އިލެކްޝަންސް ކޮމިޝަން

އީސީގެ މެންބަރުންނަށް ފައިދާވާ ގޮތަށް ރިޓަޔާމަންޓް ޕެކޭޖެއް!

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ އަމިއްލަ މަސްލަހަތު ހިމަނައިގެން އެ ކޮމިޝަންގެ ގަވައިދު އިސްލާހުކޮށް ރިޓަޔާމަންޓް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގަވައިދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ގެނައި އިސްލާހު ގެޒެޓްކޮށްފައިވާއިރު އިސްލާހުގައިވަނީ އީސީގެ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ހިމަނާފަ އެވެ.

އިީސީ އިން ތައާރަފްކުރި އުސޫލުގައި ބުނާ ގޮތުން މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާކޮށް، އިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ވަޒީފާ އިން ރިޓަޔާކޮށް އިނާޔަތް ދޭންޖެހެ އެވެ. އަދި އުމުރުން 55 އަހަރު ވުމުން މުވައްޒަފަކު ރިޓަޔާވުމަށް އެންގުމުގެ ބާރުވެސް ގަވައިދުގައި ކޮމިޝަނަށް ދީފައިވެ އެވެ.

ރިޓަޔާ ކުރުމުގައި ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 15 އަހަރު ދުވަހު މުވައްޒަފެއްގެ ގޮތުގައި ކޮމިޝަނަށް ހިދުމަތް ކޮށްފައިވާ މީހުންނަށް ކަމަށްވެސް ގަވައިދުގައިވެ އެވެ.

ރިޓަޔާ ކުރާ މުވައްޒަފުންނަށް ލިބޭ އިނާޔަތް

ރިޓަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަކަށް ލިބެ އެވެ. ނަމަވެސް އެ މީހަކު ހިދުމަތް ކުރި އަހަރު 15 އަހަރު ދުވަހަށް ވުރެ އިތުރުވާނަމަ އެއް ފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލަނީ 15 އަހަރުގެ ހިދުމަތަށެވެ.

ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދެވޭނެ ގޮތެއްވެސް ހަމަޖައްސާފައިވެ އެެވެ. ހިދުމަތް ކުރާ 30 އަހަރު ވެފައިވާނަމަ އެ އިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވެސް ޖެހެ އެވެ.

އުމުރު ހަމަނުވި ނަމަވެސް އީސީގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ އެ މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ހިދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް ލިބޭ ގޮތަށްވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.

އީސީގެ މެންބަރުން އަމިއްލައަށް ރިޓަޔާމަންޓް ޕެކޭޖެއް ތައާރަފް ކުރިއިރު މި ޕެކޭޖު ލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށް އުސޫލު ހަދާފައިވަނީ އީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ފަސް ބޭފުޅުންނަށްވެސް ރިޓަޔާމަންޓް ޕެކޭޖު ލިބޭ ގޮތަށެވެ. އީސީގައި ތިއްބެވި ފަސް މެންބަރުންނަކީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ކޮންމެ މަހަކުވެސް 40،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވަ އެވެ.

އީސީގެ މެންބަރުން އަމިއްލައަށް ރިޓަޔާމަންޓް ޕެކޭޖެއް ތައާރަފްކޮށްފައި މިވަނީ އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބުގެ މެންބަރު ކަމުގެ ދައުރު މާދަމާގެ ނިޔަލަށް ހަމަވާން ދަނިކޮށެވެ. އަދި މި ޕެކޭޖު ތައާރަފްކޮށްފައި މިވަނީ ބައެއް މިނިވަން މުއައްސަސާތަކުން މިފަދަ ޕެކޭޖުތަކެއް ހަދައި އެއަށް ގާނޫނީ ބާރު ހޯދުމަށް ބައެއް މުއައްސަސާތަކުން މަޖިލިސް ތެރެއިން މަސައްކަތް ކުރަމުން ދަނިކޮށެވެ.