( 29 ފެބްރުއަރީ 2024 އާ ގުޅޭ )
"މަންމާ ހައިކް ބަސްއަހާނަމޭ. މިހާރު ހައިކް ނިދަނީ. މަންމަ ބަލާ... ހައިކް ލޯ ވެސް މަރަނީނު. ޕްލީޒް މަންމާ. ޑެޑީ ކައިރީ ނުބުނައްޗޭ. ހައިކް ޑެޑީ ކައިރީ ހުންނަން ބޭނުމީ. ޕްލީޒް އެހެންތަނަކަށް ހައިކް ފޮނުވާ ނުލައްޗޭ." ރޮމުންރޮމުން ހައިކް ވާހަކަދެއްކި އެވެ.
"ވިސްނާނަން. އެކަމަކު ދެން އަންނަންވާއިރަށް ނިދާފަ އޮންނަންވާނީ." ސޫޒަން ބުނެލި އެވެ.
ހައިކް ނިކަން އަވަހަށް ދެ ލޯ މަރައިލައިފި އެވެ. ސޫޒަން ބަލަން ހުރެފައި ކޮޓަރިން ނުކުންނަން އައެވެ. ކޮޓަރީގައިވާ ހުދު އަލީގެ ބޮކި ނިވާލައި އޭނާ ނިދާބޮކި ދިއްލާލި އެވެ. އެއާއެކު ކޮޓަރީގެ ސީލިންގަށް އެޅިގެންދިޔައީ ގުރަހައިގެ ކުލަގަދަ މަންޒަރެކެވެ. ކުދިކުދި އަލިކޮޅުތަކާއި ގުރައިގެ ތަރިތައް ކޮޓަރީގެ ތެރޭ ދައުރުކުރާން ފެށި ކަހަލަ އެވެ. ކޮޓަރީގެ ދޮރު ލައްޕާލުމުގެ ކުރީން ސޫޒަން ބަލާލި އިރު ވެސް ހައިކް އޮތީ ލޯ މަރާލައިގެންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެލި އެވެ. ހައިކްއަކީ ގެންގުޅެން ފަސޭހަ ކުއްޖެއްކަން އޭނާ ދެނަހުއްޓެވެ. ޚާއްޞަކޮށް އޭނާ ރުޅި އައިސްގެން އިޒީކިއަލް ކައިރީ ޝަކުވާއެއް ކޮށްފާނޭތީ އެކުއްޖާ ބިރުގަންނަކަން ސޫޒަންއަށް ރަނގަޅަށް އެނގެ އެވެ.
"ތަންކޮޅެއް އަވަހަށް އަންނާނެނަމަ." އިޒީކިއަލްގެ ޚިޔާލުގައި ހުރެ ސިޑިން ފައިބަމުން ސޫޒަންއަށް ބުނެލެވުނެވެ. އަތުގައި އޮތް ފޯނު ރިންގުވެލީ ހަމަ އެވަގުތެވެ. ފޯނަށް ބަލާލި ހިނދު ސޫޒަންގެ ތުންފަތް ދެމިލައިފި އެވެ. އެ ފޯނުކޯލަށް ޖަވާބުދޭން އޭނާ އަވަސްވެލި އެވެ.
"ހައިކް ނިދީތަ؟." ސޫޒަން ހެލޯއޭ ބުނުމުން އިޒީކިއަލް އަހާލި އެވެ.
"އާން. އެހެންވެތަ ތިގުޅީ. އަހަރެންގެ މަތިން ހަނދާނެއް ނުވޭތަ؟." ސޫޒަންއަށް ބުނެލެވުނެވެ.
"ސޫޒީ މަތިން އަބަދުވެސް ހަނދާންވޭ. އަހަންނަށް ތިކަހަލަ އަންޑަސްޓޭންޑިން ކުއްޖެއް ނުލިބޭނެ. ސޮރީ ސޫޒީ. އަސްލު މިގުޅީ މިރޭ ތަންކޮޅެއް ލަސްވާނޭ ބުނަންވެގެން. އަހަރެން ދަންދެން ނުހުރެ ސޫޒީ ވެސް ކައިގެން ނިދާށޭ ބުނަން. ހިޔެއްނުވޭ އަވަހަކަށް މިރޭ ސަލާމަތްވެވޭނެހެން. އަދި އެބައޮތް އެގާރަ ޖަހާއިރަށް ކޮފީއެއް ވެސް. އެ މީޓިން ދިގުލައިގެން ދާނީ ކިހާއިރަކަށް ކަމެއް ނޭނގެ." އިޒީކިއަލް ދައްކަމުންދިޔަ ވާހަކަތައް އަޑު އަހަން ސޫޒަން ހުރިއިރު އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެ އެވެ. ދޭތެރެއަކުން ތުން އަނބުރާލަ އެވެ. ނަމަވެސް އެ ފޫހިކަމާއި ހިތްހަމަނުޖެހުން އިޒީކިއަލްއަށް ދައްކާކަށް އޭނާއަކަށް ނުކެރެ އެވެ.
* * * * *
ރީޖަނަލް ބަޔަށް ކަނޑައެޅި އާ ޑިރެކްޓަރަށް ކުންފުނީގެ އިސް ވެރީންނާއި މުވައްޒަފުން ހޫނު މަރުޙަބާއެއް ކިޔެވެ. ހެނދުނު އޮތް ބައްދަލުވުން ނިންމާލާފައި އިސްވެރީންނާއެކު ހެނދުނުގެ ނާސްތާ ހަމަޖައްސާފައި އޮތް ރެސްޓޯރެންޓަށް މާޔާ ވެސް އައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ އެތައް ބަޔަކާ ބައްދަލުވެ ގުޅުން އުފެދުނެވެ. މާޔާއަށް ފާހަގަކުރެވުނީ ކުންފުނީގެ އިސް މަޤާމުތަކުގައި އަންހެނުން މަދުކަމެވެ. އެހެންވިޔަސް ފަހަތަށް ޖެހޭކަށް މާޔާގެ ވިސްނުމެއްނެތެވެ. ނާސްތާ ނިންމާފައި އެންމެން އެނބުރި އޮފީހަށް އައުމާއެކު މާޔާ ވެސް އޭނާއަށް ޚާއްޞަ ކުރެވިފައިވާ ކެބިންއަށް އައިސް ވަނެވެ. އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް "ޕާސަނަލް އެސިސްޓެންޓެއްގެ" ގޮތުގައި ހުރީ ޝާހީންނެވެ. އޮފީސްތެރޭގައި މުވައްޒަފުން އުޅޭނޫޅޭ ގޮތް ފެންނާނޭ ގޮތަށް ބިއްލޫރި ބިއްތަކުން ވަކިކުރެވިފައި ހުރި އެ ކެބިންނަށް ވަންނައިރު މޫނު ޖެހޭނޭހެން މާޔާގެ މޭޒު ބަހައްޓާފައި ހުއްޓެވެ. އޭނާގެ ކައިރިޔަށް އަންނަ މީހުން އިށީނުމަށް މޭޒު ކައިރީ ދެ ގޮނޑި ބަހައްޓާފައިވާއިރު ކެބިންގެ އެއްފަރާތުގައި ކޮފީމޭޒަކާއެކު ސޯފާސެޓެއް ހުއްޓެވެ. ތަނުގެ ތެރެއިން ފެންނަނީ ޒަމާނީ ފަރުނީޗަރާ ގުޅޭނޭ ފަދަ ފަރުމާކުރުމެކެވެ. މާޓުކުރިއެއް ކޮފީމޭޒުމަތީ ބަހައްޓާފައި ހުރިއިރު އޭގައި ހުރީ ތާޒާކަން އެކުލެވޭ ހަޤީޤީ މަލެވެ. އަދި އެ މޭޒުގެ މަތީ ރަންކުލައިގެ ފަށެއް ދަމާފައި ހުރި ބިއްލޫރި ތަބަކެއްގައި ރަންކުލަ އެކުލެވޭ ފެންޖަގަކާއި މަތި ޖަހާފައިވާ ބިއްލޫރި ތަށްޓެއް ހުއްޓެވެ. ކެބިންގެ ބިއްދޮށު ކަނެއްގައި ގަސްމުށި ގަނޑެއް ވެސް ހުއްޓެވެ. އޭގެ ކައިރީ ފައިލިން ކެބިނެޓް ބަހައްޓާފައި ހުއްޓެވެ.
މަސައްކަތްތައް ފަށައިގަތުމާއެކު ވަގުތު ދިޔައީ ކިހިނެއްކަން ވެސް މާޔާއަށް ނޭނގުނެވެ. މެންދުރު ކާން ނުދެވުނީތީ އޭނާ އޮފީހުން ނުކުތީ ހަވީރެވެ. ގެއަށް ގޮސް ސައިބޮއެގެން ފެންވަރާލުމަށްފަހު އަނެއްކާ ވެސް އެނބުރި އައީ އޮފީހަށެވެ. ފުރަތަމަ ދުވަހަށް ވީތީ ވަކި މާޔާއަށް ލުޔެއް ނެތެވެ.
ރޭގަނޑު އޮފީހަށް މާޔާ އަންނަކަން އެނގިފައި އޮތުމުން ޝާހީން ވެސް އިނީ އޮފީހަށް އައިހެވެ. ދޭތެރެއަކުން މާޔާ އޭނާއަށް ގުޅާލަ އެވެ. މަސައްކަތާއި ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތު ހޯދާށެވެ. މާޔާއަކީ އެކުގައި މަސައްކަތް ކުރާން ފަސޭހަ ވެރިއަކަށްވާނޭކަން ފުރަތަމަ ދުވަހުން ވެސް ޝާހީނަށް ނަގައިގަނެވުނެވެ. އެހެންވެ އޭނާ ވެސް އިނީ އެހީތެރިކަމަށް އެދި މާޔާ ގޮވާލާނޭ އިރަކަށް ތައްޔާރުވެގެންނެވެ.
"މޭމް..." ބިއްލޫރި ދޮރުގައި ޓަކި ޖަހާލައި އެތެރެއަށް ދޮރު ހުޅުވާލަމުން ޝާހީން ގޮވާލި އެވެ.
"ޔެސް." މޭޒުމަތީ އޮތް ފައިލަށް ގެއްލިފައި އިން މާޔާ އިސްއުފުލާލި އެވެ.
"ނިއު މޭޔާގެ އިންވިޓޭޝަންއެއް. ބޮޑެތި ވިޔަފާރިތަކުގެ އިސް ވެރީންގެ މެދުގައި ބޭއްވޭ ހަވީރީ އިވެންޓެއް. މިކޮޅުން ތިން ވެރީން އެ އިވެންޓަށް އެޓެންޑް ވާން މަތިން ހަމަޖައްސާފައި އޮތީ. ޒޫނާ މޭމްއާއި އިމާދު ސަރއާއެކު މާޔާ މޭމްގެ ނަން އޮތީ." އޮފީސް މަސައްކަތަށް ޕާސަނަލް އެސިސްޓެންޓުންނަށް ދީފައި އޮންނަ ޓެބްލެޓް ހިފަހައްޓާލައިގެން އެއަށް ބަލަން ހުރެ ޝާހީން ވާހަކަދެއްކި އެވެ.
"އަޅޭ... އަހަރެން ދާންތަ؟.... ހަމަ ދާންވީތަ. އެކަމަކު އަހަރެން ޖޮއިން ކުރީ މިއަދު ދޯ." ފޫހި ރާގެއްގައި މާޔާއަށް ބުނެލެވުނެވެ. މީހުންގިނަ އެފަދަ ބޮޑު ޙަފުލާއަކަށް ދާން އޭނާ ތައްޔާރު ނޫނީ އެވެ. އެހެންވެ ހަޤީޤަތުގައި އޭނާ އެ އިންނަނީ ދެ ޚިޔާލެއްގަ އެވެ.
"މި ސެކްޝަންގެ ގޮތުންހެން ހީވަނީ. އާންމުކޮށް އެހެން އަންނަ ގިނަ އިވެންޓްތަކުގައި ބައިވެރިވާން ޖެހޭނެ. ކިހިނެއްތޯ އަންސާ ކުރަންވީ؟. އަޅުގަނޑަށް ހީވަނީ މާޔާ މޭމްއަށް ގުޑް އެކްސްޕީރިއެންސަކަށް މި އިވެންޓް ވާނޭހެން." ޝާހީންގެ އަމިއްލަ ޚިޔާލު ފާޅު ކުރުމާއެކު މާޔާއަށް ހިތްވަރު ލިބޭނޭހެން ބުނެލި އެވެ.
"އާން. ތި ހުންނަނީ އަބަދު އެވޮއިޑް ކުރެވޭނެ ކަންކަމެއްނޫން. އަހަރެންގެ މަޤާމު ވެސް ތި ކަހަލަ ކަންކަމުން ރެކެން ފުރުޞަތެއް ނުދޭ.... އެހެންވީމަ ނޯ ޗޮއިސް. ދާނޭކަން ބުނެލާ. ދެން އިންވިޓޭޝަންގެ ޕްރިންޓެއް އަހަރެންނަށް ގެނެސްދީ." މާޔާ ބުންޏެވެ. ހިނިތުންވުމާއެކު ޝާހީން އަވަހަށް ބޯޖަހާލި އެވެ.
މާޔާ އެދުނު ފަދައިން މާލޭގެ މޭޔަރުގެ އޮފީހުން ފޮނުވާފައި އޮތް ދަޢުވަތުގެ ޕްރިންޓަކާއި ދެން ވެސް މާޔާއާ ހަމައަށް ގެންނަން ހުރި ކަރުދާސްތައް ހިފައިގެން ޝާހީން އެނބުރި އެ ކެބިންނަށް ވަނެވެ. މާޔާ ބަލަން ޖެހޭ ލިޔުންތައް ހުންނަ ޓްރޭ ތެރެއަށް ކަރުދާސްތައް ލުމަށްފަހު ވަކިން ދަޢުވަތު ޕްރިންޓުކޮށްފައިވާ ކަރުދާސް މާޔާއަށް އޭނާ ދިއްކޮށްލި އެވެ.
"ޝާހީން އެހާ ލަސްވަންދެން މަޑުނުކޮށް ގެއަށް ދިޔަސް އެންމެ ރަނގަޅު. އަހަރެން ނުކުންނާނީ ތަންކޮޅެއް ފަހުން." މާޔާ ބުނެލި އެވެ. ބާއްޖަވެރި ރޭގަނޑެއްގެ ސަލާމް އިނގިރޭސި ބަހުންކޮށްލުމާއެކު ޝާހީން ނުކުތީ އެވެ. އެއާއެކު މާޔާ ބަލާލީ އަތުގައި އޮތް ދަޢުވަތު ކާޑުގެ ޕްރިންޓަށެވެ.
"އީވްނިން ޑްރެސްއެއްގަ. ތަންތަނުގެ ބޮޑެތި މީހުންތައް ދާނެކަން ޔަގީން." ކަރުދާހަށް ބަލަން އިނދެ މާޔާއަށް ހިތާހިތުން ކިޔާލެވުނެވެ. ކިތަންމެ ފޫހިވީ ނަމަވެސް މާޔާއަށް އެވަނީ ވިޔަފާރީގެ ދުނިޔެއަށް ނުކުމެވިފަ އެވެ. ބާރާއި ނުފޫޒަކީ އެ ދުނިޔޭގެ މީހުންނާ އެންމެ ގާތް އެކައްޗެވެ. ސިޔާސީ ބޭފުޅުންގެ މިތުރުންނެވެ. ދިރެން ބޭނުންނުވާ ކަޅު ދުނިޔެއެއްކަން އެއީ މާޔާ ދެނަހުއްޓެވެ.
ޚިޔާލުތަކާއި ދުރުވުމަށް އަނެއްކާ ވެސް މާޔާ ސަމާލުކަން ދޫކޮށްލީ މަސައްކަތަށެވެ. އޭނާ އިނީ ފާސްކުރަންވެފައި ހުރި ޕްރޮޕޯސަލްތަކެއް ބެލުމުގައި އެކަމަށް ގެއްލިފަ އެވެ. ހިމޭންކަން ވެރިވެފައި އޮތް އޮފީހުގެ ތެރެއިން މޭޒުމަތީ ބާއްވާފައި އޮތް ފޯނު ވައިބްރޭޓްވީ އަޑާއެކު މާޔާ ދިޔައީ ސިއްސައިގެންނެވެ. ކަނާއަތުގެ ދެ އިނގިލި ދޭތެރޭ ހިފަހައްޓާލައިގެން އިން ގަލަން އޭނާ ސިހުނުވަރުން ވެއްޓުނީ އެވެ. ނަމަވެސް ގަލަން ނެގުމުގެ ބަދަލުގައި މާޔާ އަވަސްވެލީ ފޯނުކޯލަށް ޖަވާބު ދޭށެވެ.
"ހާއި..." ކަންފަތާއި ފޯނު ކައިރިކޮށްލުމާއެކު މާޔާ ބުނެލީ ހިނިތުންވުމަކާއެކު އެވެ.
"ހޭ... ކީއްކުރަނީ؟. އޮފީހުގަތަ." ފޯނުގެ އަނެއްކޮޅުން އިވުނީ މާޔާ ދަންނަ ޒުވާނެއްގެ އަޑެވެ.
"މިތާ ކެމެރާތަކުން ބަލަންތަ އިނީ." މާޔާ ބުނެލީ މަޖާވެލާފަ އެވެ.
"އައި ނޯ ޔޫ." ލުއި ހީނލުމަކާއެކު އެ ޒުވާނާ ބުންޏެވެ. އެ ހީނލުން މާޔާގެ ތުންފަތަށް ހިނިތުންވުން ގެނުވި އެވެ.
"އަހަރެން ނުބުނަންތަ އެހާ ބުރަކޮށް ނޫޅެއްޗޭ." ސީރިއަސް ގޮތަކަށް އެ ޒުވާނާ ބުންޏެވެ.
"ގެއަށް ގޮސް ކޮންކަމެއް އޮންނާނީ ކުރާން. އެހެންވެ އަސްލު އިނދެވުނީ. އިރުކޮޅަކުން މި ނުކުންނަނީ." މާޔާ ބުނެލި އެވެ.
"ސެލްފް ލަވް ކޮބާ؟. އަމިއްލަ ނަފްސަށް ވަގުތު ދޭން ޖެހޭނެއޭ ބުނީމެންނު. ބޭރަށް ނުކުމެލާ. ނޫނީ ޝައުގުވެރިކަން ހުރި ހޮބީއެއް ހޯދުން. ސެލޯނަށް ނޫނީ ޝޮޕިންނަށް ގޮސްލުން. އާ ތަނަކަށް ގޮސްލުން. މީރު ކާއެއްޗެއް ކާލުން. މީ ހައްތަހާ ވެސް ކުރެވިދާނޭ ކަންކަން. ސައުވީސް ގަޑިއިރު މަސައްކަތުގައި އުޅުމަކީ ހެލްތީ ދިރިއުޅުމެއްނޫން. އަހަރެން ސަޕޯޓްކުރާ ކަމެއްނޫންކަން މާޔާއަށް އެނގޭނެ. ތި ލޯބި ކުއްޖާ އަބަދު ވަރުބަލިވެ ސްޓްރެސް ބޮޑުވެފައި ހުންނަތަން ބަލާކަށް ކެތެއްނުވާނެ." އެ ޒުވާނާ ބުންޏެވެ.
"ތިވަރަށް އަދި ކަންބޮޑުވާކަށް ނުވޭ." މާޔާ ބުންޏެވެ.
"އެހެންވިއްޔާ ދެން ކުރަން އިން މަސައްކަތް ހުއްޓާލާފައި ގެއަށް ދޭ." އެ ޒުވާނާ އެދުނެވެ.
"އިރުކޮޅަކުން މި ނުކުންނަންނީ." މާޔާ ބުނެލި އެވެ.
"އިރުކޮޅެއްނޫން. ތިހެން ބުނެފައި މާޔާ އިނދެފައި ކިތަންމެ އިރަކު. މިއަދަށް ވާވަރަށް މަސައްކަތް ކުރެވިއްޖެ. އަހަރެން މި ކޯލެއް ނުބާއްވާނަން މާޔާ އޮފީހުން ނުނިކުންނަނީސް." އެ ޒުވާނާ ބާރު އެޅި އެވެ.
"ފައިން. ކިޔަން ފަށައިފިއްޔާ ދެން ހުއްޓައެއް ނުލާނެ... މި ތެދުވީ ގޮނޑިން. މި ނުކުންނަނީ ކެބިންއިން." މާޔާ ފޯނުގައި ހުރެ އަތްދަބަސް ނަގައި ގެއަށް ދާން ތައްޔާރުވާން ފެށި އެވެ.
މުޅި ސެކްޝަނުގައި އޭނާ ނޫން މީހަކު ނެތްކަން މާޔާއަށް އެނގުނީ ނުކުންނަން އައީމަ އެވެ. ބޮކިތައް ނިވާލާފައި އޭނާ އައިސް ލިފްޓަށް އެރި އެވެ. ފޯނުގެ ރޭންޖު ގޮސްގެން ކޯލު ކެނޑުނެވެ. ނަމަވެސް އަލުން އެ ޒުވާނާ އޭނާއަށް ގުޅައިފި އެވެ. އޭރު އޮފީހުގެ ތެރެއިން މަގު މައްޗަށް މާޔާއަށް ނުކުމެވެނީ އެވެ.
"ފިރާޝް ހުންނާނެ. އޭނާ މާޔާ ގެޔަށް ގެންގޮސްދޭނެ. އެއްވެސް ބަހަނާއެއް އަހަރެން ޤަބޫލެއް ނުކުރާނަން. އަހަރެން ހިތްހަމަޖެހޭނެ ރައްކާތެރިކަމާއެކު މާޔާ ގެޔަށް ވަދެއްޖެކަން އެނގުނީމަ. އިރެއްގައި އެންމެ އަމާން ޤައުމަށް ރާއްޖެ ވިޔަސް މިހާރު އިތުބާރެއް ނުކުރެވޭ. ޚާއްޞަކޮށް މާލޭގެ މަގުތައް." އެ ޒުވާނާ ބުންޏެވެ.
"ފެންނަ ހިސާބުގައި ފިރާޝް އެބަހުރި. ދެން ފޯނު ބާއްވާ. ގެއަށް ދެވުނީމަ މެސެޖު ކުރާނަން. ހެޕީ." ހިނިއައިސްފައި ހުރެ މާޔާ ބުނެލި އެވެ. ކާރު ކައިރީ މަޑުކޮށްލައިގެން ހުރި ފިރާޝްގެ ކައިރިޔަށް ނުގޮސް މާޔާ މަޑުކޮށްލީ ފޯނުކޯލުގެ އަޑު ފިރާޝަށް އިވެން ނޭދޭތީ އެވެ.
"ހެޕީ... މާޔާ. އައި މިސްޑް ޔޫ." ފޯނުކޯލު ކަނޑާލަން އުޅޭހެން ހީވެފައި އެ ޒުވާނާ ކުއްލިއަކަށް މާޔާއަށް ގޮވާލި އެވެ.
"އައި މިސްޑް ޔޫ ޓޫ. ދެން ބާއްވަނީ." މާޔާ މިހެން ބުނެ ކުރީން ފޯނުކޯލު ކަނޑާލައިފި އެވެ. އޭނާ ފޯނަށް ބަލާލި އެވެ. ތުންފަތް ދެމިލީ ނަމަވެސް އެ ހިނިތުންވުން އޭނާގެ ދެ ލޮލާ ހަމައަށް ނުފޯރި އެވެ. ދެން ފެނުނީ އަތްދަބަހުގެ ތެރެއަށް ފޯނު ލަމުން ކާރު ކައިރީ މަޑުކޮށްލައިގެން ހުރި ފިރާޝްއާ ދިމާއަށް ހިނގައިގަތް ތަނެވެ.
* * * * *
ކުރުނބާ މޯލްޑިވްސް ރިސޯޓުގެ ބޯލުރޫމު ވަނީ ރޭގެ ޙަފުލާއަށް ތައްޔާރު ކުރެވިފަ އެވެ. ވިޔަފާރީގެ ތެރޭގައި ހިމެނޭ ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި މިނިވަން ވިޔަފާރިތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން މިރޭ ބައްދަލުވާނެ އެވެ. ތަނަވަސް ޚިޔާލުތަށް ބަދަލުކުރެވިގެން ދާނެ އެވެ. އަށް ގަޑި ބަޔަށް ޙަފުލާ ފެށެން އޮތްއިރު ބައިބަޔަށް ޙަފުލާ އޮތް ހޯލުގެ ތެރެއަށް ދެ ޖިންސުގެ މީހުން ވަންނަމުން ދިޔަ އެވެ. ވަށް މޭޒުތަކުގެ ވަށައިގެން ޖަހާފައިވާ ގޮނޑިތައް ފުރެމުން ދިޔަ އެވެ. އަލަށް ބައްދަލުވާ ބަޔަކު ފަދައިން އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ހިނިތުންވުން ބަދަލު ކުރަމުން ދިޔައިރު ގިނައީ ވާދަވެރިކަމުގެ ގިނި އަދަމުންދާ ހިތްތަކެވެ.
އެންމެހާ ވިޔަފާރިވެރީންނަށް މަރުޙަބާ ކިޔުމަށްފަހު މޭޔަރުގެ ވާހަކަފުޅު ކުރިޔަށް ގެންދިޔަ އެވެ. އެތައް އުންމީދުތަކެއް ދިވެހި ވިޔަފާރިވެރީންގެ ފަރާތުން ކުރާކަމާއި އެއްބާރުލުން ބޭނުންވާކަން ހާމަކުރި އެވެ. އަދި މޭޔަރުގެ ވާހަކަފުޅަށްފަހު ދިވެހިރާއްޖޭގައި ވިޔަފާރީގައި ޒަމާންތަކެއްވެ ބޮޑެތި މަހުޖަނުންނަށް ވެފައިވާ ބޭފުޅުންގެ ވާހަކަ ދެއްކުން އޮތެވެ. ބިލެތް މީރުކޮށްލުން އޮތީ އޭގެ ފަހުގަ އެވެ.
މޭޒުތައް ދޮށުގައި ތިބުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔާ ބައްދަލު ކުރުމަށް ތެދުވާން ފެށި އެވެ. އެގޮތުން އިޒީކިއަލް ވެސް އެނބުރިލީ ރާއްޖޭގައި މިވަގުތު އޮތް ބާރުގަދަ ލޯ ފާމެއްގެ ވެރިޔަކާ ވާހަކަދައްކަން ހުރެފަ އެވެ. އެވަގުތު އޭނާގެ ސަމާލުކަން އަތުލީ ކަޅުކުލައިގެ ވިދާ ހެދުމެއްގައި ހުރި އަންހެން ކުއްޖާ އެވެ.
(ނުނިމޭ)