ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އިތުރު 560 މީހަކަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަ ފަހުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ދެވަނަ ފަހަރަށް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު މިހާރު ވަނީ ރޯދަ ފަހަށް ފަސްކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ މަޖިލިސް އިންތިހާބު އަންނަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބު އޭޕްރީލަށް ފަސްކުރުމާ ގުޅިގެން 560 މީހަކަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންދާ ކަމަށެވެ. މިބަދަލާ އެކު މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 284،887 މީހުންނަށް އިތުރު ވާނެ އެވެ.
އިންތިހާބު ފަސްކުރުމާ ގުޅިގެން ރީ ރަޖިސްޓްރީވުމަށް ތިން ދުވަހުގެ މުއްދަތެއް އަލުން ދިނުމަށްވެސް އީސީ އިން ވަނީ ނިންމާފަ އެވެ. މިމުއްދަތުގައި ރީރަޖިސްޓްރީ ކުރާ އަަދަދުތަކަށް އަންނަަ ބަދަލާ ގުޅިގެން ރާއްޖެ އިން ބޭރުގައި އަދި ބައެއް ރިސޯޓްތަކުގައި އިތުރު ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އޮތުމުން ވޯޓު ފޮށީގެ ޖުމްލަ އަދަދަށްވެސް ބަދަލު އައުމަކީ ވެދާނެ ކަމެއް ކަމަށް އީސީ އިން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް އަދި މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ.