ދުނިޔެ

ޣައްޒާއާއި ޔުކްރޭން ތަފާތުނުކުރަން އދ އިން ޔޫރަޕަށް ގޮވާލާއިފި

ޣައްޒާގެ އާންމު ރައްޔިތުންނަކީ ވެސް އިންސާނުން ކަމަށާއި ޔުކްރޭންގެ އާންމުނާއި ޣައްޒާގެ އާންމުންގެ ތަފާތަކީ ކޮބައިތޯ -- އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް -- ޔޫރަޕިއަން ޔޫނިއަންގެ ވެެރިންނާ ސުވާލުކުރައްވައިފި އެވެ.

ގައުމުގެ ގޮތުން އަދި ސަރަހައްދުގެ ގޮތުން ތަފާތު ނަމަވެސް ޣައްޒާއަށް އަޅާލުމުގައި ޔޫރަޕިއަން ޔޫނިއަނުން ތަންކޮޅެއް ބޮޑަށް ފަރުވާތެރިވުން އެދޭ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޔުކްރޭނަށް އަޅާލުމުގައި ޔޫރަޕިއަން ޔޫނިއަން އޮތީ ފޫގަޅައިގެން ކަމަށާއި ޣައްޒާއާ ޖެހުމުން ޔޫރަޕިއަން ޔޫނިއަނަށް ނިދިޖެހެނީ ކީއްވެތޯވެސް ގުޓަރެސް ސުވާލުކުރެއްވި އެވެ.

އިޒުރޭލުގެ އުދުވާންގައި މުޅި ޣާއްޒާ ބަނޑަށް ޖެހެމުން ދާއިރު ޔޫރަޕިއަން ޔޫނިއަނުން އުޅެނީ ޔުކްރޭނަށް އަރާ ތިބި ރަޝިއާ ސިފައިން ނުބޭލިގެންނެވެ. އެކަމަށް ހޭދަކޮށްފައި އަމިއްލަ ގައުމަށް ހޭދަކުރާ ފަދަ ނެތަސް ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކަށް އެންމެ ރަނގަޅެވެ.

ބައިނަލްއަގްވާމީ އޫސޫލުތަކުގައި ހިފަހެއްޓުމުގެ ގޮތުން ކޮންމެ ގައުމެއްގެ ރައްޔިތެއް ނަމަވެސް ހިމާޔަތްކުރުން ލާޒިމު ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ގައުމަށް އިސްކަންދީގެން އިންސާނުން ހިމާޔަތްކުރާނަމަ އެކަމަށް ބާރުއަޅާ ގާނޫނެއްގައި އެއްވެސް ގައުމަކުން ސޮއިކުރާނެ ކަމެއް ނެތް ކަމަށްވެސް ގުޓަރެސް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން، ޣައްޒާއާއި ޔުކްރޭން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށެވެ. ޣައްޒާއަށް ދެރަ ގޮތް އަދި ޔުކްރޭނަށް މޮޅު ގޮތް ވުމުން އިންސާނުންގެ ހައްގުގައި ފޯރުކޮށްދެވެނީ ކޮން އެހީތެރިކަމެއްތޯ ވެސް ގުޓަރެސް ސުވާލުކުރެއްވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަަރައިގަތުމާ ގުޅިގެން އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރަން ޔޫރަޕިއަން ޔޫނިއަނުން 13 ޕެކޭޖެއް ވަނީ ހުޅުވާލާފަ އެވެ. ޔުކްރޭނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އަސްކަރީ ގޮތުން އެހީވުމަށް 80 ބިލިއަން ޔޫރޯ ވަނީ ހަމަޖައްސާފަ އެވެ.

އިޒުރޭލުގެ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެ -- ގެދޮރު ގެއްލި، ކާނެ އެއްޗެއް ނެތް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަނަށް ދޭން ލިބުނީ ހަމައެކަނި 150 މިލިއަން ޔޫރޯ އެވެ.

ޔޫރަޕިއަން ޔޫނިއަނުން އެކުގައި ޔުކްރޭނަށް ފޮނުވި އެހީގެ އިތުރުން ވަކިވަކި ގައުމުތަކުންވެސް ޔުކްރޭނަށް ވަނީ ބޮޑެތި އަދަދުތަކުން އެހީވެފަ އެވެ. އަދި އަސްކަރީ ގޮތުން ހަތިޔާރާއި އިތުރު ސާމާނު ވަނީ ފޮނުވާފަ އެވެ.