ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އަންނަ ހުކުރު ދުވަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް ރަސްމީކޮށް ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނ. މަނަދޫގައި މިރޭ އެރަށު ރައްޔިތުންނާ އެކު ރައީސް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓަކާއި މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި ހިމެނޭ މަތިންދާ ބޯޓެއް އެކަމަށް ހާއްސަކޮށްފައިވާ ކަމަށެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ އެކު ބަލި މީހަކު ގެންދަންޖެހޭ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކުވެސް ގެންދިއުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ލަންކާއާ ހިސާބަށް ދާން ވިޔަސް ގެންދެވޭނެ. އަދި އެ ތަނަށް މަޑުކޮށްފައި ތެޔޮ އަޅައިގެން އެއަށް ވުރެ ދުރަށް ވެސް ގެންދެދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުންނަމަ އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ސީޕްލޭން ބޭނުންކޮށްގެން ހިދުމަތް ދޭނީ ދުވާލުގެ ވަގުތުގައެވެ. ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އެއާ އެމްބިއުލާންސްގެ ހިިދުމަތް ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތާއި އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބައްލަވާލައްވާފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.