ހަބަރު

ރާއްޖޭގެ ފަރާތްތަކަށް ފިޔަވަޅު އަޅަން ތާއީދު ކުރަން: އައިޑީޔޫ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވާ ގޮތަށް ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ވަކި ބަޔެއްގެ ފޮރިން އެސެޓްތައް ފްރީޒްކޮށް، ދަތުރުކުރުން މަނާކުރުމަށް ތާއީދުކުރާ ކަމަށް އިންޓަނޭޝަނަލް ޑިމޮކްރެޓް ޔޫނިއަން (އައިޑީޔޫ) އިން ބުނެފި އެވެ.

އައިޑީޔޫ އިން ރާއްޖެއާ ގުޅޭ ގޮތުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތާމެދު ކަންބޮޑުވާ ކަމަށާއި ސަރުކާރުން ކޯޓުތަކުގެ ބޭނުންކޮށްގެން އިދިކޮޅު ސިޔާސީ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލަމުންދާ ކަމަށެވެ.

"... މިޑިއާތަކަށާއި ސިވިލް ސޮސައިޓީއަށް ދެމުންދާ ހަމަލާތަކާއި އުނދަގޫތަކާމެދު ކަންބޮޑުވަން، އިދިކޮޅު ފަރާތްތަކަށް އަޑުއުފުލުމުގެ ފުރުސަތު ހަނިވަމުންދާތީ ވެސް ކަންބޮޑުވޭ، އަދި ޝަރުއީ ދާއިރާގައި ސިޔާސީ ފަރާތްތައް އިތުރުވެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލެމުންދާކަން ރާއްޖެއިން ވަނީ ފާހަގަކުރެވިފައި،" ބަޔާނުގައިވެ އެވެ.

އައިޑީޔޫއިން ބުނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ދިން ހުއްދައަށް މަރުހަބާ ކިޔާ ކަމަށާއި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާއަށް ދިއުމަށް ނިންމުމުން ވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެ ޖަލު ހުކުމް އިތުރަށް ދިރާސާ ކުރުމަށާއި "އާބިޓްރަރީ" ކޮށް ހައްޔަރުކޮށްފާނެ ކަމުގެ ބިރެއް ނެތި ގައުމަށް ދެވޭނެ ގޮތް ހަދައިދޭން ގޮވާލާ ކަމަށެވެ. އަދި ޝަރުތަކާ ނުލާ ހުރިހާ "ސިޔާސީ ހައްޔަރީން" ދޫކޮށްލަން ގޮވާލާ ކަމަށާއި މާނަ ހުރި ގޮތެއްގައި މަޝްވަރާ ކުރެވޭނީ އެގޮތުގައި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ރާއްޖެ އަލުން ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އދ. އިން ރާއްޖެއާއެކު ކައިރިން މަސައްކަތް ކުރަން ވެސް އައިޑީޔޫއިން ގޮވާލި އެވެ.