރުގެ މުސާރަ އާއި އެލަވަންސް: 47،375 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 60،000 ރުފިޔާ
މީގެ އިތުރުން މެޖިސްޓްރޭޓް އާއި ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ގެންނަ ބަދަލު
- ސިޓީ ކައުންސިލްތަކުގެ ރައީސް / މޭޔަރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 40،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 46،000 ރުފިޔާ
- ސިޓީ ކައުންސިލްތަކުގެ ނައިބު ރައީސް / ޑެޕިއުޓީ މޭޔަރު: މިހާރުގެ މުސާރަ އާއި އެލަވަންސް: 35،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 40،500 ރުފިޔާ
- އަތޮޅު ކައުންސިލްތަކުގެ ރައީސުން: މިހާރުގެ މުސާރަ އާއި އެލަވަންސް: 28،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 33،000 ރުފިޔާ
- ސިޓީ ކައުންސިލްތަކުގެ މެންބަރުން: މިހާރުގެ މުސާރަ އާއި އެލަވަންސް: 30،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 35،000 ރުފިޔާ
- ރަށު ކައުންސިލްތަކުގެ ރައީސުން: މިހާރުގެ މުސާރަ އާއި އެލަވަންސް: 20،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 25،500 ރުފިޔާ
- ރަށު ކައުންސިލްތަކުގެ ނައިބު ރައީސުން: މިހާރުގެ މުސާރަ އާއި އެލަވަންސް: 15،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 20،000 ރުފިޔާ
- ރަށު ކައުންސިލްތަކުގެ މެންބަރުން: މިހާރުގެ މުސާރަ އާއި އެލަވަންސް: 13،000 ރުފިޔާ | ކޮމިޓީން ގެންނަ ބަދަލު: 18،000 ރުފިޔާ
އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ މެންބަރުންގެ މުސާރައަށް ބަދަލު ގެންނަން ކޮމިޓީން ފާސްކޮށްފައިނުވެ އެވެ.
މީގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިއިން ކޮންމެ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާއެކު މިހާރު މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު މިއިން ކޮންމެ މަގާމެއްގެ މުސާރަ އިނާޔަތްތަކާއެކު 74،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ވަނީ ނިންމާފަ އެވެ.