ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު ބާއްވާ ދުވަސް ބަންދު ދުވަހަކަށް ހެދުމަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވާ އޭޕްރީލް 21 ވަނަ ދުވަހަކީ އާދިއްތަ ދުވަހަކަށް ވާތީ އެއީ ސަރުކާރުގެ ރަސްމީ ދުވަހެކެވެ.

ރަސްމީ ދުވަހަކު އިންތިހާބު ބޭއްވުމަށް އީސީ އިން ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އީސީގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބު ބާއްވާ ދުވަހަކީ ސަރުކާރުގެ ރަސްމީ ދުވަހަކަށްވީ ނަމަވެސް ގައުމީ އިންތިހާބުތައް ބާއްވާއިރު އީސީ އިން އެދިއްޖެނަމަ އެފަދަ ދުވަސްތައް ބަންދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން އަބަދުވެސް ހަމަޖައްސައިދޭ ކަމަށެވެ. އެގޮތުން އޭޕްރީލް 21 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އާ ކަމެއްވެސް ނޫން. އިންތިހާބުތަކާ ގުޅިގެން މީގެކުރިންވެސް އެބަހުރި ރަސްމީ ދުވަސްތައް ބަންދު ދުވަހުގެ ގޮތުގައި ހަމަޖައްސާފައި،" އޮފިޝަލް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަސް ދިމާވަނީ ރޯދަ މަހަށް ކަމަށްވެފައި ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އަންނަ މަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ފަސްކުރީ އެވެ.