ކުރިއަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމާފައިވާއިރު ރަޖިސްޓަރީ ނުވެ، އެތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ދޭ ހަނޑު ބަސްތާ އާއި ފުށް ބަސްތާ ބޭނުންވާ މީހުން ރަޖިސްޓްރީވާން ޖެހިދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފު ރޭ ވިދާޅުވީ ރަޖިސްޓަރީ ނުވެ އެ ތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.
ކުރިއަށް ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމާ ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.
މާލޭ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާ އިއުލާނެއް ކުރި ނަމަވެސް އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އިއުލާން ބާތިލްކުރީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހަދަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެ ކަމަށްވެސް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި ފުށްބަސްތާއެއް ލިބޭނެ ކަމަށެވެ.
"އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެ ދުވަހު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކުން ގެންނަ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ތުރުކީއާ އެކުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.