ރާއްޖެ ކުޅިވަރު

ތަށި ހޯދާނީ ޓޮޓެންހަމް: ރަނިއޭރީ

މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގު ހޯދާނީ މިވަގުތު ދެ ވަނާގައި އޮތް ޓޮޓެންހަމް ކަމަށް ޓޭބަލުގެ އެއްވަނާގައިވާ ލެސްޓާ ސިޓީން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ ހުރިހާ ގޮތަކުން ވެސް މި ސީޒަނުގައި ޓޮޓެންހަމް ވަރުގަދަ ކަމަށެވެ. މި ދެ ޓީމުގެ މެދުގައި އޮތީ އެންމެ ދެ ޕޮއިންޓްގެ ތަފާތެކެވެ.

"އެންމެން ވެސް ދައްކަނީ ލެސްޓާ ސިޓީގެ ވާހަކަ. އެއްވެސް މީހަކު ޓޮޓެންހަމްގެ ވާހަކަ ނުދައްކާ. އެހެންވިޔަސް އަހަރެންގެ ނަޒަރުގައި ލީގު ހޯދާނީ ޓޮޓެންހަމް،" ޗެލްސީގެ ކުރީގެ ކޯޗު ރަނިއޭރީ ބުންޏެވެ.

އޭނާ އަދި ބުނީ މި ސީޒަނުގައި ޕްރެމިއާ ލީގުން ފެނިގެންދަނީ ބޮޑެތި ކުލަބުތަކާއި އާދައިގެ ކުލަބުތަކުގެ މެދުގައި އޮތް ތަފާތު ނެތެމުންދާތަން ކަމަށެވެ.

އަދި މި ސީޒަނުގައި ލެސްޓާ ހޯދަމުން އަންނަ ކާމިޔާބީ ވަރަށް ފުރިހަމަ ކަމަށާއި އެގޮތުގައި ކުރިއަށްދާނެ ހިތްވަރު އެ ޓީމުގައި ހުރި ކަމަށް ވެސް ރަނިއޭރީ ބުންޏެވެ.

"އެކަމަކު އަހަރެން ބުނާނީ ތަށި ހޯދަން ބަލާއިރު ހަގީގީ ފެވަރިޓުންނަކީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ފަދަ ކުލަބުތަކޭ،" ރަނިއޭރީ ބުންޏެވެ.