ހަބަރު

ކަރަންޓްގެ އަގު 10 އާއި 28 ޕަސެންޓަށް ހެޔޮކޮށްފި

  • ތެޔޮ ލީޓަރެއް އަށް ރުފިޔާއަށް ވުރެ ކުޑަ ނަމަ ސާވިސްޗާޖް ނުނަގާނެ
  • އަތޮޅުތަކުގެ ކަރަންޓްގެ އަގުތައް ވަނީ ހަމަހަމަކޮށްފައި
  • ފެބުރުއަރީ މަހުގެ ބިލުން ފެށިގެން އަގުތައް ހެޔޮވާނެ

ކަރަންޓްގެ އަގު 10 ޕަސެންޓާއި 28 ޕަސެންޓަށް ކުޑަކޮށް، ކަރަންޓްގެ އަގަށް މުޅިން އަލަށް ނަގާނެ ފީތައް އެނާޖީ އޮތޯރިޓީން މިއަދު އާންމުކޮށްފި އެވެ. މީގެ ކުރިން ވަނީ ސަބްސިޑީ ކަނޑާލައި ކަރަންޓް އަގަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރުން ވަނީ އެ ފީތައް ހެޔޮ ކުރަން ނިންމައިފަ އެވެ.

އާ ފީތައް އިއުލާން ކުރުމުގެ ގޮތުން އެ އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނުގައި ހިމަނާފައި ހުރި އާ ފީތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ދޭ ކަރަންޓްގެ ހިދުމަތުން ނަގާ އަގުތައް ވަނީ 20 ލާރި އާއި 60 ލާރިއާ ދެމެދުގެ އަދަދަކަށް ހެޔޮކޮށްފަ އެވެ. އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ނަގާ ފީތައް އެއްވަރުކޮށްފައިވާ އިރު، ބައެއް ބޭންޑްތަކުން ނަގާ އަގުތައް ވަނީ 55 ލާރި އާއި 150 ލާރިއާ ހަމަޔަށް ކުޑަކޮށްފަ އެވެ.

އެހެން ނަމަވެސް 600 އިން މަތީގެ ޔުނިޓްތަކަށް ނަގާ ފީއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެނާޖީ އޮތޯރިޓީ އިން ނިންމާފައި ވަނީ ކުރިން ވެސް ނަގާ، 4.25ރ. އެ ބޭންޑްގެ ޔުނިޓްތަކުން ނެގުމަށެވެ. އަތޮޅުތަކުގެ ކަރަންޓްގެ ހިދުމަތުން 200 ޔުނިޓުން 400 ޔުނިޓާއި 600 ޔުނިޓުން މަތީގެ ބޭންޑްތަކުން ނަގާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

މާލޭގެ ރޭޓްތައް:

0 - 100 ޔުނިޓް: 1.50 ރުފިޔާ
101 - 200 ޔުނިޓް: 1.70 ރުފިޔާ
201 - 300 ޔުނިޓް: 2.15 ރުފިޔާ
301 - 400 ޔުނިޓް: 2.50 ރުފިޔާ
401 - 500 ޔުނިޓް: 2.95 ރުފިޔާ
501 - 600 ޔުނިޓް: 3.55 ރުފިޔާ
601 ޔުނިޓް މަތި: 4.25 ރުފިޔާ

އަލަށް ކަނޑައެޅި ރޭޓްތަކަކީ ތެޔޮ ލީޓަރެއް މިހާރު ގަންނަން ލިބޭ 7.05 ރުފިޔާ ކަމަށް ބަލައިގެން ކަނޑައަޅާފައިވާ ރޭޓްތަކެވެ. އެނާޖީ އޮތޯރިޓީން ބުނާގޮތުގައި ކުންފުނިތަކަށް ޑީސަލް ލީޓަރެއް ލިބޭ އަގު އަށް ރުފިޔާއަށް އަރަންދެން ބިލްގައި ފިއުލް ސާޗާޖެއް ނުހިމަނާނެ އެވެ. އެއަށްވުރެ މަތިވެއްޖެނަމަ ހިދުމަތް ހޯދާ ފަރާތްތަކުގެ ބިލުގައި ފިއުލް ސާޗާޖް ހިމެނޭނެ އެވެ. ފިއުލް ސާޗާޖް ނެގުމަށް ހަމަޖެހިފައިވަނީ ތެޔޮ ލީޓަރަކަށް އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކުން ތިން ލާރީގެ އުސޫލުންނެވެ.

އަތޮޅުތަކުގެ ރޭޓްތައް:

0 - 100 ޔުނިޓް: 2.20 ރުފިޔާ
101 - 200 ޔުނިޓް: 2.75 ރުފިޔާ
201 - 300 ޔުނިޓް: 3.40 ރުފިޔާ
301 - 400 ޔުނިޓް: 3.50 ރުފިޔާ
401 - 500 ޔުނިޓް: 4.00 ރުފިޔާ
501 - 600 ޔުނިޓް: 4.50 ރުފިޔާ
601 ޔުނިޓް މަތި: 5.50 ރުފިޔާ

އާންމު ގޭބިސީތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އަގުތަކަށް އަލަށް މި ގެނައި ބަދަލުތަކަކީ. ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ދެވޭނެ އުސޫލުތަކަށް ބަލައިގެން ކަނޑައެޅިފައިވާ އުސޫލުތަކެއް ކަމަށް އެނާޖީ އޮތޯރިޓީ އިން ބުންޏެވެ. އެގޮތުން ލުއިދޭނެ މިންގަނޑުތަކެއް ކަނޑައަޅާފައިވަނީ އެވަގުތަކު ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ތެޔޮ ގަންނަން ލިބޭ އަގުތަކަށް ރިޔާއަތްކޮށް ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.