އޭސީސީ

އެމްޕީއެލް ކުރީގެ އެމްޑީ، މިހާރުގެ ޑެޕިއުޓީ ސީއީއޯ މަހުދީއަށް ދައުވާކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަދި މިހާރުވެސް އެ ކުންފުނީގެ އިސް މަގާމެއްގައި ހުންނެވި މަހުދީ އިމާދު މަގާމުގެ ނުފޫޒުގެ ބޭނުން ކުރައްވައި އޭނާގެ އާއިލީ މީހުނަށް ކުންފުނިން ވަޒީފާ ދިން ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ، މަހުދީ ވަނީ 2006 ވަނަ އަހަރު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނެވި އިރު، ބާރާއި ނުފޫޒު ބޭނުންކުރައްވައި އޭނާގެ ގާތްތިމާގެ މީހުނަށް އެމްޕީއެލްގެ އެކި އެކި ވަޒީފާތައް ދީފައި ކަމަށެވެ. އެގޮތުން އޭރު އެމްޕީއެލްގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އާންމުކުރި ބައެއް އިއުލާން ތަކުގެ މުއްދަތު ހަމަވި ފަހުން ވެސް އޭނާއާ އާއިލީ ގުޅުން ހުރި މީހުންގެ ސީވީ ބަލައިގަނެ، އެމީހުންނާ އިންޓަވިއުކޮށް ވަޒީފާ ދީފައިވާ ކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

-- 2006 ވަނަ އަހަރު އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މަހުދީ އިމާދު އެވެ. އޭނާ އެމްޕީއެލްގެ ސީއީއޯ އަކަށް ހަމަޖެއްސީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަދަލުކޮށްފައި ވަނީ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގަ އެވެ. --

"... މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިއުލާނެއްގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އެސިސްޓެންޓް ޔާޑް ސުޕަވައިޒަރުގެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން މޭ 9، 2006 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް ސިޓީ ހުށަހެޅުމަށް ބަޔާން ކޮށްފައި އޮތް ނަމަވެސް، މެއި 17، 2006 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެ މަގާމަށް އެދި ސިޓީ، އަދި މެއި 28، 2006 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ 'ވަޒީފާއަށް އެދޭ ފޯމް' އެ އޮތޯރިޓީއަށް ހުށަހަޅާފައިވާކަން މި މައްސަލައިގައި ތަހުގީގަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތަތީ އާއި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އިއުލާނުގެ މުއްދަތު ހަމަވުމުގެ ފަހުން ވަޒީފާއަށް އެދި ސިޓީ ހުށަހަޅާފައިވާ ފަރާތާ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީން އިންޓަވިއުކޮށް، އިންޓަވިއު ޝީޓްގެ ކަނެއްގައި 'އޯކޭ' މިގޮތަށް ލިޔެ މެއި 25، 2006 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށްފައިވާކަން އެ އިންޓަވިއު ޝީޓުން އެނގެން އޮތެވެ،" އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

އޭސީސީން ބުނީ އިއުލާނުގެ މުއްދަތު ހަމަވިތާ ނުވަ ދުވަސް ފަހުން އެ އޮފީހަށް ސީވީ ހުށަހެޅި ފަރާތްތަކާއި އިންޓަވިއުކޮށްފައިވަނީ ވެސް މެނޭޖިން ޑިރެކްޓަރުކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި އެކުންފުނިން އޭރު ހުސްވި އެސިސްޓެންޓް ޔާޑް ސުޕަވައިޒަރެއްގެ މަގާމަށް ހޮވުނު ފަރާތާ އިންޓަވިއުއަށް ގުޅައި، ވަޒީފާ ހަމަ ޖެހުނުކަން އަންގާ ޗިޓުގައި ސޮއިކުރެއްވި ކަމަށް އޭސީސީގެ ތަހުގީގަށް އޭނާ އިއުތިރާފް ވެފައިވާ ކަމަށެވެ.

އޭސީސީން ބުނީ، މެނޭޖިން ޑިރެކްޓަރު އަމިއްލަފުޅަށް ގުޅުއްވައި އިންޓަވިއުއަށް ގެނެސް އެސިސްޓެންޓް ޔާޑް ސުޕަވައިޒަރުގެ ވަޒީފާ ދިން މީހާއަކީ މެނޭޖިން ޑިރެކްޓަރާ އާއިލީ ގޮތުން ގާތް ގުޅުމެއް ހުރި ފަރާތެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށާއި އެހެންކަމުން އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ކަނޑައަޅައި، މައްސަލާގައި ދަވާކޮށްދޭން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި ދައުވާކުރަން ނިންމާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނުނުގެ 12 ވަނަ މާއްދާގެ ދަށުންނެވެ.