ޗަމްޕާ މުހައްމަދު މޫސާ

ޗަމްޕާ ބްރަދާސްއިން މިއަހަރުވެސް ކާއްޓާއި ކަރާ އަދި ފިޔާ ބަހަނީ

ޗަމްޕާ ބްރަދާސް ކުންފުނިން ކުރިއަށް އޮތް ރޯދަ މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ބައެއް ތަކެތި ހަދިޔާކުރަން ނިންމައިފި އެވެ.

އެގޮތުން ބެހުމަށް ނިންމާފައިވަނީ 50،000 ކާއްޓާއި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެވެ.

ޗަމްޕާ ބްރަދާސްގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ހަދިޔާ ކުރާ ތަކެތި ހަވާލުކުރާނީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސްއާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރޯދައިގެ ކުރިން މިތަކެތި ސަރުކާރާ ހަވާލުކުރެވޭތޯ. އެހާތަނަށް ނުވިއްޔާ އެންމެ ލަސްވެގެން ރޯދައިގެ ދެވަނަ ދުވަހުގެ ކުރިން މިތަކެތި ހަވާލުކުރާނަން. މިއަދު 10 ޓަނު ފިޔާ ހަވާލުކުރެވޭނެ ހަމަގައިމުވެސް،" އޭނާ ވިދާޅުވި އެވެ.

ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަ މަހު ވެސް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކާއްޓާއި ކަރާ ބަހާފަ އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ޗަމްޕާ ބްރަދާސް އިން ހަދިޔާ ކުރާ ތަކެތީގެ ތެރެއިން އެއް ބައި މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށްފަހު ބައެއް ތަކެތި ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ވާނީ މެދުވެރިޔަކަށް. ކައުންސިލްތަކުން މިތަކެތި ބަހައިދޭނީ،" އޭނާ ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ތާރީހަށް ބަލާއިރު މިއަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ ހޯމަ ދުވަހު އެވެ.