ރަޝިއާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ލަޑިމިއާ ޕޫޓިންއަށް 88 ޕަސެންޓް ލިބިވަޑައިގެންފި އެވެ. މިހެންކަމުން އޭނާއަށް ރައީސްކަމުގެ ފަސްވަނަ ދައުރެއް ކަށަވަރުވީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގެ އަވަށްތަކުގައި އިންތިހާބު ހިނގަމުން ދިޔައިރު މާބޮޑު މައްސަލަތަކެއް ދިމައެއް ނުވެ އެވެ. އިދިކޮޅުގެ ތާއީދާ އެކު ގުރޫޕުތަކުން މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފައްދަން މަަސައްކަތްކުރި ނަަމަވެސް ފުލުހުން އެކަން ވަނީ ހުއްޓުވާފަ އެވެ.
ކޮންމެ ގައުމުގެއްގައިވެސް އިންތިހާބާ ދިމާކޮށް އިދިކޮޅުން ހަމަނުޖެހުން ހިންގާ ބީދައިން ރަޝިއާގައިވެސް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތް ކަމަށް ހަބަރުތައް ބުނެ އެވެ.
ޕޫޓިންއަށް ރައީސްކަމުގެ އިތުރު ދައުރެއް ލިބިވަޑައިގަތުމުން އެ މަގާމު ކުރިއަށް އޮތް ހަ އަހަރަށް ކަށަވަރުވީ އެވެ.
ޕޫޓިން 71، އެންމެ ފުރަތަމަ ރަޝިއާގެ ރައީސްގެ މަގާމަށް ވަޑައިގަތީ 1999 ވަނަ އަހަރެވެ. މި ނަތީޖާއާ އެކު ސޯވިއެޓް ޒަމާނުއްސުރެ ރަޝިއާގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ލީޑަރަކަށް ޕޫޓިން ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރަޝިއާގެ ރިޔާސީ އިންތިހާބެއްގައި ވެރިކަމަށް ހޮވި ވަޑައިގެންނެވި ލީޑަރަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މިއީ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ރަޝިއާގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ޕޫޓިން އެއްބުރުން ހޮވިވަޑައިގަތުމުން އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެ އެވެ. ދެން އޮންނާނީ ރަސްމީ ނަތީޖާ އިއުލާންކުރުމާއި ރައީސްކަމަށް ޕޫޓިން ވެރިކުރައްވައި ހުވައިކުރެއްވުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
މި އިންތިހާބުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި ނަމަވެސް ޕޫޓިންއާ ގާތްކުރާ ވަރަށް އެއިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެ އެވެ.
ރަޝިއާގެ ރައީސްގެ މަގާމަށް ޕޫޓިން ހޮވިވަޑައިގަތުމާ ގުޅިގެން އޭނާ ވަނީ މި އިންތިހާބާ ބެހޭ ގޮތުން ދެތިން ބަހެއް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުން ޔުކްރޭން ހަނގުރާމަ އަކީ ކޮންމެހެންވެސް ކުރަންޖެހިފައި އޮތް ހަނގުރާމައެއް ކަމަށް ރަޝިއާގެ ރައްޔިތުން ބުނެފި އެވެ.
އެމެރިކާއަށް ފާޑުވިދާޅުވެ ޕޫޓިން ވިދާޅުވީ އެމެރިކާގައި އޮންނަނީ ޑިމޮކްރަސީ ނޫން ކަމަށާއި ޑިމޮކްރަސީ އަކީ އެމެރިކާ ދަންނަ އެއްޗެއްވެސް ނޫން ކަމަށެވެ.
އެމެރިކާއަށް ރައީސަކު ހޮވަން ޖެހެނީ ގޮންމުށުން ކަމަށާއި ދުނިޔޭގައި ވެސް އެމެރިކާ ހިންގަން ބޭނުންވަނީ ގޮންމުށުގެ ގާނޫން ކަމަށް ޕޫޓިން ވިދާޅުވި އެވެ.