މިނިސްޓަރު އަލީ އިހުސާން

ބޭނުން ތަނަކު ޕާކެއް ނުކުރެވޭނެ، ފިޔަވަޅު އަޅާނަން: އިހްސާން

ބޭނުންހާ ތަނަކު ޕާކް ނުކުރެވޭނެ ކަމަށާއި އެގޮތަށް އަމަލުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ސޯޝަލްމީޑިއާގައި ފާޅުކުރެއްވި ކަންބޮޑުވުމަކާ ގުޅިގެންނެވެ.

ހާތިފް ވިދާޅުވީ މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގައި އާންމު މީހެއްގެ ސައިކަލް ޕާކް ކޮށްފައި ހުރުމުން އެ މައްސަލަ ގަލޮޅު ޕޮލިހަށް ހުށަހެޅުމުން ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ބުނެ ފުލުސް އޮފިސަރު ޖަވާބު ދެއްވި ކަމަށެވެ.

"އެ މީހަކު ބޭނުންތާކު ޕާކް ކުރަންވީ. މަގުމަތީގައިވެސް އެހެން މީހުންގެ ގެ ނުވަތަ ގޯތީގައިވެސް [ޕާކް ކުރަންވީ]. އެއީ ފުލުހުން ކަންބޮޑުވާ ކަމެއް ނޫން،" ހިތްހަމަޖެހިވަޑައިނުގެން ހާތިފް ލިޔުއްވާފައިވެ އެވެ.

އެކްސްގައި އާތިފް ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ހާތިފް ފުލުހަށް ގުޅި ވަގުތާއި އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާތިފަށް ޖަވާބު ދެއްވި ނަންބަރު ހިއްސާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ހާތިފް އެ މައުލޫމާތު ހިއްސާކުރެއްވުމާ ގުޅިގެން މިނިސްޓަރު އިހްސާން ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އެއްވެސް މީހަކަށް އެ މީހަކު ބޭނުން ތަނެއްގައި އުޅަނދު ޕާކް ނުކުރެވޭނެ ކަމަށާއި އެގޮތަށް އަމަލުކުރާ މީހުންނާ ދެކޮޅަށް ފުލުހުންނަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ ހާތިފް ވިދާޅުވި ގޮތަށް ފުލުސް އޮފިސަރު ޖަވާބު ދެއްވާފައިވާނަމަ އެކަމަށް މައާފށް އެދިވަޑައިގަންނަވާ ކަމަށެވެ.

މާލޭގައި ޕާކިން މައްސަލަ ބޮޑުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު ވަނީ ޕާކް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުން ޕާކީން ޖާގަތައް ހެދެންދެން ސްޓިކާ ޖެހުން ތަންފީޒުކުރުން ހުއްޓާލާފަ އެވެ.