ދުނިޔެ

ބަޣުދާދަށް ދިޔަ ފްލައި ދުބާއީގެ މަތިންދާބޯޯޓަކަށް ވަޒަނެއް އަރައިފި

އިރާގުގެ ވެރިރަށް ބަޣުދާދަށް ޖައްސަން ދިޔަ ފްލައިދުބާއީގެ މަތިންދާބޯޓަކަށް ބަޑިއެއްގެ ވަޒަން އެރުމާ ގުޅިގެން އެ އެއާލައިންގެ ދަތުރުތައް އިރާގަށް ކުރުން މެދުކަނޑާލައިފި އެވެ.

ޔޫއޭއީގެ ފްލައިދުބާއީގެ ތަރުޖަމާނަކު އޭއެފްޕީ އަށް ބުނީ އާދައިގެ ހަތިޔާރެއްގެ އުންޑައެއް، ބޯޓުގައި މީހުން ތިބޭ ހިސާބަށް އެރި ކަމަށެވެ.

"މި ހާދިސާ ހިނގި ނަމަވެސް ރައްކާތެރިކަމާ އެކު ބޯޓު ޖައްސައި، ހުރިހާ ފަސިންޖަރުން ވަނީ ސަލާމަތުން ބާލާފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ފަސިންޖަރުން ދުބާއީ އަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް އެހެން ފްލައިޓެއް އިރާގަށް ދާނެ ކަމަށެވެ. އަދި އިރާގަށް ދަތުރުކުރުން ވަކި މުއްދަތެއް ނެތި މެދު ކަނޑާލާފައިވާ ކަމަށް ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓަށް "ވަޒަންތައް" އަރާފައި ވަނީ ރަންވޭގައި ޖެއްސި ފަހުންނެވެ.

އަގުހެޔޮ ދަތުރުތައް ކުރުމަށް ހާއްސަ މި އެއާލައިންގެ ބޯޓަށް އުންޑަ އެރީ 154 ފަސިންޖަރުންނާ އެކު ދަތުރުކުރަނިކޮށެވެ.

މި ހާދިސާއާ އަބޫދާބީގެ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސް އިން ވެސް ވަނީ އިރާގުގެ ބަޣްދާދަށް ދަތުރުތައް މެދު ކަނޑާލައިފަ އެވެ.

ހަނގުރާމަ ހިނގަމުންދާ އިރާގު މަތިން ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެމެރިކާ އިން މިދިޔަ އަހަރު ބުނެފައިވެ އެވެ. އަދި އިރާގު މަތިންދާ ނަމަ ވީ އެންމެ އުހަކުން ދަތުރު ކުރުމަށް އެމެރިކާ ސަރުކާރުން ލަފާ ދީފައިިވެ އެވެ. އިރާގަށް މީގެ ކުރިން ދަތުރުކުރި ބޮޑެތި ބައެއް އެއާލައިންތައް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުތައް ހުއްޓާލައި، އިރާގުގެ ބަދަލުގައި އީރާނަށް ދަތުރުކުރަން ފަށައިފަ އެވެ.