ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައިވަނީ ހެނދުނު 9:00 ގަ އެވެ.
މަޖިލީހުގެ ޖަލްސާ ހެނދުނު މިއަދު ހެނދުނު 9:00 ގައި ފެށުމަށް މަސައްކަތް ކުރި ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އަދަދު ހަމަނުވާ ކަމަށް ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
އޭރު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 11 މެންބަރުން ކަމަށާއި އެހެންކަމުން 9:30 ގައި އަލުން ޖަލްސާ ކުރިއަށް ގެންދަން ގަސްތު ކުރައްވާ ކަމަށް އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
އަލުން ޖަލްސާ ފެށުމަށް މަސައްކަތްކުރި ނަމަވެސް ކޯރަމް ހަމަވެފައިނުވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ފެށެން ނެތް ވާހަކަ ދަންނަވަން. އަދި މި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދަންނަވަން،" ޖަލްސާގެ ރިޔާސަތުގައި އިންނެވި އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު މި ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް މަޖިލީހަށް ތައާރަފުކުރުން ހިމެނެ އެވެ.