ހަބަރު

ބަލި މީހުނަށް ހިލޭ ޓެސްޓު ހަދައި ދިނުމަށް ކޭމްޕެއް ބާއްވަނީ

ބަލިމީހުނަށް ހިލޭ ޓެސްޓުތައް ހަދައި ދިނުމަށާއި ސިއްހީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުމަށް ދިވެހި ރެޑް ކްރެސެންޓާއި ޔުނިވާސަލް ފައުންޑޭޝަން އިން ގުޅިގެން ހަތަރު އަތޮޅެއްގައި ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެކަމަށް މިއަދު ޔުނިވާސިޓީ އެންޓަޕްރައިޒަސްގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ރެޑް ކްރެސެންޓް އަދި ޔުނިވާސަލް ފައުންޑޭޝަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުމުގެ ދަށުން ކޭމްޕުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެންރަލް އަބްދުއް ރައްޒާގް އިބްރާހިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހަތަރު އަތޮޅެއްގައި އެއްވެސް އަގެއް ނުނަގައި ބަލި މީހުން ބެލުމާއި ޓެސްޓު ހެދުން އަދި އެކިއެކި ބަލިތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ހެލްތު ކޭމްޕުތަކެއް ބާއްވާނެ ކަމަށާއި ރެޑް ކްރެސެންޓުން ކުރިޔަށް ގެންދާ ބަލިމީހުން އުފުލާދިނުމުގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށް ޔުނިވާސަލް ފައުންޑޭޝަން އިން އެއްބަސްވެފައިވާ ކަމަށެވެ.

"މިހާރު ޏ. އަތޮޅުން އަޅުގަނޑުމެންނަށް ލިބިަފައި ހުރި ރިކުވެސްޓުތަކަކީ ޔޫރިއޮލޮޖީ، ކާޑިއޮލޮޖީ އަދި ސޮނޮގްރަފީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ އެ ދާއިރާތަކަށް ހާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންތަކެއް މި ކެމްޕުގައި ބައިވެރި ކުރުވުމަށް ގެންނަން،" ރައްޒާގު ވިދާޅުވި އެވެ.

ރައްޒާގު ވިދާޅުވީ މި ކޭމްޕުތަކުގެ ފުރަތަމަ ބުރު މިމަހު މެދުތެރޭގައި ފުވަމުލަކުގައި ކުރިޔަށް ދާނެ ކަމަށާއި އަދި މިމަސް ތެރޭގައި ދެން މި ކޭޕުތައް ކުރިޔަށް ގެންދާނެ އަތޮޅުތައް ކަނޑައަޅާނެ ކަމަށެވެ.