ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތަކީ ރާއްޖެއަށް މުހިއްމު ބައެއް: ރައީސް

ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުޑަ ގައުމަކަށް މުހިއްމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަގުބަލަކަށް މަސައްކަތްކުރުމުގެ މުހިއްމު ފުރުސަތެއް ކަމަށެވެ. މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާއި އަދި މުއްސަނދި ސަގާފީ ސިންދަފާތުތައް ކަމުގައި ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ ކޮމަންވެލްތަކީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުމާއި، އެކަމަށް ބޭނުންވާ ފައިސާ ލިބުމަށް ލުއިފަސޭހަކޮށްދިނުމާއި، މިންތީގެ ހަމަހަމަކަމާއި، ވިޔަފާރި އިތުރުކުރުމާއި، ވިލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމަށެވެ. އަދި މިއަހަރުގެ ޝިއާރު ކަމުގައިވާ "ވަން ރެސިލިއަންޓް ކޮމަން ފިއުޗަ: ޓްރާންސްފޯމިން އަވަ ކޮމަން ވެލްތް" މި ޝިއާރަކީވެސް ރާއްޖޭއާ ވަރަށް ގުޅޭ ޝިއާރެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތުގެ 75 ވަނަ އަހަރީ ދުވަސް މިއަހަރު ފާހަގަކުރަމުންދާއިރު އެކަމުން ހަނދާންކޮށްދެނީ އެޖަމިއްޔާ އެކަތިގަނޑެއްގެ ގޮތުގައި ދަތުރުކުރެވިފައިވާ ދުރު ރާސްތާ ކަމަށެވެ. އެގޮތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން ދެމެހެއްޓެނިވި ތަރައްގީގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ހެދުމަށް ކޮމަންވެލްތުގެ ވަރަށް ބޮޑު އެހީއެއް ލިބިގެންދިޔަ ކަމުގައިވެސް ވިދާޅުވި އެވެ. ހަމައެހެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުމުން ހުށަހެޅިފައިވާ ނާޒުކު ހާލަތްތަކުން އަރައިގަނެވި އަދި ގައުމުގެ ހިއްސާ އަދާކުރެވޭ ގޮތްވުން ފަދަ އެތައް ފައިދާތަކެއް ގުޅިގެން މަސައްކަތްކުރުމުން ލިބިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި މިއަހަރުގެ ފަހުކޮޅު ސަމޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނާއި، އޭގެ ފަހުންވެސް ކޮމަންވެލްތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ކޮމަންވެލްތުން ކުރަމުން ގެންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި އާންމު މުއްސަނދި ކަމަށް އަދި އެއް މުސްތަގުބަލަކަށް މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކޮމަންވެލްތާ ގުޅިގެން ރާއްޖެއިންވެސް ކުރަމުންގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.

ކޮމަންވެލްތު މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ އޮއްވާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ޖަމިއްޔާ އިން ވަކިވެފަ އެވެ. އަލުން ރާއްޖެ އިން ކޮމަންވެލްތާ ގުޅުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެބުރުއަރީ 1، 2020 ގައެވެ.