ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ އިލްތިމާސް: ދޮގު ވާހަކަތަކާ ދުރުވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ކުރާއިރު ދޮގު ވާހަކަތަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ޅ. ނައިފަރު މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާތީ ހަގީގަތާއި ހިލާފު ވާހަކަތަކުން ދުރުވެ ރީތި އާދަތައް އާލާކޮށް ރީތި ކެމްޕޭނެއް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދިވެހިންނަކީ މުސްލިމުން ކަމަށްވާތީ ދޮގު ހެދުމާއި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުން ދުރުވެ ނަފްސް އިސްލާހު ކުރުމަށް ޤުރުއާންގައިވެސް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ތަރައްގީ ގެނައުމަށް ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވިދާނެ ކަމަށާއި އެކަމަކު ގައުމަށް ހަމަޖެހުން އަންނާނީ ކޮންމެ މީހަކުވެސް ފުރަތަމަ އެމީހެއްގެ އަމިއްލަ ނަފްސު އިސްލާހުކޮށްގެން ކަމަށް ވިދާޅުވި އެވެ.

"އަމިއްލަ ނަފްސު އޮތީ އަނދަވަޅެއް ކަމުގައި ވަނީނަމަ އެކަމުން މާނަހުރި ތަރައްގީއެއް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ވެބްސައިޓަކުން ރައީސް އާއި ސަރުކާރަށް ހަގީގަތާ ހިލާފަށް ފާޑުކިޔާތީ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހިންގެ ބަޔަކު ހިންގާ ކަމަށް ބެލެވޭ ވެބްސައިޓަކުން ކުރާ އެފަދަ ކަންކަމާވެސް ދުރުވާން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އަމިއްލަ ނަފްސު އިސްލާހު ކުރަން އެދޭނަމަ ރަމަޟާން މަހަކީ އެކަމަށް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. ކޮންމެ މީހަކުވެސް އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ސަރުކާރުން ކުރަން ބޭނުންވާ ކަންކަމާއި ރައްޔިތުން ކުރަން އެދޭ ކަންކަން ކޮށްދިނުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީގެ ކެންޑިޑޭޓުން ހޮވައި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ހޯދައިދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރައްވާ އެމަނިކުފާނު މިއަދު ވިދާޅުވީ އެކަންކަން ކުރައްވާނެ ކަމަށެވެ. އެގޮތުން ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯތި ދޫކޮށް 400 ހައުސިން ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އެރަށު ފަޅުން 45 ހެކްޓަރުގެ ބިން އިތުރަށް ހިއްކައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.