ޑރ. މުހައްމަދު މުއިއްޒު

ރައީސް، ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި އެވެ.

މި މުނާސަބަތުގައި ‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޤައުމުތަކުގެ އެންމެހައި އަހުންނާއި އުހުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެ އެވެ.

‏‏‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މި ފެށުނު ރަމަޟާން މަހަކީ ގައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.