ރައްޔިތުންގެ މަޖިލިސް

ރިއަލް އެސްޓޭޓް ވިޔަފާރި ހަރުދަނާކުރަން ބިލެއް

ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ވިޔަފާރި ހަރުދަނާކޮށް ކުރިއެރުވުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ތައާރަފު ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވިފައިނުވެ އެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ވިޔަފާރި ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ޖަވާބުދާރީ ކުރުވަނިވި ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.

އެ ގޮތުން ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި ޑިވެލޮޕަރުން ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި ޒިންމާތައް ކަނޑައެޅުމާއި ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކުން ތަރައްގީކުރެވޭ ތަންތަން ގަންނަ މީހުންގެ މަސްލަހަތު ރައްކާތެރިކުރެވޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްވެސް މީހަކު ހިލާފުވުމުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ އަމަލު ހިންގި މީހަކާ ދެކޮޅަށް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ކަމުގެ މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބޭ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ވަނީ ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފަ އެވެ.

އެ ގޮތުން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެ މީހަކު 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ އެ މީހަކު ހިންގި މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަގުގެ 10 ޕަސަންޓުން ޖޫރިމަނާކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.