ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބުގައި 602 ވޯޓު ފޮށި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

މަޖިލިސް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ބަހައްޓަން ނިންމީ 608 ވޯޓު ފޮށްޓެވެ. ނަމަވެސް ރީރަޖިސްޓްރޭޝަން މުޅިން ނިމި ވޯޓު ފޮށީގެ ޖުމްލަ އަދަދު ކަނޑައެޅިއިރު ކުރިން ބަހައްޓަން ނިންމި އަދަދަށް ވުރެ ހަ ވޯޓު ފޮށި މަދެވެ.

އީސީ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 34 ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ރާއްޖެއިން ބޭރުގައި ތިން ފޮށި ބެހެއްޓުމަށް ނިންމާފައިވެ އެވެ.

ބޭރުގެ ތިން ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމީ އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 150 އަށް ވުރެ ގިނަ ދިވެހިން ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމުންނެވެ. ވޯޓު ފޮށި ބަހައްޓާ ރިސޯޓްތަކަކީ އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުން ރީރަޖިސްޓްރީ ކޮށްފައިވާ ރިސޯޓްތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.