ވިޔަފާރި

ސަރަހައްދުގައި ލޯނުތަކުގެ އިންޓަރެސްޓް އެންމެ ކުޑައީ ރާއްޖޭގައި

Mar 1, 2016
  • ވިޔަފާރިތައް ފުޅާވެ، އިގްތިސާދަށް ކުރިއެރުން ލިބޭނެ
  • އިންޑިއާ ލަންކާގައި އިންޓަރެސްޓް މާ ބޮޑު
  • ބޭންކިން ފީތައް ވެސް ރާއްޖޭގައި ކުޑަ

މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު، ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތައް ދަށް ކަމަށް ގައުމީ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކު ދޫކުރާ ހައުސިން ލޯނާއި ޕާސަނަލް ލޯނުގެ އިންޓްރެސްޓް ރޭޓަށް ގެނެވުނު ބަދަލާ ގުޅޭ ގޮތުން ހޮޓެލް ޖެންގައި ދެއްވި ޕްރެޒެންޓޭޝަނެއްގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި އެމްޑީ ހީލީ ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުގެ އިންޓްރެސްޓް ރޭޓް މަތިކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް މި ސަރަހައްދުގެ ގައުމުތަކުގެ ބައެއް ބޭންކްތަކާ އަޅާބަލާއިރު ރާއްޖޭގެ އިންޓްރެސްޓް ރޭޓް ދަށް ކަމަށެވެ.

"ބައެއް މީހުން ބުނޭ އަވަށްޓެރި ގައުމުތަކާ ބަލާއިރު ރާއްޖޭގެ އިންޓްރެސްޓް ރޭޓްތައް މައްޗޭ. އެކަމަކު އަވަށްޓެރި ސްރީލަންކާ އާއި އިންޑިޔާ ފަދަ ގައުމުތަގެ ބައެއް ބޭންކްތަކާ ބަލާއިރު ދަށް،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ގެނެވުނު ބަދަލުގެ ސަބަބުން އިންޓްރެސްޓް ރޭޓްތައް އިތުރަށް ދަށްވެގެން ގޮސްފައިވާ ކަމަށެވެ. މީގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަވެ ވިޔަފާރިތައް ފުޅާވެ އިގްތިސާދީ ހަރަކާތްތައް އިތުރުވުމަށް ފުރުސަތު ލިބޭނެ ކަމަށް ހީލީ ވިދާޅުވި އެވެ. އަދި ސަރަހައްދުގެ ބައެއް ބޭންކްތަކުގައި އެކި ހިދުމަތްތަކަށް ނަގާ ފީތައް ބޮޑު ނަމަވެސް ރާއްޖޭގައި ނިސްބަތުން އެ ފީތައް ކުޑައެވެ.

ބީއެމްއެލްއިން ވަނީ ގެދޮރު އަޅަން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓުގެ ގޮތުގައި ނަގަމުން ގެންދާ އަދަދުން ދެ ޕަސެންޓް ކުޑަކޮށްފަ އެވެ. މީގެ އިތުރުން "ޕާސަނަލް ލޯނު" ގެ ގޮތުގައި ދޫކުރަމުން ދިޔަ ލޯނުތަކުގެ އިންޓްރެސްޓް ރޭޓުން ވެސް ވަނީ ހަ ޕަސެންޓް ދަށްކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން ހައުސިން ލޯނުތަކުން ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލްގެ ހޯމް ލޯން ކުރިން ދެނީ 11 ޕަސެންޓްގެ އިންޓަރެސްޓްރޭޓެއްގަ އެވެ. އަލަށް ހަމަޖެއްސީ ނުވަ ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އިންޓަރެސްޓް ރޭޓެކެވެ. ބީއެމްއެލް ޕާސަނަލް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 12 ޕަސެންޓަށް ކުޑަވެގެންދާނެ އެވެ.