ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމްގެ ހޫނު ރައްދެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުވެއްޖެ އެވެ.
މިނިސްޓަރު ފައިސަލް ކުރީގެ ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށްވެސް އެމަނިކުފާނުގެ ސަޕޯޓަރުން ވޯޓުދޭންޖެހޭ ހާލަތު އަތުވެދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީނަށް ނިމިދިޔަ ސަރުކާރުން އަނިޔާކުރާތީ ކަމަށް ބުނެ ޕީޕީއެމް ޕީއެންސީގެ އާންމު އެތައް މެންބަރަކު މަތީގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އެމަސައްކަތް ކުރުން ނިމިދިޔަ ސަރުކާރުން އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާ ދިން ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް ކޯޓުގެ ހުކުމާ ގުޅިގެން މަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭތީ މަނިކުފާނު ބޭނުންފުޅުވީ އިލެކްޝަން ބޮއިކޮޓް ކުރަން. ދެ ޕާޓީގެ އާންމު މެންބަރުން އަނެއް ފަސް އަހަރު މަގުމަތީގައި އުޅެން. އެވެސް ހަމަ އެންމެ ރަނގަޅު ނިންމެވުންތޯ؟" މިދިޔަ ރިޔާސީ އިންތިހާބު ދިމާކޮށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކަށް ފާޑު ކިޔުއްވާ ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަނީ މީގެކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އަނެއްކާވެސް ރައީސް ޔާމީންގެ އެންމެ އަރިހުގައި މަސައްކަތް ކުރައްވާތީ އެކަމަށްވެސް ފާޑުވިދާޅުވެފަ އެވެ.
"މިހާރު އެންމެ ކައިރީގައި ތި ގެންގުޅުއްވާ އެކަކީ ޑރ. ޖަމީލް. އެއީ 2018 ގައި [ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި] މަނިކުފާނަށް އެންމެ ޑެމޭޖު ދިން އެކަކު. އަދި މަނިކުފާނާއި ފިރުއައުނާ އެއްވަރުކުރި މީހާ. ދެން ހުރީ މަލީހް ޖަމާލް. އަޅުގަނޑުމެން އާންމު މެންބަރުން އޭރު މަގުމަތީގައި މުޒާހަރާ ކުރިއިރު މަލީހް އިނީ ތިން އަހަރު [ރައީސް] އިބޫގެ ކެބިނެޓްގައި މަނިކުފާނަށް ވަގަށް ގޮވަން،" ހޫނު ހަމަލާތަކެއް ދެއްވަމުން ފައިސަލް ވިދާޅުވި އެވެ.
ޑރ. ޖަމީލް އަކީ ރައީސް ޔާމީނާ އެކު 2013 ގައި ނައިބް ރައީސް ކަމަށް އިންތިހާބުވި ބޭފުޅާ އެވެ. މަލީހް ޖަމާލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ ސްޕޯޓްސް މިނިސްޓަރެވެ. ނަމަވެސް ވެރިކަމުގެ ވަކި ހިސާބަކުން މަޖިލިސް މެދުވެރިކޮށް ނައިބް ރައީސް ކަމުން ޖަމީލް ވަކިކުރުމާ ގުޅިގެން އެ ދުވަސްވަރު މަލީހް ވެސް ވަނީ ވަޒީރު ކަމުން ވަކިކުރައްވާފަ އެވެ. ސިޔާސީ މި ކޯޅުންގަނޑުގެ ތެރެއިން އެ ދުވަސްވަރު ޖަމީލާއި މަލީހް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ސަރުކާރުގައި މަލީހްއަށް ޓެކްނޮލޮޖީ މިނިސްޓަރު ކަން ދެއްވި އެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގައިވެސް ވަކި ހިސާބަކުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަލީހް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ބާޣިން ކަމަށްވެ ޑރ. ޖަމީލާއި މަލީހް އަކީ ގާޒީންނަށް ވެފައިވާ ކަމަށެވެ.
"އިންޝާﷲ. ރައީސް ޑރ މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހިންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ ހެޔޮވެރިކަމަކަށް،" ފައިސަލް ވިދާޅުވި އެވެ.