ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮތް މާލޭގެ ދޮންއަދަރާދަ ހިނގުން އާންމު ބޭނުންތަކަށް އަލުން ހުޅުވާލުމަށް ތައްޔާރުވެއްޖެ އެވެ.
މަގު އަލުން ހުޅުވާލުމަށް ތައްޔާރުވެފައިވާތީ ސްޓެލްކޯ އިން މިއަދު ވަނީ މަގު ހުޅުވުމަށް ވެފައިވާ ތައްޔާރީތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ދޮންއަދަރާދަ ހިނގުން ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ދޮންއަދަރާދަ މަގު އަލުން ހުޅުވާލާއިރު އެ މަގުގައި އަލުން ގާ އަތުރައި މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތިވެސް ވަނީ ހަރުކޮށްފަ އެވެ. ދޮންއަދަރާދަ މަގުން އަލުން ހުޅުވާލާތީ އެ މަގުގެ ދެ ފަރާތުގައިވާ ސްޓެލްކޯގެ ދެ އިމާރާތް ވަނީ މަތިން މަގު ހުރަސްކޮށް ބްރިޖަކުން ގުޅާލާފަ އެވެ.
ދޮންއަދަރާދަ މަގު ބަންދުކޮށް މީގެކުރިން އެތަނުގައި ބަހައްޓާފައި ހުރީ ސްޓެލްކޯގެ 17 ޖަނަރޭޓަރެކެވެ. މި މަގު އަލުން ހުޅުވާލާލާތީ އެ ޖަނަރޭޓަރުތައް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
ދޮންއަދަރާދަ މަގު 2010 ވަނަ އަހަރު ބަންދުކުރީ މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށްޓަކައި އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައި އޮތް ފޯތު ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެ އެކަމަށް ހައްލެއް ހޯދުމަށެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ އިންޖީނުގެއާއި މާލޭ އިންޖީނުގެ އިންޓަކަނެކްޝަނަކުން ގުޅާލައި ހުޅުމާލެއިން ކަރަންޓް އިމްޕޯޓް ކުރަން ފަށާފައިވާތީ ދޮންއަދަރާދަ މަގަށްވާ ގޮތަށް ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރުސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބައު އިންޖީނުގެއަށް ބަދަލުކޮށްފައި ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ އެ މަގު ހުޅުވިގެން ދިއުމާއެކު އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި އޭރުން އެކަމުގެ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާގީގީ މާނައިގައި ލިބެމުންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަން ވާއިރަށް މަގުހުޅުވާލެވޭނެ. އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމިއޮންނާނީ ރައްޔިތުންގެ ހިދުމަތުގައޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ ދޮންއަދަރާދަ މަގު އަލުން ހުޅުވާލުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށައި ދުވަސް ކަމަށެވެ. މި މަސައްކަތުގެ ބުރަކަން އިހްސާސްވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި މިއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.