ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)

ޕީއެންއެފް ރަޖިސްޓްރީކުރަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައި އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އަށް 3،000 މެންބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅައިފި އެވެ.

ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އުއްމީދަކީ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވީހާވެސް އަވަހަށް ދިނުން ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ހުށަހެޅުއްވީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުالله ޔާމީންގެ މަސްއޫލުވެރިކަމުގައެވެ.

ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިން އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ.

ޕީއެންއެފް އިން ބޭނުންވީ މަސްއޫލުވެރިންގެ ގޮތުގައި އަށް ބޭފުޅަކު ހިމެނުމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދު އޭރު އޮތް ގޮތުން ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދި ހުށަހަޅަންޖެހެނީ އެންމެ މީހެއްގެ ނަމުގައެވެ. އެކަމަކު މިހާރު ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.

ޕީއެންއެފްގެ އެންމެ އިސް އަށް ބޭފުޅުން

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން
  • ކުރީގެ ނައިބް ޑރ. މުހައްމަދު ޖަމީލް އަހްމަދު
  • ޒޭން އަބްދުﷲ ޔާމީން
  • ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމް
  • މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް
  • ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު
  • ޑރ. ޖިހާދު

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ދުވަހުން ފެށިގެން އެ ޕާޓީއަކަށް 3،000 މެންބަރުން ހަމަކުރުމަށްފަހު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް ލިބޭނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ޓީމުން މިހާރު ވަނީ ޕީއެންއެފްގެ ލޯގޯ އަަދި ކުލަ އިއުލާންކޮށް އެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށްފަ އެވެ.

ރައީސް ޔާމީން އެންމެ ފަހުން ހުންނެވި ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވާކަން އެމަނިކުފާނުގެ ޓީމުން އިއުލާންކުރެއްވީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް ޔާމީން މީގެކުރިން ވަނީ ޕީޕަލްސް އެލަޔަންސްގެ ނަމުގައިވެސް ޕާޓީއެއް އުފައްދަވާފަ އެވެ. ޕީއެންއެފްގެ ނަމާއި، ކުލަ، ޕީޕަލްސް އެލަޔަންސްގެ ނަމާއި ކުލައާއި ވަރަށް ބޮޑަށް އެއްގޮތެވެ.