ދުނިޔެ

ވިއެޓްނާމްގެ ރައީސް ވޫވަން ތޫންގް އިސްތިއުފާ ދެއްވައިފި

ވިއެޓްނާމްގެ ރައީސް ވޫ ވަން ތޫންގް އިސްތިއުފާ ދެއްވައިފި އެވެ.

ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތޫންގް ވަނީ ސިޔާސީ ގޮތުން އޭނާއަށް ދައުރެއް އޮތް ގިނަ ވަޒީފާތަކެއް -- ޒިންމާތަކެއް ދޫކޮށްލައްވާފަ އެވެ.

މީގެތެރޭގައި ޕޮލިޓަކަލް ބިއުރޯ އިން އިސްތިއުފާ ދެއްވުމާއި ޕާޓީ ސެންޓްރަލް ކޮމިޓީން ވަކިވެވަޑައިގަތުން އަދި ކައުންސިލް ފޮ ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީގެ ޗެއާމަންކަންވެސް ވަނީ ދޫކޮށްލައްވާފަ އެވެ.

ވިއެޓްނާމްގެ ރައީސްގެ މަގާމުން ތޫން، 54، އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވެރިކަންކުރާ ޕާޓީން ބުނަނީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭ ސުލޫކީ ސިފަތައް ދަށްވުމެވެ.

ޕާޓީ ތެރޭގައި ފެތުރިގެންފައި އޮތް ކޮރަޕްޝަންގެ މައްސަލަތައްވެސް އޭނާއާ ދިމާއަށް މަގުދައްކާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާތަކުން ބުނެ އެވެ.

ރައީސްގެ އަމަލުތައް ހުންނަ ގޮތުން އާންމުންގެ މެދުގައި ޕާޓީއަށް ނަފުރަތު އުފެދުމާއި އިތުބާރު ގެއްލުން ހިމެނޭ ކަމަށްވެސް ވެރިކަންކުރާ ޕާޓީން ބުންޏެވެ.

ތޫންގް އުފަންވެ ވަޑައިގަތީ 1970 ވަނަ އަހަރު އެވެ. ވިއެޓްނާމްގެ ވެރިކަން ލިބިވަޑައިގަތީ މީގެ އަހަރެއްހާ ދުވަސް ކުރިން -- މާޗް 2، 2023 ގައެވެ.

ވިއެޓްނާމްގައި ރައީސްއަށް އޮންނަނީ ރަމްޒީ ހައިސިއްޔަތެކެވެ. އޭނާއަށް އޮންނަނީ ސަރުކާރުގެ ސިޔާސީ ޗޭނުގައި ތިންވަނަ ދަރަޖަ އެެވެ.