ދުނިޔެ

އެމެރިކާގެ އިޒުރޭލު އެމްބަސީގައި މީހަކު މަރުވި މައްސަލަ ބަލަނީ

އިޒުރޭލުގައި ހުންނަ އެމެރިކާ އެމްބަސީގައި، އެ އެމްބަސީގެ މުވައްޒަފަކު ސަބަބު އަދި އެނގިފައި ނެތް ހާލަތެއްގައި މަރުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެެވެ.

މި މައްސަލައާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވާހަކަދައްކާކަށްވެސް ބޭނުމެއް ނުވި އެވެ. ހަމަނައެކަނި ބުނީ އެމެރިކާ އެމްބަސީގައި މީހަކު މަރުވި ވާހަކަ އަކީ ތެދެއް ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މެޓް މިލާ ވިދާޅުވި ގޮތުން މައްސަލަ އަކީ ގައުމީ ސަލާމަތާ ބެހޭ މައްސަލަ އެކެވެ. އިތުރު މައުލޫމާތު އާންމުކުރެވެން އޮތީ ތަރުޖަމާން ވިދާޅުވި ގޮތުން ކަން ހިނގައި ދިޔަ ގޮތް ރަނގަލަށް ބެލުމަށްފަހު އެވެ.

އިޒުރޭލުގައި ހުންނަ އެމެރިކާ އެމްބަސީގައި -- އެމެރިކާގެ ރައްޔިތަކު މަރުވުން ބޮޑު ކަމަކަށް ވެފައި މިވަނީ -- މިދާކަށް ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ހުންނަ އިޒުރޭލު އެމްބަސީ ދޮށުގައި، އެމެރިކާ މީހަކު އަމިއްލައަށް ގައިގައި ރޯކޮށްލައި މަރުވި ހާދިސާގައި އެމެރިކާ ސިހިފައި ވަނިކޮށެވެ.

އިޒުރޭލު އެމްބަސީ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލި އޭރަން ބުޝްނެލް ނަމަކަށް ކިޔާ މީހާ އަކީ ރިޕޯޓްތައް ބުނާ ގޮތުޮން އެމެރިކާގެ ވައިގެ ސިފައިންގެ ޕައިލެޓެކެވެ.

އޭނާ ގައިގައި ރޯކޮށްލުމުގެ ކުރިން އެކަން ކުރަން ޖެހުނު ސަބަބު ކިޔައިދިނެވެ. އެއީ ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް އެމެރިކާ ތާއީދުކުރާތީ އެވެ.

އޭނާ މިހާރު ވަނީ މަރުވެފަ އެވެ. މަރުވުމުގެ ކުރިން ލިޔެފައި އޮތް ލިޔުމެއްގައި ބުނެފައިވާ ގޮތުން އެމެރިކާއިން ހިންގާ ޖަރީމާތަކުގައި އޭނާގެ ބައިވެރިވުމެއް އަދި ހިއްސާއެއް ވެސް ނޯންނާނެ އެވެ.

އެމެރިކާގެ އިޒުރޭލު އެމްބަސީގައި މަރުވި މީހާއާ މެދުވެސް ހީކުރެވެނީ މިފަދަ ކޮންމެވެސް ހާލަތެއް މެދުވެރިވީ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުން ދޭހަވަނީ އެމެރިކާއަށް ލަދުވެތި ކޮންމެވެސް ކަމެއް މެދުވެރީ ކަމަށެވެ.

މިދިޔ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ ފަލަސްތީން މީހުން ވަނީ މަރުވެފަ އެވެ.

މިއީ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ޖަރީމާތަކެއް ކަމަށް އިންސާނިއްޔަތަށް ލޯބިކުރާ ގައުމުތަކުން ބުންޏަސް، ނުފޫޒުގަދަ ގައުމުތައް -- އެމެރިކާއާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނަށް ނިސްބަތްވާ ގިނަ ގައުމުތަކުން އެކަން ގަބޫލެއް ނުކުރެ އެވެ.