ދުނިޔެ

އަސީރުން މިނިވަންކޮށްފިނަމަ އިޒުރޭލުން ރޯދަ މަހަށް ހަނގުރާމަ ހުއްޓާލާނެ: ބައިޑަން

އިސްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މުސްލިމުންގެ ރޯދަ މަހާ ދިމާކޮށް ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވި ގޮތުން ހަމަލާތައް ހުއްޓާލަން އިޒުރޭލު އެއްބަސްވަނީ ހަމާސް އިން ރަހީނުކޮށްފައި ތިބި ހުރިހާ ޔަހޫދީން މިނިވަން ކުރުމުންނެވެ.

މިފަދަ ހަރުދަނާ އެއްބަސްވުމަކަށް އާދެވުމަކީވެސް ހަމަލާތައް ލުއިވުމަށް އޮތް ޝަރުތެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާގެ އެންބީސީ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ރަމަޟާން މަސް ދާދި ގާތްވެއްޖެ ކަމަށާއި ސުލްހައަށް މަގުފަހިކުރުމަށް ހަމަލާތައް މެދުކަނޑާލުމަކީވެސް އިޒުރޭލުން ވިސްނާ ވިސްނުމެއް ކަމަށެވެ.

މާރިޗު ހަތަރު ވަނަ ދުވަހާ ހިސާބުގައި ސުލްހައިގެ އެއްބަސްވުމަކަށް އާދެވި، ހަމަލާތައް މެދުކަނޑާލުމަކީ އުއްމީދެއް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވި ގޮތުން އޭނާއަށް ލަފާއަރުވަނީ އުއްމީދީ ގޮތަކަށެވެ. އޭނާގެ ދިފާއީ މުޝީރު ވިދާޅުވި ކަމަށް ބައިޑަން ވިދާޅުވީ މަޝްވަރާތައް ކޮޅެއްގައި ޖެހުން ދުރުނޫން ކަމަށެވެ. އަދި ސުލްހަ އޮތީ ލޮލުކޮޅަށް ފެންނަ ހިސާބުގައި ކަމަށް މުޝީރު ވިދާޅުވި ކަމަށް ބައިޑަން ވިދާޅުވި އެވެ.

ހަމަލާތައް މެދުކަނޑާލުމަށް ކުރެވޭ މަޝްވަރާތަކަށް ދެ ކޮޅުން -- އިޒުރޭލާއި ހަމާސް އިން އިހުތިރާމްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ބައިޑަން، ނޫސްވެރިންނަށް ވިދާޅުވި އެވެ. މަސްލަހަތު ފުށުއަރައި ހަމަލާތަކަށް ފުރުސަތު ނުދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ހަމާސްގެ އަސްކަރީ ގޮފިން މިދިޔަ އޮކްޓޯބަރު ހަތެއްގައި ޔަހޫދީންނަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި -- މިހާތަނަށް 29،782 މީހަކު ވަނީ މަރުވެފަ އެވެ.

ޔަހޫދީންގެ ހަމަލާތައް ދާދި އެއްވާނެއްގައި މިހާރުވެސް ދަނީ ކުރިއަށެވެ. އެއްގަމު މަގުން އަދި ވައިގެ މަގުންވެސް ޣައްޒާގެ އެކި ހިސާބުތަކަށް އިޒުރޭލުން ދަނީ ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި ކޮންމެ ދުވަހަކު ވެސް އާންމުންގެ އެތައް ބަޔަކު މަރުވެ އެވެ.