ޑރ. މުހައްމަދު މުއިއްޒު

ހިންނަވަރު ރައްޔިތުންގެ ހައްގު ހޯދައިދޭނަން: ރައީސް

ސިޔާސީ ފިކުރަށް ބެލުމެއް ނެތި ޅ. ހިންނަވަރަށް ދޭންޖެހޭ އެންމެ ފުރިހަމަ ހައްގު ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ހިންނަވަރަކީ ރައީސް މުއިއްޒުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އުފަން ރަށެވެ. ހިންނަވަރަކީ ރައީސް ސޯލިހަށް ތާއީދު ބޮޑު ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ރައީސް ސޯލިހް ވަނީ ޅ. އަތޮޅާއި ހިންނަވަރު ދާއިރާ ހިމެނޭ ގޮތަށް މަޖިލިސް މެންބަރެއްގެ ގޮތުގައި މެދުނުކެނޑި 25 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރުވެސް ހުންނެވީ ރައީސް ސޯލިހްގެ އާއިލީ ބޭފުޅެއް ކަމަށް ޖީހާން މަހްމޫދު އެވެ.

ހިންނަވަރަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހަށް އަމާޒުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ހިންނަވަރަކީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި އަދި ހިންނަވަރަކީ އެބައެއްގެ "ފުލް ކޮންޓްރޯލް" އޮތް ރަށެއް ކަމަށް ދައްކައިގެން ބަޔަކު އުޅުނު ކަމަށެވެ.

ރައީސް ވިދާޅުވީ ހިންނަވަރަކީ އާބާދީ ބޮޑު ރަށަކަށްވީ ނަމަވެސް އަދި އެރަށުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ނުވެ އެތައް ޒަމާނެއް ހޭދަވެގެން ދިޔަ ނަމަވެސް ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދީ އެރަށަށް ފުރިހަމަ ހައްގު މިސަރުކާރުގައި ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށްވީ ނަމަވެސް އަޅުގަނޑު ކުރިމަތީ ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަށް މުހިއްމު އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ކުޑަ ރަށެއް ބޮޑު ރަށެއް އަދި ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދީ ދަތިކަމުގެ ތެރޭގައި މިސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ސޯލިހްގެ ސަރުކާރުން އެކި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދައްކާ ހުރުން ކަމަށެވެ. އެގޮތުން އެކި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ މިސަރުކާރުން މިހާރު ދައްކަމުންދާ ކަމަށާއި ފައިސާ ދައްކާ މިންވަރުން ރަށްރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް މަޑުމަޑުން ހިނގަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.