( 11 މާރިޗު 2024 އަ ގުޅޭ )
"މަށަށް ހީވަނީ މިރެޔަށް އޭނާއަށް ވާވަރުވީހެން. އެންމެ ރަނގަޅުވާނީ މިރޭ އޭނާ ކައިރީ އެއްވެސް ވާހަކައެއް ނުދެއްކިޔާ." އެކުވެރިޔާއަށް ބަލާލަމުން އަރްހަމް ބުނެލި އެވެ.
"މަށަށް އެނގިއްޖެ... އެ ކުޑަކުޑަ ފަތްމިންޏަށް ޓަކައިތަ؟." ހެވިފައި ހުރެ އިޒީކިއަލްއާ ދިމާއަށް ގުދުވެލަމުން ޒާހިލް ބުންޏެވެ.
"ކުޑަކުޑަ ފަތްމިންޏޭ." އިވުނު އަޑާއެކު އަރްހަމް ބުނެލީ ސުވާލެއް ކޮށްލި ފަދައިންނެވެ.
އަރްހަމަށް އިވުނީ އެކަމެއްގެ ޚަބަރު ލިބިފައިނުވާ ކަމެކެވެ. ނަމަވެސް އޭނާގެ ސުވާލަށް އެވަގުތު ޖަވާބު ދޭނޭ މީހަކު ނުވި އެވެ. ޒާހިލް އިނީ އިޒީކިއަލްގެ ކައިރިން ލިބެން އޮތް ބޮޑު ފައިދާގެ ދަހިވެތިކަމުގައި ޖެހިފަ އެވެ. އިޒީކިއަލް އިނީ ގަސްދުކޮށްގެން އުޅޭ ކަންތައް ކޮންމެ ގޮތަކުން ވިޔަސް ކުރާން ނިންމައިގެން އިން ފަދައަކުންނެވެ.
"އޭތް. އެކަމުގައި ބައިވެރިވަންޏާ އަހަރެންގެ ޚިއްޞާއެއް އޮންނާނެ ދޯ." ޒާހިލް ބުންޏެވެ. އޭނާގެ ވިސްނުން ހުރީ އިޒީކިއަލްގެ އަތުން ލިބޭ ފައިދާގެ އިތުރުން ޕްރޮޖެކްޓުގައި ބައިވެރިވެގެން އެކަމުން ވެސް ފައިދާއެއް ހޯދުމަށެވެ.
"މައްސަލައެއްނެތް. އެކަމަކު ފުރަތަމަ ކަލޭ 30 މިލިއަން އިންވެސްޓްކުރޭ. އޭގެ ފަހުގައި ޑިވިޑެންޑްގެ ގޮތުގައި 1 ޕަސަންޓް އަހަރެން ދޭނަން. އެގޮތް ރަނގަޅެއްނު." ނިކަން ހަމަޖެހިލައިގެން އިނދެ އިޒީކިއަލް ބުންޏެވެ.
"1 ޕަސެންޓޭ... އެއީ ކޯއްޗެއް. ޖެއްސުމަށްތަ ތިބުނީ." ޒާހިލް އެއްގޮތަކަށް ވެސް ގަޔައެއްނުވި އެވެ.
"ހެ ހެ ހެ... ޒާހިލް. އެވަރުން ކަލޭ ތިގެންގުޅޭ ކަހަލަ ރީތި ކުއްޖަކު އެއްގަޑިއިރަށް ލިބިދާނެ." އަރްހަމް ދިމާކޮށްލުމުގެ ރާގުގައި ހީނގަންނަމުން ވާހަކަދެއްކި އެވެ. އޭރު ޒާހިލް އުނގަށް ލައިގެން އުޅުނު އަންހެންކުއްޖާ އޮތީ މަސްތުގެ ހާލުގަ އެވެ. ހަމަހޭވެރިކަމެއްނެތި ވަކިން ހުރި ދެ މީހުންގެ ޖާގައިގެ ސޯފާއަށް ދެމިފަ އެވެ. އިވެމުންދިޔަ ގަދަ މިއުޒިކުގެ އުނދަގުލެއް ފޯރާނީ ހޭ ހުރި ނަމަތާ އެވެ.
ދޮރުކައިރިން އަޑުފަށްގަނޑެއް އިވުނެވެ. އެ ތިން ޒުވާނުން ސަމާލުކަމަށް އައީ ކުއްލިއަކަށް އެމީހުން ތިބި ބައިގެ ދޮރު ހުޅުވުނީމަ އެވެ.
* * * * *
"ވަދޭ" މޭޒުދޮށުގައި އިން މާޔާ އިސް އުފުލައި ބަލާލި އެވެ. ދޮރުހުޅުވާލައި އޭނާގެ ކެބިންނަށް ވަދެގެން އައީ ޝާހީނެވެ.
"އަދި ނޭނގުނު އެމީހަކު." ޝާހީން ގުޅާފައި ފޯނުން ދެއްކި ވާހަކައަކާ ގުޅުވައި މާޔާ ސުވާލު ކުރި އެވެ.
"ޒާހިލް ހައިތަމް. ލުމިނަސްގެ ވައިސް ޗެއަރޕަރސަން. މަޝްހޫރު ވިޔަފާރިވެރިޔާ ނޫމާންގެ ކާފަދަރިފުޅު." ޝާހީން ތަފްސީލު ދިނެވެ. އެންމެން ދަންނަ މޫނަކަށް ޒާހިލް ވިޔަސް އެއީ ކާކުކަން ނޭނގެނީ މާޔާއަށެވެ. އެކަމަކު ނޫމާންގެ ނަމާއި ލުމިނަސްގެ ނަން އޭނާއަށް ވަނީ އިވިފަ އެވެ. ކުރުނބާ ރިސޯޓުގައި މޭޔަރު ބޭއްވި ޙަފުލާގެ ތެރެއިންނެވެ. އެރޭ އޭނާއާ ދިމާވި ހުރިހާ މީހުން ހަނދާނަކު ނެތެވެ. ޒާހިލް ހުންނަ ގޮތް ސިފަ ނުކުރެވުނީ އެހެންވެކަމުގައި މާޔާ ހީކުރި އެވެ.
"އެޕޮއިންމެންޓެއް ނެތި ބައްދަލުކުރަން ސީދާ އެ އައީ ކޮންބޭނުމަކުކަން ބުނިތަ؟." މާޔާގެ ނިތަށް ރޫޖެހިލި އެވެ. ލުމިނަސްއަކީ އެލް.ސީ.އެލް ކުންފުންޏާ އަޅާބަލާއިރު އެތައް ގޮތަކުން ކުރިއަރާފައިވާ ފުޅާ ބޮޑު ކުންފުންޏެކެވެ. އެލް.ސީ.އެލްއަކީ ރާއްޖޭގައި ޅަފަތުގެ ދުވަސްތައް ގުނަމުން އަންނަ ނުހަނު އައު ކުންފުންޏެކެވެ. އެހެންވެ މާޔާ ހައިރާންވީ ކަމަކަށް ލުމިނަސްގެ ވެރިއަކު އޭނާއާ ބައްދަލު ކުރާން އައުންވި އެވެ.
"އެއްކޮށް މަސައްކަތްކުރާން ބޭނުންވާތީ މޭމްއާ ބައްދަލުކޮށްލަން އައީ." ޝާހީން ބުންޏެވެ.
"އޭނާ ކުރީން އައިސްފައިވޭތަ؟. އެމީހުންނާއެކީ ކުރީން މަސައްކަތް ކޮށްފައިވާ ކަމުގެ އެއްވެސް ޑޭޓާއެއް ފެންނާކަށް ނެތް." ހަނދާންކުރަމުން މާޔާ ބުންޏެވެ.
"އެންމެންވެސް ތިބީ ސަޕްރައިޒްވެފައި. މީ ފުރަތަމަ ފަހަރު ލުމިނަސްއިން މިފަދަ އެޕްރޯޗެއް ކުރި." އަޖައިބުވެފައިވާ ރާގެއްގައި ޝާހީން ބުންޏެވެ.
"އޭނާ ވައްދާ. ކޮފީ ރެޑީކޮށްލާތި އިނގޭ." މާޔާ އިރުޝާދު ދިނެވެ. އެއާއެކު ޝާހީން އަވަސްއަވަހަށް ނުކުމެއްޖެ އެވެ.
ފައިކުރި ހިމަ އޮފީސް ފަޓުލޫނުގެ ދަށަށް ޖަހާލާފައި ހުރި ފެހިކުލައި ދޫ ގަމީސްކޮޅު ރަނގަޅުކޮށްލަމުން މާޔާ ގޮނޑިން ތެދުވި އެވެ. އޭނާ ހިނގައިގަތީ އެއްފަރާތުގައި މެހެމާނުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ޓަކައި ބަހައްޓާފައިވާ ސޯފާތަކާ ދިމާ އަށެވެ. އެވަގުތު ކެބިންގެ ބިއްލޫރި ދޮރު ހުޅުވިއްޖެ އެވެ. މާޔާ ފުރަތަމަ ވެސް އަޅައިގަތީ އެތެރެއަށް ވަން ޒާހިލްގެ ފުޅާ ހިނިތުންވުމުގަ އެވެ. އަލި މުށިކުލައިގެ ދެ ކަޅިއަށްފަހު މާޔާއަށް ދެން ފާހަގަވީ އޭނާގެ ކޮނޑުގައި ހޭކޭ ވަރަށް ލޭޔާސްކޮށް ކޮށާލާފައި އޮތް ފަން އިސްތަށިގަނޑެވެ. މާޔާގެ ކެބިންނަށް ޒާހިލް ވަނުމާއެކު މުޅިތަނުގައި މީރު ހުވަނދެއް ލެވުނު ފަދަ އެވެ. ސެންޓުފުޅިން ފެންވަރާލައިގެން އައިސް އިން ކަހަލަ އެވެ. ރީތިކަމެއް ލިބިފައިވާ ފިރިހެނެއްކަން އޭނާގެ ސޫރަ ފެންނަ އަންހެން ކުއްޖަކު އެއްބަސްވާނެ އެވެ. އެ ރީތިކަމާއެކު ބޮޑާކަން ވެސް ފާޅުވެ އެވެ. ޒާހިލްގެ ފަހަތުން އެ ކެބިންނަށް ޝާހީން ވަނެވެ. ތައްޔާރު ކޮށްފައިވާ ކޮފީ ތަބަށް ހިފައިގެން ހުރި މަސައްކަތު މީހާއަށް އެ ބަހައްޓަންވީ ތަން ދެއްކީ ޝާހީނެވެ. އަދި އެއަށްފަހު އޭގެ ދެ މީހުން އެތަނުން ދިޔައީ ޒާހިލްއާއި މާޔާއަށް ފުރުޞަތު ދީފަ އެވެ.
"ހެލޯ ޑިރެކްޓަރ މާޔާ." ފުޅާ ހިނިތުންވުމާއެކު މާޔާގެ ކައިރިއަށް ހުއްޓިލައި ޒާހިލް ސަލާމަށް އަތްދިއްކޮށްލި އެވެ.
"ހެލޯ. އިށީނދޭ." ޒާހިލްއާ ސަލާމްކޮށްލުމަށްފަހު މާޔާ ސޯފާއަށް އިޝާރާތްކޮށްލި އެވެ. ޒާހިލް އިށީނުމާއެކު ވާހަކަދައްކަން ފެށި އެވެ.
"އެއް ފަހަރެއްކަމަށް މަޢާފުކޮށްދީ އެޕޮއިންމެންޓަކައި ނުލާ ކުއްލިއަކަށް ބައްދަލުކޮށްލަން އާދެވުނީމަ. އަދި ވަރަށް ބޮޑަށް ޝުކުރިއްޔާ ވާހަކަދައްކާލަން ފުރުޞަތު ދިނީމަ. އެނގޭ ވަރަށް އަވަދިނެތިކަން އުޅޭނީ. އެހެންވީމަ ވާހަކަ ގިނަ ކުރާކަށް އަހަރެން ނެތިން. ސީދާ ޕޮއިންޓަށް ދާނަން... މިއައީ އެލް.ސީ.އެލް އިން ދެކުނުގައި ނަގާފައި އޮތް ކޮންސްޓްރަކްޝަން ޕްރޮޖެކްޓާމެދު ލުމިނަސް އިން ޝައުގުވެރިވާ ވާހަކަ ބުނަންވެގެން. އެ ޕްރޮޖެކްޓަށް ބިލްޑާސް ބޭނުންވެފައި އޮތްކަން އެނގޭ. ތިކޮޅުން... މިބުނީ އެލް.ސީ.އެލް އިން ޝައުގުވެރިވޭތޯ ލުމިނަސްއާއެކު މަސައްކަތް ކުރަން. މިކަމާ ޑިރެކްޓަރުގެ ޚިޔާލެއް ބޭނުން." ޒާހިލް ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
"ތީ ނޫނެކޭ ބުނަން ވަރަށް އުނދަގޫ ހުށަހެޅުމެއް. އެހެންވީމަ އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަހުރި. އެކަމަކު... ލުމިނަސް ފަދަ ކުންފުންޏެއް އެލް.ސީ.އެލްއާއެކު މަސައްކަތް ކުރަން ބޭނުންވަނީ ކީއްވެބާއޭ ހިތަށް އަރަނީ. ކުންފުނީގެ ސްޓްރެންތަށް ބަލާނަމަ ވެސް ލުމިނަސްއާ އެއް ހަމައެއްގައި މަސައްކަތްކުރާހާ ކޮލިފައިޑެއް ނޫން އަދިއެއް. އެހެންވީމަ އީކުއަލް ކޯޕަރޭޝަންއެއް ދޭން އެލް.ސީ.އެލްއަށް ދަތިވާނެ." މާޔާ ބުންޏެވެ.
"ކުރިމަގު އުޖާލާ ކުންފުންޏެއް އެލް.ސީ.އެލްއަކީ. ވީ އާ ސެޓިސްފައިޑް ވިތް ޔޯ ކޮމްޕެނީސް ރިސޯސަސް. މި ޕްރޮޖެކްޓަކީ ދެ ކުންފުނީގެ މެދުގައި ރަނގަޅު ގުޅުމެއް އުފެއްދުމަށް އެޅޭ ބިންގަލަށް ހެދުން އުންމީދަކީ. ލުމިނަސް އިން މިތިބީ އެލް.ސީ.އެލްއާއެކު ކުރިޔަށްދާން. ކޮންމެ ގޮތަކަށް ވިސްނީ ނަމަވެސް މިކަމުން އެލް.ސީ.އެލްއަށް ވާނެ ފައިދާ ބޮޑީ. އަނެއްކާ ތިކަހަލަ ޤާބިލް ޑިރެކްޓަރެއް ކުންފުންޏާ ގުޅުނުކަމީ އިތުބާރު ބޮޑުވާނޭ ކަމެއް." އެންމެ ފަހު ޖުމްލައާއެކު މާނަވީ ހިނިތުންވުމެއް ޒާހިލް ބަދަލުކޮށްލި އެވެ.
މާޔާއަށް ޒާހިލްގެ ރާގު ބައެއް ފަހަރު ހުންނަ ގޮތާއި އޭނާގެ މާޔާއަށް ބަލާ ގޮތް ކަމަކު ނުދެ އެވެ. އެހެންނަމަވެސް މިވަގުތަކީ އަމިއްލަ ޖަޒުބާތުތަކަށްވުރެ ވިޔަފާރިއާއި ފައިދާއަށް ވިސްނައި އިސްކަންދޭންވީ ވަގުތެއްކަން މާޔާ ދެނަހުއްޓެވެ. އޭނާ ކަންތައް ކުރީ ވެސް އެފަދައިންނެވެ. ޒާހިލްގެ ހުށަހެޅުން އޭނާ ޤަބޫލުކުރީ ކުންފުނީގެ މުސްތަޤްބަލަށް ވިސްނާފަ އެވެ. ޒާހިލް ނުކުމެގެން ދިޔައީ ނިކަން ހިތްހަމަޖެހިފައި ހުރެ އެވެ. އެ ބައްދަލުވުން ނިމުމާއެކު މާޔާ އަވަސްވެލީ އެ އެއްބަސްވުމުގެ ޚަބަރު ކުންފުނީގެ މަތީ ފަންތިއަށް އެންގުމަށެވެ.
ވިހި ދުވަސް ފަހުން ޒާހިލްއާއެކު ރަސްމީ ސިފައެއްގައި ދެ ކުންފުނީގެ މެދުގައި އެއްބަސްވުމުގައި ސޮއި ކުރުން އޮތެވެ. ޕްރޮޖެކްޓްގެ ބިޑް ކާމިޔާބު ކުރީ ވެސް ލުމިނަސް ކުންފުނިންވީމަ އެވެ. އެލް.ސީ.އެލްގެ ފަރާތުން ހަވާލުވެ ހުރީ މާޔާ އެވެ. އެ ޙަފުލާ އޮތީ ދެ ކުންފުނީގެ އެހެން މެންބަރުންނާއެކު ލުމިނަސް އިން ހިފާފައިވާ ހޯލެއްގަ އެވެ.
"އިތުރު ކަމެއް ނެތިއްޔާ ދެން އަޅުގަނޑުމެން ގޮސްލީއޭ." އެންމެން ހޯލުން ނުކުންނަން ފެށުމުން މާޔާ ވެސް ޒާހިލްއަށް ބުނެލި އެވެ. އޭރު އޭނާގެ ދާދި ގާތުގައި ޝާހީން ހުއްޓެވެ.
"މިއަދުން ފެށިގެން މި ޕްރޮޖެކްޓް ނިމެންދެން އަހަރެމެން މިވަނީ ޕާޓްނަރުންނަށް ވެފައި. އެހެންވީމަ މީ ފާހަގަ ކުރާން ޖެހޭ ވަރުކަމެއްނު. މެންދުރުގެ ވަގުތު އަދި ނުނިމޭ... ހިނގާ ކާން. އަހަރެންގެ ދަޢުވަތެއް. މާޔާއާ ބައްދަލުކޮށްދޭން ބޭނުންވާ އިތުރު ފަރާތެއް އެބަހުރި." ޒާހިލް ބުންޏެވެ.
"އެންމެ ރަނގަޅު. ފާރިޝްއާއެކު ޝާހީން ދޭ އޮފީހަށް." މާޔާ ބުންޏެވެ. އަދަބުވެރިކަމާއެކު ބޯޖަހާލުމާއެކު ޝާހީން ހިނގައިގަތެވެ.
ޒާހިލްގެ ކާރުން މާޔާ ފޭބި އެވެ. ކާރު ބާއްވާނޭ ތަންކޮޅެއް ލިބުނީ ދުރުންނެވެ. މާޔާ ގޮވައިގެން ޒާހިލް އައިސް ވަނީ ޝަންގްރިލާ ހޮޓެލަށެވެ. އެތަނުގެ ރޫޕްޓޮޕަށް އެމީހުން އެރި އެވެ. މޭޒުގެ ދޮށުގައި ދެ ޒުވާނުން ތިއްބެވެ. ނަންބަރު އައިނު އަޅާފައިވާ ޒުވާނާ އިނީ އޭނާގެ ކުރިމަތީގައި ހުޅުވާފައިވާ މެކްބުކްއަށް ގެއްލިފަ އެވެ. ދެން އިން ޒުވާނާ އިނީ ފުރަގަސްދީގެންވީމާ ކާކުކަމެއް ނޭނގުނެވެ. ޒާހިލް އައީ އެ ދެ ޒުވާނުން ތިބި މޭޒާ ދިމާއަށެވެ.
"އިޒީކިއަލް. މި އައީ އޭނާ ގޮވައިގެން." މޭޒު ކައިރީ ހުއްޓިލަމުން ޒާހިލް ބުނެލި އެވެ. އެހިނދު މާޔާއަށް ލިބުނީ ބޮޑު ސިހުމެކެވެ. މިހާ އަވަހަށް އިޒީކިއަލްއާ ދެވަނަ ފަހަރަށް ބައްދަލުވެދާނޭ ހިޔެއް ނުކުރެ އެވެ.
"ޑިރެކްޓަރ މާޔާ. ކޮޅަށް ނުހުރެ އަވަހަށް އިށީނދޭ. ލެޓް މި އިންޓްރޮޑިއުސް ޔޫ ދަ އަދަރ ޓޫ ޕާޓްނަރ އޮފް ލުމިނަސް." ނިކަން ހިނިއައިސްފައި ޒާހިލް ބުންޏެވެ.
ލުމިނަސްއާއެކު އިތުރު ބަޔަކު ބައިވެރިވާކަމެއް މާޔާ ނުދެނަހުއްޓެވެ. އޭނާ ހީކޮށްގެން ހުރީ އެލް.ސީ.އެލްއާއި ލުމިނަސްއާ މެދުގައި އެކަނި ހެދުނު އެއްބަސްވުމެއް ކަމަށެވެ. އަނެއްކޮޅުން އިޒީކިއަލް ފެނުންވީ މާޔާއަށް އުނދަގޫ ގޮތްތަކެއް ވެގެން ދިޔަ ކަމަކަށެވެ.
"ހާއި. އަހަރެމެން އަނެއްކާ ވެސް ބައްދަލުވީ ދޯ." ލުއި ހިނިތުންވުމަކާއެކު އިޒީކިއަލް ސަލާމަށް އަތްދިއްކޮށްލި އެވެ.
"އިޒީކިއަލް." މާޔާއަށް ބުނެލެވުނެވެ.
"ތި ދެ މީހުން ދަންނަތަ؟." ޒާހިލް ވަގުތުން އަހާލީ އެއްވެސް ކަމެއް ނޭނގޭ މީހަކު ފަދައިންނެވެ.
"ނޫން. ނުދަންނަން." ނިކަން އަވަހަށް މާޔާ ބުނެލި އެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ މާޔާގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވުނެވެ.
"މާޔާ." ޒާހިލް ގޮވާލައި އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރީން މާޔާ ވާހަކަދައްކަން ފެށި އެވެ.
"އެކްސްކިއުޒް މީ... އެބަ އަންނަން." މިހެންބުނެލުމާއެކު މާޔާ އެނބުރި ހިނގައިގަތެވެ.
"ކަލޭ ކޮންތާކަށް." އިޒީކިއަލް ގޮނޑިން ތެދުވުމުން ޒާހިލް އަހާލި އެވެ.
"ފާޚާނާއަށް." އިޒީކިއަލް ބުނެލި އެވެ.
"ސީރިއަސްލީ. އަސްލު ކޮބާތަ ތި ދެ މީހުންގެ ސްޓޯރީއަކީ." ނިކަން ޝައުގުވެރިކަމާއެކު ޒާހިލް އަހާލި އެވެ.
ފާޚާނާގައި ލޯގަނޑު ކުރި މަތީ މާޔާ މަޑުކޮށްލައިގެން ހުއްޓެވެ. ދޫކޮށްލާފައިވާ އިސްކުރުން ފެންފައިފައިބާ ހުއްޓެވެ. އޭނާ ދެ ލޯ މަރާލައިގެން ހުރި އިރު ވިސްނެމުން ދިޔައީ އިޒީކިއަލްއާ މެދު އެވެ. ލުމިނަސްއާއެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާން އިޒީކިއަލްގެ ކުންފުނިން އެއްބަސްވުމަކީ އިއްތިފާގެއްބާއޭ މާޔާ ހިތަށް އަރަމުންދިޔަ އެވެ. ނޫނީ މީ އަނެއްކާ ރޭވުމެއްބާއޭ ވެސް އޭނާ ހިތަށް އަރަ އެވެ. އެހާ ވަރުން ޒާހިލް އޭނާއާ ބައްދަލުކުރަން އައީ މިހެންވެގެންބާއޭ ވެސް މާޔާ ހިތް ސުވާލު ކުރެ އެވެ.
"ނޫން... އައި ހޭވް ޓު ކާމް ޑައުން. މިކަމުން އޭނާއަށް އޮތީ ކޯއްޗެއް." ވިސްނުން ބަދަލުކޮށްލަން މާޔާ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލި އެވެ.
މޫނުގައި ފެންފޮދެއް ލުމަށްފަހު މާޔާ މޫނު ފުހެލި އެވެ. އޭނާ ސިއްސައިގެން ދިޔައީ ފާޚާނާއަށް އިޒީކިއަލް ވަނީމަ އެވެ. ބޭރުގައި އެ ހޮޓެލްގެ ސްޓާފަކު ވެސް ނެތީބާއޭ މާޔާ ހިތަށް އެރި އެވެ. ގައިމުވެސް އިޒީކިއަލްގެ އެ ޢަމަލުން މާޔާގެ ހިތުގެ ހިނގުން އަވަސްވެގެން އައެވެ.
(ނުނިމޭ)