( 20 މާރިޗު 2024 އާ ގުޅޭ )
ޒާހިލް ނުކުތުމާއެކު މާޔާއަށް ގޮނޑީގެ ތެރެއަށް ވެއްޓިގަނެވުނެވެ. އަދި މޭޒުގައި ދެ އުޅަންބޮށި ވިއްދާލުމާއެކު ދެ އަތުގެ ތެރޭ މޫނު ފޮރުވާލި އެވެ. އެހެން އިނދެ އޭނާ ދެތިން ނޭވާ ހަށިފުރާ ދޫކޮށްލި އެވެ. ދެން ވެސް މީހާ ހަމައަކަށް ނޭޅުނެވެ.
"އިޒީކިއަލް ހީކުރަނީ ކީކޭކަމަށްތަ؟." ހިތުގައިވީ ނުތަނަވަސްކަން މާޔާގެ ދުލުން ބޭރުވި އެވެ.
* * * * *
ރިސޯޓަށް ޒާހިލް އަންނަނީ ހިތްހަމަޖައްސާލާށެވެ. އެތަނުގައި އޭނާ ކޮންމެ ކަމެއް ކުރިޔަސް ފެންނާނޭ މީހަކު ނުހުންނާނޭކަން އެނގޭތީ އެވެ. އޭނާގެ ހިޔަނިހެން ހުރިހާ ވަގުތެއްގައި އެކުގައި އުޅޭތަން ފެންނާނީ އަރްހަމް އެވެ. އިޒީކިއަލް އެމީހުންނާ ބައިވެރިވާނީ ހިތަށް އަރައިފިއްޔާ އެވެ. ރިސޯޓުގެ ވީ.އައި.ޕީ ކުލަބުގެ ތެރޭ ހަދާފައި ހުންނަ ކޮޓަރިއަކީ އެ މީހުންގެ ބައްދަލުވުންތައް ހިނގާ ޚާއްޞަ ތަނެވެ.
ރޭގަނޑު ބާރަޖެހުމާ ކައިރިވަނީ އެވެ. ސޯފާތަކުގައި ތިން ޒުވާނުން ތިބީ ތިން ދިމާގަ އެވެ. އެތަނަށް ވަން ބޭރު ދެ އަންހެންކުދީން ބަލާލީ ޒާހިލް އަށެވެ. އެއާއެކު ޒާހިލް އެތަނުން އެއް ކުއްޖެއްގެ އަތުގައި ހިފައި ގާތަށް ދަމާލައި އޭނާގެ ކައިރީ ސޯފާގައި ބޭންދި އެވެ. އަދި ދެން ހުރި އަންހެންކުއްޖާއަށް އިޝާރާތުން އަންގާލީ އިޒީކިއަލްގެ ގާތަށް ދިއުމަށެވެ. އޭރު އަރްހަމް އިނީ އަތުގައި އޮތް ފޯނަށް ގެއްލިފަ އެވެ.
"ތަށްޓެއް އަޅައިދެންތަ؟." އިޒީކިއަލް އިށީނދެ އިން ސޯފާގޮނޑީގެ އަތްގަނޑުގައި އެ އަންހެންކުއްޖާ އިށީނދެލައި އަހާލީ އިނގިރޭސި ބަހުންނެވެ.
"ނޯ. ތޭންކްސް." ގަޔާނުވެފައިވާ އިނދެ އިޒީކިއަލް ވަގުތުން ބުންޏެވެ.
"މި ބޯލީމާ ހިތްހަމަޖެހިދާނެ. ނުބައެއް ވެސް ނޫން." މޭޒުމަތީ ހުރި ފުޅިން ތަށްޓަށް އެތި ފޮދެއް އަޅައި ރަހަބާލުމަށްފަހު އިޒީކިއަލްގެ ތުންފަތާ ތަށި ކައިރިކޮށްލި އެވެ.
"ދުރަށް ގޮސްފާނަން." އިޒީކިއަލް ހިތްހަމަނުޖެހިފައި ތަށީގައި ޖެހި އެވެ. އެއާއެކު އެ ތަށި ވެއްޓުނު ގޮތަށް ތަޅައިގެން ހިނގައްޖެ އެވެ. އޭނާގެ ގާތުގައި އިށީން އަންހެންކުއްޖާ ފުންމައިގެން ތެދުވި އެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ އޭނާ އިޒީކިއަލްއާ ދުރަށް ޖެހުނެވެ. އިޒީކިއަލް ވެސް ފުންމައިގެން ތެދުވީ ތަށި އަރިއަޅާލި ވަގުތު އޭނާގެ ގަޔަށް ބަންޑުންވީމަ އެވެ.
"މިތަނުން ނުކުމެގެން ދޭ." އިނގިރޭސި ބަހުން އިޒީކިއަލް ހަޅޭލަވައިގަތެވެ.
"އޭނާގެ މޫޑު މިރޭ ރަނގަޅެއްނޫން. އެހެންވީމަ ރަނގަޅުވާނީ އޭނާއާ ކައިރިވާން މިރޭ މަސައްކަތް ނުކުރިއްޔާ. އާދޭ އަހަރެން ކައިރިޔަށް." ޒާހިލް ނިކަން އަވަހަށް ބުނެލި އެވެ.
އެ ކޮޓަރީގެ ދޮރު ހުޅުވުމާއެކު ވަންތަން ފެނުނީ އަންހެން ކުއްޖެކެވެ. އޭނާގެ ފަހަތުން އެތަނުގެ ދޮރު ލައްޕާލައި ދެ އަތުން ހިފަހައްޓާލި އެވެ. އޭރު އޭނާ މާނޭވާލަމުންދިޔަ އެވެ. މިވަނީ ކިހިނެއްތޯ ބަލަން ތެދުވީ ޒާހިލް އެވެ. އޭނާ އައިސް އެ އަންހެންކުއްޖާގެ ދާދި ގާތުގައި ހުއްޓިލުމާއެކު ދޮރުފަތުގައި ދެ އަތް ވިއްދާލީ އެ ދެ އަތުގެތެރޭ އެ އަންހެންކުއްޖާ ހައްޔަރުކޮށްލި ފަދައިންނެވެ.
"ނޯޕް... ކޮންކަހަލަ ހެދުމެއް ލާފައި ތިހުރީ. ޝޭޕެއް ވެސް ނެތް. މޭކަޕްކޮށްލިނަމަ. ކަމަކުނުދޭ... އަޅައިގަންނަ އެއްވެސް ގޮތެއް ނެތް. ޔަގީންތަ ރަނގަޅު ތަނައްކަން ތި ވަދެވުނީ. އެކަމަކު މިރޭ އިތުރު ކުއްޖަކު ފޮނުވާކަށް ނުބުނަން." އަންހެންކުއްޖާގެ ސިފައަށް ބަލަމުން ޒާހިލް ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.
"އަހަރެން މިއައީ ކަލެއަށް ތިއްތިދެއްކޭކަށްނޫނޭ." ޒާހިލްގެ ބަސްމަގު އިވިފައި އެ އަންހެންކުއްޖާ ނިކަން ބާރަށް ބުންޏެވެ.
"އޯ!... އެހެންތަ!. ދެން އެހެންވީރު މިތަނަށް ވަނީ ކޮންބޭނުމަކު؟. ނޭނގޭތަ މީ ވީ.އައި.ޕީ ރޫމެއް ކަމެއް." ދެ އަތް އުރާލަމުން އެ އަންހެންކުއްޖާއާ ދިމާއަށް ބަލަން ހުރެ ޒާހިލް ބުނެލި އެވެ.
"މި ދޮރު ފެނުނީމާ ވަނީ... މިތަނުގައި ބަޔަކު ތިބިކަމަކަށްނޫން ވަނީ." އެ އަންހެންކުއްޖާއަށް މިހެންބުނު އިރު ދޮރުގެ ބޭރުން ބަޔަކު އެ ދޮރު ހުޅުވާލަން ހިފާލައިފި އެވެ. އެއާއެކު އެ އަންހެންކުއްޖާ އަނެއްކާ ވެސް ދޮރުގައި ހިފަހައްޓައިފި އެވެ. އެބަޔަކު އެތެރެއަށް ވަނަ ނުދިނުމަށް އުޅޭ ފަދައިންނެވެ.
"އެމީހުން އެ ހޯދަނީ ކަލޭ ދޯ." ޒާހިލް އަހާލި އެވެ. އަދި އޭނާ އެ އަންހެންކުއްޖާ ކައިރިން އެދުނީ އެތަނުން ނުކުތުމަށެވެ. އޭނާގެ ސަބަބުން އެމީހުންގެ ވަގުތު ބޭކާރުވެ މަޖާ ކުރުމަށް ހުރަސް އެޅޭން ބޭނުންނުވާތީ އެވެ.
"އަޅެ ނޫން..." އެ އަންހެންކުއްޖާއަށް ބުނެލެވުނެވެ. ކުއްލިއަކަށް ހުޅުވާލި ދޮރާއެކު އެ އަންހެންކުއްޖާ ފަހަތަށް ގޮސް ޖެހުނީ ޒާހިލްގެ ގައިގަ އެވެ. އޭނާ ނުވެއްޓުނީ ޒާހިލް ހިފެހެއްޓީތީ އެވެ.
"ޖޯޑީ. އެޅައި ފެނިއްޖެ." ދޮރުން ވަދެގަތް ހަތަރު ފިރިހެނުންގެ ތެރެއިން އެންމެ ކުރިޔަށް ހުރި މީހާ ބުންޏެވެ.
"ނަގައިގަނެގެން ގެނޭ. އަޑުގަދަ ކުރަންޏާ އަނގަޔަށް އެއްޗެއް ގަންނަވާލާ." ފަހަތުގައި ހުރި ފިރިހެނަކު ބުންޏެވެ.
"ތިޅައި ނުކުންނާނީތަ؟ ފުރަތަމަ ވާހަކަދެއްކި މީހާ އައިސް އެ އަންހެންކުއްޖާގެ ހިކަނދި މަސްގަނޑުގައި ހިފި އެވެ. އަދި އެ އަންހެންކުއްޖާ ހަރަކާތެއް ނުކުރުމުން އަތުގައި ހިފައި ދަމައިގަތީ އެތަނުން ނެރިގެން ގެންދާށެވެ.
"ހެލްޕް މީ... ޕްލީޒް ހެލްޕް." އެ އަންހެންކުއްޖާ ނެރެމުންދިޔަ ވަގުތު ފަހަތަށް ބަލާލީ ޒާހިލްއާ ދިމާއަށެވެ. އަދި އާދޭހުގެ ރާގެއްގައި ޒާހިލް ގާތުން އެހީއަށް އޭނާ އެދުނެވެ. އޭރު އެ ދެ ލޮލުން ކަރުނަ ފާއްދާލައިފި އެވެ.
"ދޫކަމެއް ނުޖެހޭނެ." ފުންނޭވާއެއް ދޫކޮށްލާފައި ޒާހިލް ބުނެލި އެވެ.
"މިކަމުގެތެރެއަށް ނުވަނިއްޔާ ރަނގަޅުވާނީ." ޒާހިލް ކުރިޔަށް ޖެހިލަން އުޅުމުން އެ އަންހެންކުއްޖާ ގެންދަން އައި ފިރިހެނުންގެ ތެރެއިން މީހަކު ބުނެލި އެވެ.
"އޭނަ ދޫކޮށްލާނީތަ؟." މޭޒުމަތީ ހުރި ފުޅިތަކުން ފުޅިއެއް ނަގައި އަތަށް ހެޔޮވަރުކޮށްލާފައި ޒާހިލް ބުންޏެވެ. އެވަގުތު މޭފުއްޕާލާފައި ކުރިޔަށް ޖެހިލި މީހާ އުޅުނީ ޒާހިލްއަށް ބިރު ދައްކާށެވެ. އޭނާ ބަލަން ނުހުރެ އަތުގައި އޮތް ފުޅިން އެ މީހާގެ ބޮލުގައި ޖެހީ އެވެ. ބިއްލޫރި ފުޅި ތަޅައިގެން ދިޔައިރު އެ މީހާގެ ބޯ ވެސް ފަޅައިގެން ގޮސް ލޭ ފައިބަން ފެށި އެވެ. ދެން ތިބި މީހުން އެ ކޮޓަރި ތެރެއަށް އަލުން ވަދެގަތީ އެވެ. ފުރުޞަތުގެ ބޭނުން ހިފައި އެއްކަހަލަ އަންހެންކުއްޖާގެ އަތުގައި ހިފައި ދަމައިގަންނަމުން އޭނާ ގެނެސް ޒާހިލްގެ ކައިރިޔަށް ލައިފި އެވެ. ހިމާޔަތް ދޭފަދައިން ޒާހިލްގެ ފަހަތަށް އެ އަންހެންކުއްޖާ ޖައްސާލުމަށްފަހު އޭނާގެ ދެ އެކުވެރިން ކަމަށްވާ އަރްހަމާއި އިޒީކިއަލްއަށް ގޮވާލި އެވެ. އެމީހުން ވެސް ވަގުތުން ތެދުވެއްޖެ އެވެ.
"ހުއްޓާލާ..." އެމީހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ބުންޏެވެ. ބޮޑު ތަޅާފޮޅުމަކަށް ނުވެ ހުއްޓުނީ އެހެންވެ އެވެ. ހަޤީޤަތުގައި އެމީހުންގެ ތެރެއިން އިސްކޮށް ހުރި މީހާއަށް އަރްހަމް ފެނުނީ އެވެ. އޭނާއަކީ މާލޭގެ މަޝްހޫރު ވަރުގަދަ ގޭންގަކާއި ޚާއްޞަ ގުޅުމެއް އޮންނަ މީހެއްކަން އެނގެނީ އެވެ. ދެ ގޭންގުގެ ދެމެދުގައި ތަޅާފޮޅުމެއް ހިނގައިފިނަމަ ކަންތައްވާނޭ ގޮތް ލަފާކުރާން އެނގެނީ އެވެ.
"އަރްހަމް ދޯ ތީ." އޭނާ އަހާލި އެވެ.
"އާން. މިހިސާބުން ކުރިޔަށް ގޮސްފިއްޔާ އެނގޭ ދޯ ވާނޭ ގޮތް." އަރްހަމް ބުނެލި އެވެ. އެއާއެކު އޭނާ ބޯޖަހާލައިފި އެވެ.
"އެކަމަކު... ފައިސާގެ ކަމެއް މީ." އެ މީހާ މަޑުމަޑުން ބުނެލި އެވެ.
"ހަމަޖެހޭނެ." ޒާހިލް ކުއްލިއަކަށް ބުނެލި އެވެ. އެއާއެކު އޭނާއަށް ބަލާލާފައި އަރްހަމަ ބޯޖަހާލީ އެ މީހާ އަށެވެ. ދެން ފެނުނީ އެ ހަތަރު ފިރިހެނުން ނުކުމެގެން ދިޔަތަނެވެ.
އެރޭ ޒާހިލްމެން މާލެ އައިއިރު އެމީހުންނާއެކު އެ އަންހެންކުއްޖާ ވެސް ގެނަ އެވެ. މާލެއަށް އާދެވުމުން އިޒީކިއަލްއާއި އަރްހަމް ކުރީބައިގައި ހިނގައްޖެ އެވެ. އެ އަންހެންކުއްޖާއާ މެދު ކަންތައް ކުރާނޭ ގޮތެއް އެ މީހުން ދޫކޮށްލީ ޒާހިލްއަށެވެ. އެމީހުންގެ ތެރޭގައި އަންހެނުން ކަންތައް އެންމެ ބޮޑު މީހަކީ ވެސް ޒާހިލް ވީމަ އެވެ.
"މި ދިމާގައި އަހަރެންގެ ކާރު އޮންނާނީ. އާދޭ." ޒާހިލް ހިނގައިގަންނަމުން ބުންޏެވެ. ޖެހިލުންވެފައި ހުރެ އެ އަންހެންކުއްޖާ ޒާހިލްއާއެކު ހިނގައިގަތެވެ.
ކަޅުކުލައިގެ ޖޫކްގެ ކުރީ ދޮރުފަތް ޒާހިލް ހުޅުވާލަ ދިނީ އެ އަންހެންކުއްޖާ އެރުމަށެވެ. އޭނާ އަރައި ހަމަޖެހުމުން ޒާހިލް އައިސް ކާރުގެ ޑްރައިވަރު ސީޓުގައި ހަމަޖެހިލައި ކާރު ދުއްވާލައިފި އެވެ. ސީޓުގައި ކުޑަވެލައިގެން އެ އަންހެންކުއްޖާ ބަސްމަދުވެފަ އެވެ. ނަމަވެސް އޭނާގެ ނަޒަރު ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ހުއްޓިފައި ވިއެވެ.
"ކޮންތާކަށް އަހަރެން ތިގެންދަނީ؟." އެ އަންހެންކުއްޖާ އަހާލީ ޖެހިލުންވުން އެކުލެވިފައިވާ އަޑަކުންނެވެ.
"ފުރަތަމަ ނަން ބުނެލަދީބަލަ." ޒާހިލް އަހާލީ ހިނިތުންވުމަކާއެކު އެވެ.
"ފަ...ފައި...ނާން..." އިރުކޮޅަކު ބަލަން އިނުމަށްފަހު އެ އަންހެންކުއްޖާ ބުންޏެވެ. އޭނާއަށް ޒާހިލްއަށް އިތުބާރު ނުކުރެވެނީ އެވެ.
"މި ދަންވަރު ފައިނާން ގޮވައިގެން އަހަރެން ދާނީ ކޮންތާކަށް؟." ޒާހިލް ބުނެލި އެވެ.
"ނޭނގެ. ކޮންމެތާކަށް ވެސް ގެންގޮސްފާނެއެއްނު." ފައިނާނު ބުނެލި އެވެ.
"ތަނަކަށް ނުގެންދިޔަސް އަނދިރި ގޯޅިގަނޑަށް ވެސް ކާރު މަޑުކޮށްލެވިދާނެ." ޒާހިލް ލާނެތްވެލި އެވެ.
"އެ ކީއްކުރަން... ރޭޕް... ރޭޕްކުރަންތަ ތިއުޅެނީ؟." ބިރުން އިން ފަދައިން ފައިނާނަށް އަހާލެވުނެވެ.
"އާން. ރޭޕްކޮށްލަން." ކުއްލިއަކަށް ފައިނާންގެ އަތުގައި ހިފާލަމުން ޒާހިލް ބުންޏެވެ. އެއާއެކު ފައިނާނު ތެޅިފޮޅިގަތެވެ.
"ހުއްޓާ ކާރު. ހަމަމިހާރު ހުއްޓާ." ބާރަށް ފައިނާނު ބުނަމުންދިޔަ އެވެ.
"ސާބަސް. ހަމަޖެހިބަލަ... އަހަރެން އަދި އެހާ ޑެސްޕަރޭޓެއްނުވޭ އަންހެންކުއްޖެއް ރޭޕްކުރާހާ. އެހެންނޫނަސް އަމިއްލަ ސިފަ ދުށީންތަ؟. އެއްޗެއްނުލާ ހުއްޓަސް ތި ހަށިގަނޑަށް އާދައިގެ ފިރިހެނަކު ބަލާފާނޭ ހީވޭތަ؟." ޒާހިލްގެ ވާހަކައިން ފައިނާނު ހަމަޖެހުނެވެ. ހަމައެއާ އެއްވަރަށް ރުޅިގަދަވި އެވެ.
"އާދައިގެ ފިރިހެނަކު ނުބެލިޔަސް ކަލޭ ކަހަލަ ފިރިހެނުން ބަލަމެންނު." ފައިނާނު ރައްދެއް ދިނެވެ. ޒާހިލް ޖަހާލީ ހިނިގަނޑެކެވެ.
"އަހަރެން ދޯ... އެ ވާހަކަ ބާއްވާ. ދެން ބުނަންވީނު ކޮންތާކަށްތޯ ފައިބަނީ. ނޫނީ އަހަރެންނާއެކީ ގެއަށް ދާން ވިސްނައިގެންތަ ތި އިނީ. އެކަމަކު އޭރު ކަންތައް ވަރަށް ގޯސް ވާނެ." ޒާހިލް ބުންނެވެ.
"މި ތަނަށް މަޑުކުރޭ." މަގުގެ އެއްފަރާތަށް އިޝާރާތްކޮށްލަމުން ފައިނާނު ބުންޏެވެ.
ޒާހިލް މަޑުމަޑުން ކާރު މަގުގެ ދުވާރާ ކައިރިކޮށްލި އެވެ. ދޮރުފަތް ހުޅުވާލަން އުޅެފައި ވެސް ފައިނާނަށް މަޑުކޮށްލެވުނެވެ. އޭނާ ކަމަކާ ވިސްނަމުންދިޔަ ކަހަލަ އެވެ. ޒާހިލް އޭނާއަށް ގޮވާލި އެވެ. ފައިބަން ބޭނުންނުވީ، ފައިނާންގެ ޚިޔާލު ބަދަލުވީތޯ ޒާހިލް އަހާލި އެވެ. އެއާއެކު ފައިނާނު ބަލާލީ ފަރުވާތެރި ބެލުމަކުންނެވެ.
"މިރޭ... ބުނީމެންނު... ފައިސާ ހަމަޖެހޭނެއޭ." ރިސޯޓުގެ ކުލަބުގެ ތެރޭގައި ހުރި ވީ.އައި.ޕީ ކޮޓަރީގައި މިރޭ ހިނގައިދިޔަ ކަންކަން ހަނދާން ކުރަމުން ފައިނާން އަހާލި އެވެ.
"އެހެން ބުނީމައެއްނު ތީނީ ސަލާމަތްވެފަ. ދެން ފައިބަންވީނު. އަހަރެން ވެސް ގެއަށް ދާންޖެހޭނެއެއްނު." ޒާހިލް ބުންޏެވެ.
"އަހަރެންނަށް އެހީވެދީ ފާނަންތަ؟." ފައިނާނު އިނީ ނުހަނު ޖެހިލުންވެފަ އެވެ. އެހެންވިޔަސް އޭނާއަށް އެނގެނީ ޒާހިލްއަކީ އޭނާއަށް މަދަދުވެރި ވެވޭނޭހާ ފެންވަރު ހުރި މީހެއްކަމެވެ. ކުލަބުގެ ތެރެއިން ފެނުނު މަންޒަރުގެ އިތުރުން ދަތުރުގައި ބޭނުންކުރީ އަމިއްލަ ލާންޗެވެ. އަދި މިހާރު އޭނާ ދުއްވަމުން އެ ދަނީ ވެސް އޭނާގެ އަމިއްލަ ކާރެކެވެ. ތަނަވަސްކަން ނެތް މީހަކަށް އެ ފަދަ ދިރިއުޅުމެއް ނޫޅެވޭނޭކަން ފައިނާނުގެ ސިކުނޑިއަށް ވެސް ނަގައިގަނެވެ އެވެ.
"ދުރުދުރުން ނޫޅެ ތި ބޭނުންވާ ކަންތައް ބުނެބަލަ. އޭރުންތާ އެނގޭނީ." ޒާހިލް ބުންޏެވެ.
"އަހަރެންނަށް ފައިސާގެ އެހީއެއް ވެދީފާނަންތަ؟. އަހަރެން އަނބުރާ ދައްކާނަން. އެކަމަކު... އެއްފަހަރަކާ އަނބުރާ ނުދެއްކޭނެ. މަހުންމަހުން ދައްކާ ގޮތަށް." ފައިނާނު ބުންޏެވެ.
"ކިހާވަރެއް؟." ޒާހިލް އަހާލި އެވެ.
"އެއްލައްކަ... ރުފިޔާ..." ބުނަންނުބުނަން އުޅެފައި ފައިނާނު ބުނެފި އެވެ. އެއީ ކުޑަ އަދަދެއް ނޫންކަން ފައިނާނަށް އެނގެ އެވެ. ޒާހިލްގެ ރައްދެއް އަންނާނޭ ގޮތެއް ނޭނގި ފައިނާނަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އޭރު ޒާހިލްގެ މޫނުމަތިން ފާޅުވަމުންދިޔައީ ހައިރާންކަމެވެ. އެހާ ބޮޑު އަދަދެއް ފައިނާނު ބޭނުންވަނީ ކޮންކަމަކަށްތޯ އޭނާ ސުވާލު ކުރާ ފަދަ ބެލުމަކުން ބަލާލި އެވެ.
"ދުވަހަކުވެސް އަހަރެން ކައިރީ އެއްވެސް އަންހެނަކު ފައިސާ ދޭކަށް ނުކިޔާ." ދެ އަތް އުރާލަމުން ސީޓުގައި ހަމަޖެހިލާފައި ޒާހިލް ބުންޏެވެ.
"އެހެންތަ؟. އޯކޭ... އެހެންވިއްޔާ އަހަރެން ހިނގައިދާނަން." ފައިނާނަށް ހީވީ ޒާހިލްގެ ޖަވާބު ކަމަށެވެ. އޭނާ ކާރުން ފައިބަން ދޮރުފަތް ހުޅުވާލީ ހިނދު ޒާހިލް ގޮވާލައިފި އެވެ.
"އެބައޮތް ގޮތެއް..." ޒާހިލް ބުނެލި އެވެ. އެއާއެކު ފައިނާނު އަލުން ކާރުގެ ދޮރުފަތް ލައްޕައިފި އެވެ. އަދި ޒާހިލްއަށް ބަލާލީ ޝައުގުވެރިކަމާއި އުންމީދާއެކީ އެވެ.
"ކޮންގޮތެއް. އެވަރު ދެންޏާ އަހަރެންނަށް އޯކޭ." ފައިނާނު އަވަސްއަވަހަށް ބުންޏެވެ.
"ޔަގީންތައް އަނބުރާ ދެއްކޭނެކަން. އެކަމަކު މަހުންމަހުން ދެއްކިޔަސް ކަލެއަށް އެވަރު ދެއްކޭނީ ހާދަ ދުވަހަކުންނޭ. އަހަރެންނަށް އެވަރު ދީގެން ފައިސާގެ ދަތިކަމެއް އިޙްސާސެއްނުވާނެ." ޒާހިލް ވިސްނާކަމަށް ހެދެމުން ވާހަކަދެއްކި އެވެ.
"ގިނަ ދުވަސް ނަގާނެ. އެކަމަކު އަހަރެން ޔަގީންކަން ދެން އެ ފައިސާ އަނބުރާ ދައްކާނަންކަން." ފައިނާނު ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
"މައްސަލައެއްނެތް." ޒާހިލް ހިނިތުންވެލި އެވެ.
"ސީރިއަސްކޮށްތަ؟." ފައިނާނަށް ޤަބޫލުކުރަން ދަތިވި އެވެ.
"އަދި ތިހާ އަވަހަށް އުފާވާކަށް ނުވޭ. ބަދަލުގައި އަހަރެން ވެސް ބޭނުންވާ ކަމެއް އެބައޮތް. އެކަންވެއްޖެއްޔާ ފައިސާ ވެސް ޔަގީން." ޒާހިލް ބުންޏެވެ.
"ކޮންކަމެއް ބޭނުމީ." ފައިނާނު އަހާލި އެވެ. އޭނާ އެ ފައިސާއަށް ބޭނުންވެފައިވާ މިންވަރު އެ ދެ ލޮލާއި ކޮންމެ ހަރަކާތަކުން ޒާހިލްއަށް ފެނެ އެވެ. އޭނާގެ ހިނިތުންވުން ފުޅާވެލީ އެހެންވެ އެވެ.
"އަހަރެންނާއެކު އެއް ރޭ ހޭދަކުރެވިދާނެތަ؟." ޒާހިލް އަހާލި އެވެ.
(ނުނިމޭ)