ވާހަކަ

މިލްކުވާނެބާ

( 18 މާރިޗު 2024 އާ ގުޅޭ )

"ނޫން... އައި ހޭވް ޓު ކާމް ޑައުން. މިކަމުން އޭނާއަށް އޮތީ ކޯއްޗެއް." ވިސްނުން ބަދަލުކޮށްލަން މާޔާ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލި އެވެ.

މޫނުގައި ފެންފޮދެއް ލުމަށްފަހު މާޔާ މޫނު ފުހެލި އެވެ. އޭނާ ސިއްސައިގެން ދިޔައީ ފާޚާނާއަށް އިޒީކިއަލް ވަނީމަ އެވެ. ބޭރުގައި އެ ހޮޓެލްގެ ސްޓާފަކު ވެސް ނެތީބާއޭ މާޔާ ހިތަށް އެރި އެވެ. ގައިމުވެސް އިޒީކިއަލްގެ އެ ޢަމަލުން މާޔާގެ ހިތުގެ ހިނގުން އަވަސްވެގެން އައެވެ.

އެއްފަރާތްވެލަން އުޅުނު މާޔާގެ ހަރަކާތަކަށް އިޒީކިއަލް ހުރީ ހުސިޔާރުވެ އެވެ. ނުހަނު އަވަހަށް އޭނާ މާޔާގެ ވައަތު ކުޑަހުޅާ ހިސާބުގައި ހިފައިފި އެވެ. އިޒީކިއަލްއާ ކުރިމަތިވާނޭހެން އޭނާގެ ދެއަތުގެ ތެރޭ މާޔާ ހައްޔަރުކޮށްލީ ކުޅަދާނަކަމާއެކު އެވެ. މާޔާ ބަލާލީ ދެ ލޯ ބޮޑުކޮށްލަމުންނެވެ. ދެ މީހުންގެ ނަޒަރު ހުރީ ސީދާވެފަ އެވެ. އިޒީކިއަލް މަޑުމަޑުން ގާތްވާންފެށި އެވެ. އޭނާގެ ނޭވާގެ އިޙްސާސް ކުރެވެންފެށުމުން މާޔާއަށް ކެތެއް ނުކުރެވުނެވެ. އިޒީކިއަލްގެ ނިޔަތަކީ ކޮބާކަން ސީދާ ނޭނގުނަސް އޭނާގެ ޢަމަލުތަކުން ބޭނުންވާ ކަންތައް ހާމަކޮށްދޭން އުޅޭ ކަހަލަ އެވެ. މާޔާ އަވަސްއަވަހަށް މޫނު އަނބުރާލީ އެވެ. އެއާއެކު އިވިގެން ދިޔައީ އިޒީކިއަލްގެ ލުއި ހީނލުމުގެ އަޑެވެ.

"ކިހިނެއްވީ؟. ކިސްއެއް ބޭނުމެއްނޫންތަ؟." މާޔާގެ ކަންފަތް ކައިރީ އިޒީކިއަލް މަޑުމަޑުން ބުނެލި އެވެ.

"ޔޫ..." ރުޅިވެރިކަމާއެކު މާޔާ ދެ ލޯ އަޅާލި އެވެ. އިޒީކިއަލް ކޮށްޕާ ވެސް ލި އެވެ. ނަމަވެސް އެ ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑު ގުޑުވައި ނުލެވުނެވެ.

"މިޔާ... މިޔާ... އަހަރުތަކަކަށްފަހު ފެނުނު އިރު... ވަކިން ރީތިވެއްޖެހެން ހީވޭ." އިޒީކިއަލްއަށް ދުރުގައި ހުރުން ދަތިވި އެވެ. އޭނާ މާޔާ ކުރުކޮށް އޮތް ފަން އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލަމުން ގެނެސް ކަންފަތް ކައިރީ އިސްތަށިތައް އަޅުވާލި އެވެ. މާޔާގެ ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލި އެވެ. އަދި ދަތްދޮޅީގައި ހިފައި އޭނާއާ ދިމާއަށް މާޔާގެ މޫނު އުފުލާލި އެވެ. އޭރު އިޒީކިއަލްގެ ނަޒަރު ހުއްޓިފައިވީ މާޔާގެ ތުންފަތަށެވެ. އެކަން އެނގުމާއެކު މާޔާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.

"ދޫކޮށްލާ." ދަތްކުނޑިވިކައިގެން ހުރެ މާޔާ ބުނެލި އެވެ.

"އަހަރެންގެ ލޯބިވެރިޔާއަށް ވާންވީނު... ސިކްސް މަންތަށް ޓެން މިލިއަން ދޭނަން." މާޔާގެ ދެ އަތުގެ މުލައްދަނޑީގައި ހިފައި ގާތަށް ދަމާލުމާއެކު ކަންފަތް ދޮށުގައި އިޒީކިއަލް ބުންޏެވެ.

އިވުނު ވާހަކަތަކުން މާޔާގެ ކައިރިއަށް ވަގުތުން ރުޅި އަތުވެއްޖެ އެވެ. ދެ އަތުން އަޅައި ކޮށްޕާނުލެވުނަސް މިފަހަރު އޭނާ މަޑަކުން ނުހުއްޓެވެ. ފައި ކުރުކޮށްފައި އިޒީކިއަލްގެ ކަށިމަތީގައި ފައިން ޖެހި އެވެ. އިޒީކިއަލް ފަހަތަށް ޖެހިލި ގޮތުން އޭނާއަށް ތަދުވީކަން މާޔާއަށް އެނގުނެވެ. އެކަމުން މާޔާއަށް ލިބުނީ ހިތްހަމަޖެހުމެވެ.

"އިއްޒަތާއި ޤަދަރާއި އަބުރަކީ އޮންނަ އެއްޗެއް ނޫނީތަ؟. އިޚްތިރާމް ކުރާން އެނގޭތަ؟." މާޔާ ވާހަކަދެއްކި އެވެ.

އިޒީކިއަލް ސަމާލުކަމެއް ނުދިނެވެ. އޭނާ ގުދުވެލައި ކަނާއަތުން ފިރުމާލީ ތަދުވި ފައިގެ ކަށިމަތީ އެވެ. އެހިނދު މާޔާ ކުރިޔަށް ޖެހިލި އެވެ. އިޒީކިއަލްގެ ދަތްދޮޅި ދަށަށް އަތް ލައްވާލި އެވެ.

"އަންހެން ކުދީން ސެޓުކުރުމުގައި އަދިވެސް ތިގެންގުޅެނީ ހާދަހާ ބޯދާ ގޮތެކޭ ދޯ. ބުނަން. އަހަރެން ވިހި މިލިއަން ދީފާނަން. ގެޓް ދަ ހެލް އައުޓް އޮފް ހިއާ." މާޔާ މިހެންބުނެ ހިނިތުންވެލި އެވެ.

އިޒީކިއަލްގެ މޫނުން ފާޅުވެގެން ދިޔަ ހައިރާންކަން މާޔާއަށް ކާމިޔާބު ލިބިއްޖެކަމުގެ ރަމްޒަކަށްވި އެވެ. އޭނާގެ ދަތްދޮޅީގައިވީ މާޔާގެ އަތް ފޮޅުވާލީ ނިކަން އަވަހާ އެވެ. މާޔާ އެންމެ ސުކުންތަކަށް ވެސް މަޑެއް ނުކުރި އެވެ. ލިބުނު ހަނި ފުރުޞަތުގައި އޭނާ ހަލުވިކޮށް ފާޚާނާއިން ނުކުންނަން ހިނގައިގަތެވެ.

"މިޔާ... އަދި އަންނާނެ އަހަރެން ކައިރިއަށް." މާޔާ ނުކުމެނުކުމެ ހުއްޓާ އިޒީކިއަލް ބުނެލި އެވެ.

އިޒީކިއަލް ކިޔާ އެއްޗަކަށް ކުޑަ ވެސް ސަމާލުކަމެއް ނުދީ މާޔާ އެނބުރި މޭޒުގެ ދޮށަށް އަތުވެއްޖެ އެވެ. އޭރު ޒާހިލްއާއި މޭޒުގެ ދޮށުގައި ދެން އިން ޒުވާނާއާ ތިބީ ވާހަކައިގަ އެވެ. މާޔާ ހުއްޓިލީ ޒާހިލް އިން ފަޅީގަ އެވެ.

"ޒާހިލް. މި ޕްރޮޖެކްޓް ލުމިނަސްއާއެކު ކުރިޔަށް ގެންދާކަށް ބޭނުމެއްނޫން." މާޔާ ބުނެލި އެވެ.

"މިސް މާޔާ. ކުއްލިއަކަށް ޚިޔާލު ބަދަލުވީ ކިހިނެއްވީ؟. އަހަރެންނަށް ގޯހެއް ހެދުނީތަ؟. ކޮންޓްރެކްޓްގައި މިހާރު އެވަނީ ސޮއި ވެސް ކުރެވިފައި." ޒާހިލް ސުވާލު ކުރީ އިނގިރޭސި ބަހުންނެވެ.

"ޒާހިލްގެ ސަބަބުންނެއްނޫން. ތެދަށް ބުނަންޏާ އެލް.ސީ.އެލް ރިއަލީ ކާންޓް އެފޯޑް ދިސް ކޯޕަރޭޝަން." މާޔާ ބުންޏެވެ. އޭނާ ބޭނުމީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވިޔަސް އެއްބަސްވުން އުވާލާށެވެ.

"ތިކަމުގައި އަހަރެން ކީކޭ ބުނަންވީ... ތިކޮޅުން ބޭނުންވާ ގޮތެއް ދޯ އޮތީ." ޒާހިލް ބުންޏެވެ.

"ތެންކިޔު ފޯ އަންޑަސްޓޭންޑިން." މާޔާ ނިކަން އަވަހަށް ބުނެލި އެވެ. ނަމަވެސް އޭނާއަށް ހަމަޖެހިނުލެވެނީސް ޒާހިލް ވާހަކަދައްކަން ފެށި އެވެ.

"އަހަރެންނަށް ޝުކުރު އަދާ ނުކުރޭ. އެއްބަސްވުން އުވާލިޔަސް އަހަރެންނަށް އެންމެ ރަނގަޅު. އެކަމަކު... މީގަ މައްސަލައަކީ އަހަރެންގެ ޕާޓްނަރުން. އެމީހުންނާ ވެސް މަޝްވަރާކޮށްފައި ނިންމޭނީ." ޒާހިލް ބުންޏެވެ.

މާޔާގެ ފަހަތުގައި މީހަކު ހުރިކަމުގެ އިޙްސާސް ކުރެވުނީ އެވަގުތެވެ. ފަސް އެނބުރިލަންވާއިރަށް މާޔާ ޖެހުނީ އިޒީކިއަލްގެ ގައިގަ އެވެ. އަވަސްއަވަހަށް މާޔާ ދުރަށް ޖެހުނެވެ. އެވަގުތު އިޒީކިއަލް އިޝާރާތްކޮށްލީ މޭޒު ދޮށުގައި ނަންބަރު އައިނު އަޅައިގެން މެކްބުކް ހުޅުވާލައިގެން އިން ޒުވާނާ އަށެވެ. އެއާއެކު އޭނާގެ ފައިކައިރީ ބަހައްޓާލާފައި ހުރި ދަބަހުގެ ތެރެއިން ކަރުދާސްތަކެއް ނަގައި އިޒީކިއަލްއަށް ދިއްކޮށްލި އެވެ. އެ ކަރުދާސްވީ ދެ ކުންފުނީގެ މެދުގައި ހެދިފައި އޮތް އެއްބަސްވުމަށެވެ.

"ވިޔަފާރިއާ ބެހޭ ކަންކަމުގައި ތިހާ ދޯދިޔޯކޮށް ކަންކަން ނިންމާލެވިދާނޭ ހީވަނީތަ؟. ރަސްމީ އެއްބަސްވުމެއް އުވާލުން އެއީ ފަސޭހަކަމެކޭ ހީވަނީތަ؟. ވިޔަފާރީގެ ދުނިޔެއް އާ ވީމާ އެހެންވެދާނެ." އިޒީކިއަލްގެ އަޑުގައިވީ ބޮޑާކަމާއި މަލާމާތުގެ ރާގެވެ.

މަސައްކަތް ފުރިހަމަ ނުވަނީސް އެއްވެސް ހިސާބަކުން ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުން އެއް ވެސް ފަރާތަކުން އިސްވެ އުވާލާން ނިންމައިފިނަމަ، އެ ނިންމުން ނިންމި ކުންފުންޏަކުން އަނެއް ކުންފުންޏަށް ދިހަގުނައިގެ ބަދަލެއް ދޭން ޖެހޭނެކަމަށް އޮތެވެ. އިޒީކިއަލް ފާހަގަކުރީ އެ ޕޮއިންޓެވެ. މާޔާއަށް ވިސްނާލެވުނެވެ. އެއްބަސްވުން އުވާލަން ބޭނުންވީ އޭނާ އެވެ. އެހެންވެއްޖެނަމަ އެލް.ސީ.އެލްއިން ލުމިނަސްއަށް ދިހަގުނައިގެ ބަދަލެއް ދޭން ޖެހޭނެ އެވެ.

"ޔޫ... ޔޫ ސެޓް މީ އަޕް." މާޔާއަށް ރުޅިގަނޑު ނުހިފެއްޓި ހަޅޭލަވައި ގަނެވުނެވެ. ޒާހިލް އަމިއްލައަށް އޭނާގެ ގާތަށް އައީ ކީއްވެކަން މިހާރު މާޔާއަށް ޔަގީންވެއްޖެ އެވެ. އެއްބަސްވުމުގައި ސޮއި ކުރީ މާޔާ ވެސް އޭގައި އޮތް އެއްޗެއް ކިޔާފަ އެވެ. އޭރު އޭނާގެ ވިސްނުމުގައި އޮތީ ލުމިނަސް ފަދަ ބޮޑު ކުންފުންޏަކާއެކު ހެދުނު އެއްބަސްވުމަކީ މަދުން ނޫނީ ނުލިބޭނޭ ފަދަ ރަނުގެ ފުރުޞަތެއް ކަމެވެ. އެކަމަކު ހަޤީޤަތް މިވީ ޚަބަރަށްވުރެ ވެސް ހިތި އެއްޗަކަށެވެ. އިޒީކިއަލް އިސްވެ ހުރެ އޭނާ ކަމެއްގައި ބައްދާލީ އެވެ. ދިހަގުނަ ދިނުމަކީ އެލް.ސީ.އެލްއަށް ކުޅަދާނަ މިންވަރެއް ނޫނެވެ. ރަނގަޅަށް ވެސް އެމީހުން އެ ޖެހި މަޅީގައި މާޔާ ޖެހި ތާށިވެއްޖެ އެވެ.

"އަގު ހަދާލަން ފެނޭ. ގާތް ގަނޑަކަށް ކިހާވަރެއްހެން ހީވަނީ." މާޔާގެ ނުތަނަވަސްކަން ވެރިވަމުން އައި މޫނަށް ބަލަން ހުރެ އިޒީކިއަލް ވާހަކަދެއްކި އެވެ.

"ކަލޭ... ތިހާ..." އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔަ ނަމަވެސް ދުލުން ބޭރުކޮށްލަން މާޔާއަށް ފަސޭހައެއް ނުވި އެވެ. އޭނާގެ މޫނުން އިންތިހާ ފޫހިކަން ފާޅުވޭވޭ ހުއްޓެވެ. އިޒީކިއަލްއަށް އެ އަސަރުތައް ފެނި ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"މިސް މާޔާ... އައި އޭމް ފްލެޓާޑް" އިޒީކިއަލް ބުނެލި އެވެ. އަދި ވިޔަފާރިގެ ދުނިޔެއަށް ނުކުތުމަކީ ހަނގުރާމައިގެ މައިދާނަކަށް ނުކުތުން ފަދަ ކަމެއްގެ ގޮތުގައި އިޒީކިއަލް މިސާލު ޖެހި އެވެ. ވިޔަފާރީގެ ދުނިޔޭގައި ކޮންމެ މީހަކަށް ހިފަހައްޓައެއް ނުލެވޭނެކަން އިޒީކިއަލް ބުންޏެވެ. ކުރިއަރައި ދާން ބޭނުންވާނަމަ މަކަރާއި ހީލަތްތެރިކަން ވެސް މީހާގެ ކިބައިގައި ހުންނަން ޖެހޭކަން އިޒީކިއަލް ބުންޏެވެ. އެކަހަލަ އާދައިގެ ކަންކަން މާޔާއަށް ނަގައިނުގަނެވޭނަމަ އެލް.ސީ.އެލް ކަހަލަ ކުންފުންޏެއްގެ އިސް މަޤާމެއްގައި ނުހުރެ ވީހާ ވެސް އަވަހަށް އިސްތިއުފާ ދިނުމަށް އިޒީކިއަލް ބުންޏެވެ. އަދި ވަޒީފާއިން ވަކިވެގެން ގޮސް "ހައުސްވައިފް" އަކަށް ވެގެން ގޭގައި އިނުމަށް އިޒީކިއަލް ބުނެލީ އިތުރަށް މާޔާ ދެރަކޮށްލުމުގެ ނިޔަތުގަ އެވެ.

* * * * *

އޮފީސް މޭޒުދޮށުގައި މާޔާ އިނީ މަސައްކަތަށް ގެއްލިފަ އެވެ. އެހެންނަމަވެސް އޭނާގެ ބޮލުގައި އުފެދިފައިވާ ރިހުން ނުފިލަ އެވެ. އެ ރިހުމެއް އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ބޮލުގައި ރިހުމުގެ އަސްލު ފެށުނީ ދެކުނުގައި ފަށަން ހަމަޖެހިފައިވާ ޕްރޮޖެކްޓާ ގުޅިގެން ލުމިނަސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ހިސާބުންނެވެ. ބޮޑު މަންޒަރު ސިފަވީ އިރު އެ ތަސްވީރުގައި އިޒީކިއަލް ހުރީތީ އެވެ.

"ޔެސް ޝާހީން." ރިންގުވެލި އިންޓަކަމްއަށް މާޔާ ޖަވާބު ދިނެވެ.

"މޭމްއާ ބައްދަލުކޮށްލަން ލުމިނަސްގެ ޒާހިލް ވަޑައިގެން އެބަހުންނެވި." ޝާހީން ބުނެލި އެވެ. މާޔާއަށް ނޭފަތާއި ނިތްކުރި ގުޅިފައިވާ ހިސާބުގައި ކަނާއަތުން ފިރުމާލެވުނެވެ. ކުއްލިއަކަށް ބޮލުގައި ރިހުން ގަދަވިހެން މާޔާއަށް ހީވެއްޖެ އެވެ.

"ބުނޭ އަހަރެން ނެތޭ." މާޔާ މިހެން ބުނެލި ވަގުތު ކެބިންގެ ދޮރު މީހަކު ހުޅުވާލައިފި އެވެ.

"ރިއަލީ... އަހަރެންނާ ބައްދަލުކުރަން ބޭނުންނޫނީތަ؟." މާޔާގެ ކެބިންތެރެއަށް ވަދެގެން އައި ޒާހިލް ވާހަކަދެއްކި އެވެ. އޭނާއަށް މާޔާ ބުނި އެއްޗެއް އަޑުއިވުނީކަން ދޭހަވާނޭ ފަދައިންނެވެ. އަދި އޭނާ އައިސް މާޔާގެ މޭޒު ކުރިމަތީ ބަހައްޓާފައި ހުރި ދެ ގޮނޑިން ގޮނޑިއެއްގައި އިށީނެވެ.

"މިސްޓަރ ޒާހިލް. ނޭނގޭތަ ތަނަކަށް ވަންނައިރު އެތަނެއްގެ ވެރިމީހާގެ ހުއްދަ ހޯދާން ޖެހޭކަމެއް. މީ އަމިއްލަ ގެއެއްނޫން އަންނަ ގޮތަށް ވަންނާކަށް." މާޔާއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކަމާއެކު އެވެ.

"ރަނގަޅު ވެރިއަކުނަމަ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ލައްވާ ދޮގެއް ވެސް ނުހަދުވާނެ." ކުޑަކޮށް މަޖާވެލާފައި ޒާހިލް ބުނެލި އެވެ.

"ވަޓް ދަ ހެލް ޑޫ ޔޫ ވޯންޓް." ރީތިކޮށް އިޚްތިރާމާއެކު ވާހަކަދައްކަން މާޔާ ބޭނުންނުވާ ކަހަލަ އެވެ. އޭނާ އިނީ ވެސް ޒާހިލްއަށް ފުސްމޫނު ދައްކައިގެންނެވެ.

"ބުނަން މާޔާ. އަހަރެންނެއް ނޫޅެން މާޔާއާ ޒާތީވެގެންނެއް. މިކަމުގައި އަހަރެންނަކީ ހަމައެކަނި ނަމެއް. އެހެންވީމަ ތި ރުޅިގަނޑު އަހަރެންނަށް ބޭލުމަކީ އިންސާފެއްނޫން... ދެން މައްސަލައެއްނެތް. މިއަދު އަހަރެން މި އައީ ހަނދާންކޮށްދޭން ވެގެން. ޕްރޮޖެކްޓް ފެށެން ދެން އޮތީ ހަފްތާއެއް. ޖަޒުބާތުގައި ޖެހިގެން ވިޔަފާރީގެ ކަންކަން ލަސްކުރުމަކީ ބުއްދިވެރިކަމެއް ނޫން." ޒާހިލް ބުންޏެވެ.

"ހީވަނީ ވަރަށް ބޮޑު އޮޅުމެއް އަރައިފިހެން. އެލް.ސީ.އެލްއިން ލުމިނަސްއާއެކީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ވިސްނުމެއްނެތް." މާޔާ ބުނެލި އެވެ. ޒާހިލްގެ ހުށަހެޅުން ޤަބޫލުކުރުމަކީ އިޒީކިއަލްއާއެކު މަސައްކަތް ކުރާން އެއްބަސްވުމެވެ. ހުވަފެނުގައި އެގޮތް މާޔާ ބޭނުމެއްނޫނެވެ.

"ތީގެ މާނައަކީ... އެނގޭތަ އެއީ ކިހާ ބޮޑު އަދަދެއްކަން." ޒާހިލްއަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"އާން. އިތުރަށް އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ. އެހެންވީމަ އެނބުރި ދިއުން ރަނގަޅުވާނީ. އަހަރެންގެ ޕީއޭ މި ކުންފުނިން އެއްބަސްވުން އުވާލާތީ ދޭންޖެހޭ ބަދަލުގެ މިންވަރާއިމެދު މަޝްވަރާކޮށް އެކަންކަން ނިންމަން ތި ކުންފުންޏަށް ގުޅާނެ." ނިކަން ޔަޤީންކަމާއެކު މާޔާ ވާހަކަދެއްކި އެވެ. ޤަބޫލުކުރަން ދަތިވެފައި އިން ޒާހިލް ކުއްލިއަކަށް ހޭންފެށި އެވެ. ދެން އަތްތިލަބަޑި ޖަހާލި އެވެ.

"ބްރާވޯ މިސް މާޔާ." ޒާތެއްގެ ހިންޏެއް އައިސްފައި އިނދެ ޒާހިލް ބުނެލި އެވެ.

"މިސްޓަރ ޒާހިލް. އަޅުގަނޑު ކުރަން ހުރި އެތައްކަމެއް އެބަހުރި. އެހެރީ ދޮރު." މާޔާ މޭޒު ދޮށުން ތެދުވެ ކެބިންގެ ދޮރާ ދިމާއަށް އިޝާރާތްކޮށްލި އެވެ.

ހިނިއައިސްފައި ހުރެ ހިމޭންކަމުގައި ޒާހިލް އެ ކެބިންއިން ނުކުތެވެ. އިތުރަށް ބުނާނޭ އެއްޗެއް ޒާހިލްގެ ނެތެވެ. އޭނާ އައީ މާޔާގެ ފަރާތުން އެފަދަ ރައްދެއް ލިބިދާނޭ ކަމަކަށް ނޫނެވެ. ހީކުރީ ރޭވިގޮތަށް ހުރިހާކަމެއް ވާނޭކަމަށެވެ.
ޒާހިލް ނުކުތުމާއެކު މާޔާއަށް ގޮނޑީގެ ތެރެއަށް ވެއްޓިގަނެވުނެވެ. އަދި މޭޒުގައި ދެ އުޅަންބޮށި ވިއްދާލުމާއެކު ދެ އަތުގެ ތެރޭ މޫނު ފޮރުވާލި އެވެ. އެހެން އިނދެ އޭނާ ދެތިން ނޭވާ ހަށިފުރާ ދޫކޮށްލި އެވެ. ދެން ވެސް މީހާ ހަމައަކަށް ނޭޅުނެވެ.

"އިޒީކިއަލް ހީކުރަނީ ކީކޭކަމަށްތަ؟." ހިތުގައިވީ ނުތަނަވަސްކަން މާޔާގެ ދުލުން ބޭރުވި އެވެ.

(ނުނިމޭ)