ވާހަކަ

މިލްކުވާނެބާ

( 6 މާރިޗު 2024 އާ ގުޅޭ )

މޭޒުތައް ދޮށުގައި ތިބުމުގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔާ ބައްދަލު ކުރުމަށް ތެދުވާން ފެށި އެވެ. އެގޮތުން އިޒީކިއަލް ވެސް އެނބުރިލީ ރާއްޖޭގައި މިވަގުތު އޮތް ބާރުގަދަ ލޯ ފާމެއްގެ ވެރިޔަކާ ވާހަކަދައްކަން ހުރެފަ އެވެ. އޭނާގެ ސަމާލުކަން އަތުލީ ކަޅުކުލައިގެ ވިދާ ހެދުމެއްގައި ހުރި އަންހެން ކުއްޖާ އެވެ.

* * * * *

އެކަނިވެފައި ނީންނަން މޭޒު ދޮށުން މާޔާ ތެދުވި އެވެ. އެތަނުގައި އޭނާ ދަންނަ މޫނެއް ނެތެވެ. އެކުގައި އައި އިމާދާއި ޒޫނާ މީހުންތަކުގެ ތެރެއަށް ގެއްލިއްޖެ އެވެ. ފަނޑުއަލިކަމުގެ ތެރޭ އެމީހުންނަށް އެކަކުއަނެކަކު ވަކިކުރަން އެނގެނީ ކިހިނެއްބާއޭ މާޔާ ހިތަށް އެރި އެވެ. ގައިމު ވެސް އެތަނުގެ ތެރެއިން އާދައިގެ މީހަކާ ބައްދަލެއް ނުވާނޭކަން މާޔާއަށް އެނގެ އެވެ. އެކި ދާއިރާތަކުގެ މީހުންނާ ގުޅުން ބަދަހި ކުރާން މީ އޭނާއަށް ވެސް ލިބޭ ފުރުޞަތަކެވެ. އެ ވިސްނުމުގައި މާޔާ މަޑުމަޑުން މީހުންތަކުގެ ތެރެއަށް ހިނގައިގަތެވެ. އިސްނަގައި އަމިއްލައަށް ތަޢާރަފްވުމުގެ ވިސްނުން މާޔާގެ ސިކުނޑީގައި އޮތެވެ.

"ހެލޯ..." ފުރަގަހުން މާޔާގެ ކޮނޑުގައި އަތް ޖައްސާލައި މީހަކު ގޮވާލި އެވެ. އެނބުރި ކާކުތޯ ބަލާލި އިރު ހުރީ ތެދު ހަށިގަނޑާއެކު ހެޔޮވަރުގެ އިސްކޮޅެއް ލިބިފައިވާ ދެބައިއުމުރަށްވުރެ ދޮށީ ވައްތަރު ޖަހާ ފިރިހެނެކެވެ. އޭނާ ބަދަލުކޮށްލީ ހިތްހެޔޮ ހިނިތުންވުމެކެވެ. ނަމަވެސް މާޔާއަށް އުނދަގޫ އިޙްސާސެއް ކުރެވުނީ ބައްޕަ އުމުރުގެ މީހަކާ ވާހަކަދައްކަންވީމަ އެވެ. އެހެންވިޔަސް އިޙްތިރާމްގެ ގޮތުން މާޔާ ވެސް ހިނިތުންވެލި އެވެ.

"ތީ ކުރީން ނުފެންނަ އާ މޫނެއް." އެއްޗެކޭ ބުނަން ނޭނގި މާޔާ ބަލަން ހުއްޓާ އެ މީހާ ބުނެލި އެވެ.

"އަހަރެން ނޭނގުނުތަ؟. ބަދީއު. ގިނަ މީހުންނަށް އެނގޭނީ ވިނޭ ބޮޗޭގެ ނަމުން... ވިނޭ އެންޓަޕްރައިޒް އެއީ އަހަރެންގެ ތަނެއް. ޒުވާން ކުދީން ފެނުމަކީ ހިތަށް އުފާވެރިކަން ލިބޭކަމެއް... މިބުނީ ވިޔަފާރީގެ ތެރޭގައި އުޅޭތަން. ތީ ކޮންކުއްޖެއްތަ؟. ދިމާވީމަ ރައްޓެހިކަން އުފައްދަންވާނެ އެއްނު." ބަދީއުގެ އަމިއްލަ ތަޢާރަފަކާއެކު ވާހަކަދެއްކި އެވެ.

"މާޔާ. އެލް.ސީ.އެލް." ނަމާއި މަސައްކަތް ކުރާ ކުންފުނި މާޔާ ބުންޏެވެ. އެއާއެކު ވަގުތުން ބަދީއު ބޯޖަހާލީ އޭނާއަށް އެއީ ކޮންތަނެއްކަން އެނގޭ ފަދައިންނެވެ.

"މާޔާ. ވާހަކަދައްކާލަން މިކޮޅަށް ޖެހިލަންވީނު." ބަދީއު މިހެންބުނެ މާޔާގެ އުނަގަނޑާ ދިމާއިން ފަހަތުން އަތް ޖައްސާލި އެވެ. މާޔާއަށް އެ ބީހިލުން ދިނީ ނުރައްކާތެރި އިންޒާރެކެވެ. ފުރަތަމަ ކަމަކަށް ބަދީއު ވާހަކަދައްކާއިރު އޭނާގެ ނަޒަރު މާޔާގެ ވަނާތައް ދަތުރު ކުރާތީ ފެނި އެކަމާ ވެސް މާޔާ ހުރީ ގަޔާނުވެފަ އެވެ.

"ކުންފުނީގެ މުވައްޒަފެއް ދޯ. އެތާ ކޮންމަޤާމެއްގައި... އަހަރެން އޮފާއެއް ދީފިއްޔާ ޤަބޫލުކުރާނަންތަ؟. މިހާރު ލިބޭ އެއްޗަކަށްވުރެ ދެގުނަ ދޭނަން. އަނެއްކާ... ވަރަށް ގިނަ އިނާޔާތްތައް އޮންނާނެ." ބަދީއު ކުޑަކޮށް މާޔާއާ ގާތްވެލައި މަޑުމަޑުން ބުނެލި އެވެ.

"ތޭންކްސް. އެކަމަކު އަދި ތިކަހަލަ ވިސްނުމެއްނެތް. ސޮރީ. އަޅުގަނޑަށް ހުރެވޭކަށްނެތް. މީހަކާ ބައްދަލުކޮށްލަން މިދަނީ." މާޔާ ބޭނުންވީ ބަދީއުގެ ކައިރިން އަވަހަށް ސަލާމަތްވާށެވެ. ނަމަވެސް އޭނާ ހިނގައިގަތް ހިނދު ބަދީއު ހުސިޔާރުވެ ހުރެ ހިފީ މާޔާގެ އަތުގެ ކުޑަހުޅާ ހިސާބުގަ އެވެ. ހައިރާންކަމާއެކު ބަލާލި މާޔާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އަދި ކައިރީގައި އުޅޭ މީހުންނަށް އަވަސް ނަޒަރެއް ދެވުނެވެ. އެފަދަ ޙަފުލާއެއްގައި އެކަހަލަ ކަމެއް ކުރާން މީހަކަށް ކެރޭނެއޭ މާޔާ ހިތަކަށް ނާރަ އެވެ. އެހެންވިޔަސް އެތަނުގެ ތެރޭގައި ތިބި ގިނަ މީހުންނަކީ ކޮންކަހަލަ ބައެއްކަން މާޔާއަށް އެނގެ އެވެ.

"ކީއްތޯ ތިކުރައްވަނީ." މާޔާއަށް ބުނެވުނެވެ.

"ކޮންޓެކްޓްވާނޭ ގޮތެއް... މިބުނީ އެޑްރެސް ކާޑު ލިބިދާނެތަ. އޭރުން ދޯ ކަމެއް ޖެހިގެން ވެސް ފަހުން ގުޅާލެވޭނީ." މާޔާގެ އަތުން ދޫކޮށްނުލައި ހުރެ ބަދީއު ވާހަކަދެއްކި އެވެ. އަވަސްއަވަހަށް އޭނާގެ އަތުން މާޔާ އަތް ދަމައިގަތެވެ.

އަތުގައި އޮތް "ކްލަޗް" ހުޅުވާލަން އުޅުމުގައި މާޔާގެ ހިތް އަވަސްވެފައި ހުރިވަރުން އަތުން ދަބަސް ދޫވި އެވެ. އެ ދަބަސް ނަގަން މާޔާ ތިރިވެލުމުގެ ކުރީން ބަދީއު އެކަން ވެސް ކޮށްދީފި އެވެ. ހައްތަހާ މާޔާގެ ހިތަށް އުނދަގޫވަމުން ދިޔަ އެވެ. އެތައް ފިރިހެނުންނެއްގެ ތެރެއިން މާޔާއާ ބައްދަލު މިވީ އޭނާ އެންމެ ފޫހީވާ ވައްތަރުގެ ފިރިހެނަކާ އެވެ. ބަދީއުގެ ނިޔަތް އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ސާފުކޮށް ފާޅުވެ އެވެ. އެފަދަ މީހަކާ ވާހަކަދައްކާލުމަކީ ވެސް ހެދޭ ގޯހަކަށް ނޫނީ ނުވާނޭކަން މާޔާ ދެނަހުއްޓެވެ. ދަބަހުގެ ތެރެއިން އެޑްރެސް ކާޑު ނަގައި މާޔާ ދިއްކޮށްލި އެވެ. އެހިނދު އައިނައިތަނެއް ނޭނގި އޭނާއާއި ބަދީއުއާ ދެމެދަށް ދިއްކޮށްލެވުނު އަތަކުން ބަދީއުއަށްވުރެ ކުރީން އެ އެޑްރެސް ކާޑު މާޔާގެ އަތުން ނަގައިފި އެވެ. އަދި އެމީހަކު މާޔާގެ ގާތަށް ޖެހިލިކަން އިޙްސާސް ކުރެވުނެވެ.

"ބޮޗޭ." ގާތުގައި ހުއްޓުނު މީހާގެ އަޑު އިވުމާއެކު މާޔާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ އެވެ.

"އިޒ..." މާޔާއަށް ހިތާހިތުން ކިޔާލެވެން އުޅުނެވެ. އޭނާ އިސްއުފުލައި ބަލާލި އެވެ.

"އިޒީކިއަލް. ކަލޭ ވެސް އެބައުޅޭންތަ؟. އަހަރެން ހީކުރީ އާސިފްކަމަށް އަންނާނީ." ބަދީއު ވަގުތުން ވާހަކަދައްކަން ފެށި އެވެ.

"އަހަރެން މިއައީ މީނަ ބަލާ." އިޒީކިއަލް ބުނެލީ މާޔާއަށް ބަލާލަމުންނެވެ.

"ކަލޭގެތަ؟." ޒާތެއްގެ ހިންޏެއް އައިސްފައި ބަދީއު ބުނެލި އެވެ. އިޒީކިއަލްގެ ލޮލުން ފާޅުވެލީ ނުރައްކާތެރި ބެލުމެކެވެ. ވަގުތުން ބަދީއު ހިމޭންވެލި އެވެ. އޭނާ ކުރި ސަމާސާ އިޒީކިއަލްއަށް ކަމުނުދިޔައީކަން އެނގި އެވެ.

"އަދި ފަހުން ބައްދަލުކޮށްލަން ވާނެ." މާޔާއަށް ބަލާލައި މިހެން ބުނެލާފައި ބަދީއު ދުރަށް ހިނގައިގަނެއްޖެ އެވެ.

މާޔާގެ ކުރިމައްޗަށް އިޒީކިއަލް ހުއްޓިލި އެވެ. ފަރުވާތެރި ބެލުމަކުން އިޒީކިއަލް އޭނާއަށް ބަލާލި އެވެ. ދެ ޒުވާނުންގެ ނަޒަރު އަމާޒުވެލުމާއެކު ވަގުތު މަޑުޖެހުނު ފަދައަކުން އެކަކުއަނެކަކަށް ގެއްލިފައި ތިއްބެވެ. ފޮނިކަމާއި ހިތިކަމެއްގެ އަސަރު ދެ ޒުވާނުންގެ އަރުގައި ލީ ފަދަ އެވެ. މާޒީއަށް ވިޔަސް އެ ހަނދާންތަކުން ދެ މީހުންކުރެ އެކަކަށް ވެސް ރެކިނުލެވުނެވެ.

"މިޔާ..." އިޒީކިއަލްގެ ދުލުން ނުކުތެވެ.

"ސޮރީ." މާޔާ ނޭނގޭކަމަށް ހެދުނީ ގަސްދުގަ އެވެ.

"އަމިއްލަ ނަން ވެސް އޮޅުނީތަ؟." އިޒީކިއަލް އަހާލި އެވެ.

"އިޓްސް މާޔާ... އަޅުގަނޑަށް ކިޔަނީ މާޔާ. އަތުގައި ތިއޮތީ އަޅުގަނޑުގެ އެޑްރެސް ކާޑު." މާޔާ ބުނެލި އެވެ. އިޒީކިއަލް ފެނުމުން ލިބުނު ސިހުން ފިލުވާލައި މީހާ ހަމައަކަށް އެޅިލީ ދިރިއުޅުން ކުރިޔަށް ގެންދަން މާޔާ ގަސްދުކޮށްފައިވާ ގޮތް ހަނދާންވުމުންނެވެ. މާޒީ، މާޒީއަށް ދޫކޮށްލާފައި ކުރިޔަށްދާން އޭނާ ނިންމާފައިވާތީ އެވެ.

"ހޫމް... އިޓް ސޭސް މާޔާ." އެޑްރެސް ކާޑަށް ބަލަން ހުރެ އިޒީކިއަލް ބުނެލި އެވެ.

"ޔޫ އާ..." އިޒީކިއަލްއަކީ ކާކުތޯ އަހާލާ ފަދައަކުން މާޔާ ބުންޏެވެ. ހައިރާންކަން އިޒީކިއަލްގެ ދެ ލޮލުން ފާޅުވެލިތީ މާޔާ ދުށްޓެވެ.

"އިޒީކިއަލް. އޮރާޔަން ޝިޕިންގ ކުންފުނީގެ ސީއީއޯ." ކުރިޔަށްދާ ޙަފުލާއާ ގުޅޭނޭހެން ވިޔަފާރިވެރިއެއްގެ ގޮތުގައި އިޒީކިއަލް ތަޢާރަފް ވެލި އެވެ.

"ނައިސް ޓު މީޓް ޔޫ އިޒީކިއަލް." މާޔާ އަތްދިއްކޮށްލީ ސަލާމްކޮށްލާށެވެ. އެ އަތަށް ބަލާލުމަށްފަހު އިޒީކިއަލް އެ އަތްތިލައިގައި ހިފާލި އެވެ. މާޔާއަށް ނޭވާ ހިފަހައްޓާ ލެވުނީ ބޭއިޚްތިޔާރުގަ އެވެ. ސަލާމުގެ ހަރަކާތަކަށް ވިޔަސް މާޔާގެ އަތްތިލައަށް އިޒީކިއަލް ބާރުކޮށްލި ކަމުގެ އިޙްސާސް ކުރެވުނެވެ.

"ސޭމް ހިއާ." އިޒީކިއަލް ބުންޏެވެ. އަދި މާޔާ އަތް ނަގަން އުޅުމުން އެ އަތަށް މަޑުމަޑުން ދޫ ދީފި އެވެ.

"މިޔާ އެއީ ކާކުތޯ އަހާލެވިދާނެތަ؟." މާޔާ ސުވާލުކޮށްލި އެވެ. އިޒީކިއަލް ބަލަން ހުރީ ސިރިއަސް ބެލުމަކުންނެވެ. އަދި މާޔާގެ ސުވާލާއެކު އޭނާ އިސްޖަހާލާފައި އިސް އުފުލާލި އެވެ. އޭރު އޭނާގެ ތުންފަތްވަނީ އެއްމިޔަ ކަނުން ދެމިލާފަ އެވެ.

"ތި ދެ މީހުން ވައްތަރުވީމަ. އެކަމަކު މިހާރު އެނގިއްޖެ އެކަކެއްނޫންކަން." އިޒީކިއަލް ބުންޏެވެ.

"އޯ... އިޒީކިއަލްއަށް ޚާއްޞަ މީހަކީތަ؟." މާޔާ އަހާލި އެވެ. ހަޤީޤަތުގައި އޭނާ އެ ސުވާލު ކުރީ އިޒީކިއަލްއަށް ޖެއްސުމަށެވެ.

"އެއްވެސް ޚާއްޞަކަމެއް ނެތް." އިޒީކިއަލްގެ ޖަވާބު އައީ ނިކަން އަވަހަށެވެ. މިފަހަރު އޭނާއަށް ބަލަން ހުރެ މާޔާ ހިނިތުންވެލި އެވެ.

"ތިހެނެއްނުވާނެ. ޚާއްޞަކަމެއް ނުވާނަމަ ދުލު ކުރީގައި އެ ނަމެއް ނޯންނާނެ." މާޔާ ބުނެލީ ނިކަން ޔަޤީންކަމާއެކު އެވެ. އިޒީކިއަލްއާ ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާއާ ދުރަށް މާޔާ ހިނގައިގަތެވެ.

ފަޓުލޫނުގެ އަރިމަތީ ޖީބަށް ކަނާއަތްތިލަ ކޮށްޕާލައިގެން ހުރެ ވައަތުގައި އޮތް އެޑްރެސް ކާޑަށް އަދިވެސް އެއްފަހަރު އިޒީކިއަލް ބަލާލި އެވެ. އޭނާގެ ސިކުނޑީގައި ޚިޔާލުތަކެއް އެނބުރިގަތްކަން ތުންފަތަށް ވެރިވި މާނަވީ ހިނިތުންވުން ހެކި ދެ އެވެ. ލުއި ހީނލުމަކަށް އެ ހިނިތުންވުން ބަދަލުވި އެވެ. އެޑްރެސް ކާޑު ފަޓުލޫނުގެ ޖީބަށް ލަމުން އިޒީކިއަލް އިސް އުފުލާލި އެވެ. މީހުންތަކުގެ ތެރެއިން އޭނާގެ ދެ ލޯ މާޔާ ހޯދަން ފެށި އެވެ. ނަމަވެސް އެ އަންހެންކުއްޖާ ލޮލަކު އަޅައެއް ނުގަތެވެ.

* * * * *

ގޭތެރެއަށް ވަދެގެން އައި އިޒީކިއަލްއަށް ސޯފާގައި އިން ސޫޒަން ފެނުނެވެ. އޭނާ ވެސް އަވަހަށް ތެދުވެގެން އިޒީކިއަލްގެ ގާތަށް އަތުވެއްޖެ އެވެ.

"ކީއްވެ ނުނިދާ ތިއިނީ." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އިޒީކިއަލް ނިކަން އަވަހަށް ބުނެލި އެވެ.

"އިޒީކިއަލް އަންނަންދެން މަޑުކޮށްލީ. ކިހިނެއް ދިޔައީ އިވެންޓް. ގެންގޮސްގެން ކީކޯކީ... ސިޔާސީ ވާހަކަތަކެއް ދޯ ދެއްކީ." ސޫޒަން އައިސް އިޒީކިއަލްގެ ވައަތު މުލައްދަނޑީގައި ހިފާލައި ގާތްވެލި އެވެ.

"އެކަހަލަ ކޮންމެވެސް ބޭކާރު ވާހަކައެއްނު އެމީހުން ދައްކާނީ." ސޫޒަންގެ ގައިގާ ބައްދާލަމުން އިޒީކިއަލް ބުންޏެވެ.

"ވަރަށް އަންހެނުން ވެސް އޮތްތަ އެތަނަށް ގޮސް." ސޫޒަން އަހާލި އެވެ.

"ކިހިނެއްވީ؟." އިޒީކިއަލް ވެސް ސުވާލުކޮށްލި އެވެ.

"އިޒީކިއަލް ފެންނަ އިރަށް އަންހެން ކުދީން ތިބެނީ ސޮނިވެއްޓިފަ ވިއްޔާ. އެކަހަލަ ޙަފުލާތަކުން ނިކަން ދިމާވާނެ ދޯ އެކި ކަހަލަ އަންހެނުންނާ. އަހަރެންގެ އަތުން އިޒީކިއަލް ޖަހައިގަނެދާނެތީ ބިރުގަންނާނެއެއްނު." ސޫޒަން ބުންޏެވެ.

"އެހެންވާނީ ކިހިނެއް؟." އިޒީކިއަލްއަށް ހެވުނެވެ. އޭނާގެ ޚިޔާލުތަކަށް ސިފަވާންފެށީ މިރޭ ކުރުނބާ ރިސޯޓުގައި އޮތް ޙަފުލާއިން ބައްދަލުވީ އަންހެންކުއްޖާ އެވެ.

"އެހެންނުވާނީ ކީއްވެ. އިޒީކިއަލް ނުލާހިކު ހެންޑްސަމް. އެހާ މުއްސަނދި. އަންހެނުން ވަރަށް މަކަރުވެރިވާނެ. ނޭނގޭނެ ހައްލާލާއިރު... އަހަރެންނަށް އަދިވެސް ނެތް ބުނެވޭކަށް ތީ އަހަރެންގެ މީހެކޭ." ސޫޒަން ތުން އޫކޮށްލި އެވެ.

"އަހަރެން ސޫޒީގެ މީހެއް ނޫނިއްޔާ ދެން ކާކުގެ މީހެއް." ސޫޒަންގެ މޫނުގައި ދެ އަތުން ހިފާލައި ނިތްކުރީގައި ބޮސްދިނުމަށްފަހު އިޒީކިއަލް ބުންޏެވެ. މަރާލެވުނު ދެ ލޮލުގެ ކުރިމަތިން ކުއްލިއަކަށް އިޒީކިއަލްއަށް ފެނުނީ މާޔާގެ ސޫރަ އެވެ.

"ފަސް އަހަރުވީ އޭގެ ފަހުން... ކުރީން ވެސް އެހާ ރީތި. އަދި މިހާރު ވަކިން ރީތިވެލައިފަ ހުރީ. ކުރީގައި ހުންނަ ކުޑަކުއްޖެގެ ގޮތް ވެސް ކެނޑި މެޗުއަރ ވެއްޖެ." ޚިޔާލުތަކުގެ ތެރެއިން އިޒީކިއަލްގެ ހިނިތުންވުން ފުންވެލި އެވެ.

"އިޒީކިއަލް ކޮންއިރަކުން އަހަރެންނާ މެރީކުރަން ތި ހުންނަނީ." ސޫޒަން އަހާލި އެވެ. ނަމަވެސް އިޒީކިއަލްގެ ޖަވާބެއް ނައެވެ. އޭނާއަށް ފެނުނީ ކޮންމެވެސް އެހެންކަމަކަށް އިޒީކިއަލް ގެއްލިފައިވާތީ އެވެ. ސޫޒަން އޭނާއަށް ގޮވާލައި ގާތްވެލި އެވެ. އިޒީކިއަލް ހޫން ލައްވާލި ނަމަވެސް ސޫޒަންއަށް ސަމާލުކަމެއް ނުދޭކަން އިޙްސާސް ކުރެވުނެވެ. ވަގުތުން އިޒީކިއަލްއާ ދުރަށް އޭނާ ޖެހުނެވެ.

"އަހަރެން ދައްކާ ވާހަކަ އަޑު އަހަންތަ؟." ތަންކޮޅެއް ބާރަށް ސޫޒަން ބުނެލި އެވެ. އިޒީކިއަލްއަށް ކުރެވެމުންދިޔަ ޚިޔާލުގެ ވާފަށް ބުރިވީ އެހިނދު އެވެ. ސޫޒަންއަށް ބަލާލަމުން އާނއެކޭ އިޒީކިއަލް ބުނެލީ ނިކަން އަވަހާ އެވެ. އެހެންވިޔަސް ސޫޒަން އެންމެ ފަހުން ބުނީ ކީކޭތޯ އަހާލުމުން އެ ސުވާލަށް އިޒީކިއަލްއަށް ޖަވާބެއް ނުދެވުނެވެ.

"ބޭބީ. އައި ހޭވް އަ ލޮޓް އިން މައި މައިންޑް. ސޮރީ... ސޫޒީ ބޭކާރު ކަންކަމާ ނުވިސްނަ ބަލަ. އަހަރެންނަކީ ސޫޒީގެ މީހެކޭ." ސޫޒަން ގެނެސް ގާތްކޮށްލަމުން ކޮޓަރިއާ ދިމާއަށް އިޒީކިއަލް ހިނގައިގަތެވެ.

ކޮޓަރިއަށް ދެ މީހުން އައިސް ވަނެވެ. އިޒީކިއަލް ލައިގެން ހުރި ހެދުން ބަދަލު ކުރަމުން ދިޔައިރު އެނދުގައި އިށީނދެލައިގެން ސޫޒަން އިނެވެ. ފިކުރަކަށް ގެއްލިފައި އިންހެން އިރުކޮޅަކު އިނުމަށްފަހު އިޒީކިއަލްއަށް ސޫޒަން ގޮވާލި އެވެ.

"ޔެސް ލަވް." އިޒީކިއަލް ޖަވާބު ދިނެވެ.

"އަހަރެން ބޭނުން މެރީ ކުރަން. އިޒީކިއަލް ކާފަ ކައިރީ އަހަރެމެންގެ ވާހަކަ ދައްކަބަލަ. އަހަރެމެންގެ ކައިވެންޏަށް ކާފަ ރުއްސުމަކީ އިޒީކިއަލްގެ ކަމެއް." ސޫޒަން ބުންޏެވެ.

(ނުނިމޭ)