ލ. މުންޑޫ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.
ފެނަކަ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އިންޖީނުގެ ބަދަލުކުރުމުގެ އެއްބަސްވުމުގައި މުންޑޫގެ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެރަށު އިންޖީނުގޭގެ ޒިންމާދާރު ވެރިޔާ އަލީ ޝަފީއު އެވެ. ފެނަކައިގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.
ނިމާލް މިއަދު ވިދާޅުވީ، މުންޑޫ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރުމުން އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމަށާއި އެ ސަރަހައްދުގެ އެހެން ރަށްރަށެކޭ އެއް ގޮތަށް ޓެރިފް ރޭޓުގެ ގޮތުގައި ވެސް ނަގާނީ 2.20ރ. ކަމަށެވެ.
އާބާދީގެ ބޮޑުބައި އެހެން ރަށަކަށް ހިޖުރަކަށް މިހާރު ކުޑަ އާބާދީއެއް އޮތް މުންޑޫގެ އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލު ކުރުމުން އެ ރަށުގައި ފެނަކައިގެ އޮފީހެއް ހުޅުވާނެ އެވެ. ފެނަކަ އޮފީސް އެރަށުގައި ގާއިމްކުރާނީ އެ ރަށަށް ނިސްބަތްވާ މުވައްޒަފުންނާ އެކުއެވެ.
ޝަފީއު ވިދާޅުވީ، އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލުކުރުމަކީ މުންޑޫގެ ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. އިންޖީނުގެ ހިންގަން މިހާތަނަށް ރައްޔިތުން ކުރަމުން އައި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ޝަފީއު ވިދާޅުވީ އިންޖީނުގެ ރަނގަޅު ފެންވަރަކަށް ހިންގުމަކީ އެރަށު ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
މުންޑޫ އަކީ 380 އެއްހާ މީހުން އުޅެ އެވެ. ކަރަންޓު ބޭނުންކުރާ ހުންނަނީ 58 ގެ އެވެ. މަހެއްގެ މައްޗަށް އެވްރެޖްކޮށް 11012.68 ކިލޯ ވޮޓުގެ ކަރަންޓް ބޭނުންކުރެ އެވެ.