ހަބަރު

އިހުތިޖާޖާ ގުޅިގެން ރާޅާ އެޅުންތެރިންތަކެއް ހައްޔަރުކޮށްފި

މާލެ - ހުޅުލޭ ބްރިޖްއާ ދެކޮޅަށް ރާޅުގަނޑުގައި މުޒާހަރާކުރި ރާޅާ އެޅުންތެރިންތަކެއް ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ދެ ރާޅާ އެޅުންތެރިއެކެވެ.

މިއަދު ހަވީރު ރާޅުގަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުން ރާޅާ އެޅުންތެރިން ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އަވަސްއަށް ވިދާޅުވީ، ރާޅުގަނޑުގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން އެ ސަރަހަދުން ބަޔަކު ހައްޔަރުކޮށް، އެކަން ބަލަމުންގެންދާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ އަދަދުގެ ތަފްސީލެއް ނުދެ އެވެ.

މިއަދު ހަވީރު ފަނަރަ ވަރަކަށް ރާޅާ އެޅުންތެރިން ބްރިޖްގެ މަސައްކަތް ކުރުމަށް ސާމާނާއެކު ރާޅުގަނޑަށް ގެނައި އުޅަނދު ކައިރިއަށް ފަތާފައި ގޮސް ވަނީ އަޑު އުފުލާފަ އެވެ. ރާޅާ އެޅުންތެރިން ދަނީ ބްރިޖް އެޅުމުން ރާޅުގަނޑު ނެތިގެންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބްރިޖް އެޅުމުގެ މަސައްކަތަށް ޓަގެއްގެ އެހީގައި މިއަދު ހަވީރު ރާޅުގަނޑަށް ގެނައި އުޅަނދު ކައިރިއަށް ރާޅާ އެޅުންތެރިން ދިޔުމުން އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ. އުޅަނދު ކައިރިއަށް ރާޅާ އެޅުންތެރިން ދިޔުމުން ފުލުހުންނާއި ސިފައިން ވަނީ އެމީހުންނަށް ނަސޭހަތްދީ، ފަހަތަށް ޖައްސާފަ އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، ސިޔާސީ ވިސްނުމެއްގައި ގައުމީ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ކުރާ ކަންތައްތައް ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އަދި އެންމެން ވެސް ފުރަތަމަ ގައުމު އިސްކުރުމަށް މުއިއްޒު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރާޅާ އެޅުންތެރިން މިއަދު މޫދުގައި އަޑު އުފުލާފައިވާއިރު މިއަދާއި އިއްޔެ ވެސް ރާޅާ އެޅުންތެރިން ވަނީ ރާޅުގަނޑުގައި އަޑު އުފުލައި ބްރިޖް އެޅުމުގެ ސަބަބުން ރާޅުގަނޑު ގެއްލިގެންދާ ކަމަށް ބުނެ މުޒާހަރާ ކޮށްފަ އެވެ.