ހޮލީވުޑް

"ބިއުޓީ އެންޑް ދަ ބީސްޓް" ގައި ބިއުޓީއަކަށް އެމާ ވޮޓްސަން

ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމުގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމުގައި ބެލާގެ ރޯލު ކުޅޭނީ އެމާ ވޮޓްސަން އެވެ.

އިނގިރޭސި ވިލާތުގެ ޒުވާން މި ބަތަލާ ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދާފައި ވަނީ "ހެރީ ޕޮޓާ" ފިލްމު ސިލްސިލާގައި އަހަރުތަކެއް ވަންދެން ކުޅުނު ހަމައިނީ ގްރޭންޖާގެ ރޯލުންނެވެ. "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލީޑް އެކްޓްރެސްގެ ރޯލު ލިބިފައިވާކަން ވޮޓްސަން އިއުލާނުކޮށްފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.

އުމުރުން 24 އަހަރުގެ ބަތަލާ ބުނެފައި ވަނީ މިއީ ގަބޫލުކުރަން ވެސް އުނދަގޫ އަދި އެހާމެ އުފާވެރި ކަމެއް ކަމަށާއި ކެރިއަރު ތަރައްގީކުރުމަށް ކުރަމުންދާ ދަތުރުގައި ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފިލްމުގައި ބެލާގެ ރޯލު ކުޅޭނީ ވޮޓްސަންކަން ޑިޒްނީ އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ޚަބަރާ އެކު މުޅި އިންޓަނެޓުގައި، "ބިއުޓީ އެންޑް ދަ ބީސްޓް" އާއި ވޮޓްސަންގެ ފޭނުން ދަނީ އުފާފާޅުކުރަމުންނެވެ.

"ހެރީ ޕޮޓާ" ގެ ފިލްމު ސިލްސިލާ 2011 ވަނަ އަހަރު ނިމުމަކަށް އައި ފަހުން ވޮޓްސަން އަށް ބޮޑު ރޯލެއް ލިބިފައެއް ނުވެ އެވެ. އެންމެފަހުން އޭނާ ބޮޑު ސްކްރީނުން ފެނިގެން ދިޔައީ ރަސަލް ކްރޯ ލީޑް ރޯލުކުޅެފައިވާ ފިލްމު "ނޯއާ" އިންނެވެ.

ޑިޒްނީގެ "ބިއުޓީ އެން ދަ ބީސްޓް" ޑައިރެކްޓްކުރާނީ "ގޯޑްސް އެންޑް މޯންސްޓާސް" ގެ ޑައިރެކްޓަރު ބިލް ކޮންޑޮން އެވެ. އޭނާ އަކީ "ޓްވައިލައިޓް" ސިލްސިލާގެ ފަހު ދެ ފިލްމު ވެސް ޑައިރެކްޓްކުރި ފަރާތެވެ.

އޮރިޖިނަލް "ބިއުޓީ އެންޑް ދަ ބީސްޓް" އެނިމޭޓެޑް ފިލްމު ނެރުނީ 1991 ވަނަ އަހަރު އެވެ. މި ފިލްމަކީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ކެޓަގަރީގައި ވާދަކުރި ފުރަތަމަ އެނިމޭޓެޑް ފިލްމެވެ.

އެ ފިލްމުގައި ބެލާގެ ރޯލަށް އަޑު އަޅައިދީފައި ވަނީ ޕެއިޖު އޮހާރާ އެވެ. ބީސްޓް އަކީ ރޮބީ ބެންސަން އެވެ. މި ފިލްމަކީ އޭގެ މަޝްހޫރު ދެ ލަވަ ކަމުގައިވާ "ބީ އަވާ ގެސްޓް" އާއި "ސަމްތިން ދެއާ" އަށް ވެސް ބޮޑު ތަހުރީބެއް ލިބި ގިނަ ބައެއްގެ ހިތުގެ އެންމެ ފުންމިނުން ޖާދަ ދީފައިވާ ފިލްމެކެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ލައިވް އެކްޝަން ފިލްމެއް ޑިޒްނީ އިން ކުރިން ގެނެސްދީފައެއް ނުވެ އެވެ. ނަމަވެސް 1994 ވަނަ އަހަރު "ބިއުޓީ އާއި ބީސްޓް" ސްޓޭޖުމަތިން ވެސް ފެނިފައިވެ އެވެ.

މިފަހުން އައިސް ޑިޒްނީ އިން އެމީހުންގެ ކްލެސިކް ކާޓޫނު ފިލްމުތައް ލައިވް އެކްޝަން ފިލްމުތަކަށް ބަދަލުކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިފަހުން ނެރުނު "މެލްފިސެންޓް" އާއި "ސިންޑްރެލާ" އާއި "އެލިސް އިން ވޮންޑަލޭންޑް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.