ދުނިޔެ

ޖަޕާނުން ލަންކާއަށް މާލީ އެހީ ފޯރުކޮށްދޭން ނިންމައިފި

ޖަޕާންއާއި ލަންކާއާ ދެމެދު ލޯނު ސްކީމެއްގައި ސޮއިކުރަނީ އެވެ. މި އެއްބަސްވުމުގެ ދަށުން ޖަޕާނުން މާލީ ގޮތުން ލަންކާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި މާލީ މުއާމަލާތްތައް ފަސޭހެވެގެންދާނެ އެވެ.

ލަންކާއާއި ޖަޕާންއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ހީނަރުވެގެން ދިޔައީ ޖަޕާނުން ފަންޑުކުރަން ހަމަޖައްސާފައި އޮތް ބިޔަ ދެ ޕްރޮޖެކްޓެއް ލަންކާ ސަރުކާރުން -- ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ސަރުކާރުން -- 2021 ގައި ކެންސަލްކުރުމާ ގުޅިގެންނެވެ.

ޖަޕާނުން ފަންޑުކުރާ ގޮތަށް ހިންގަން ހަމަޖައްސާފައި އޮތް ދެ ޕްރޮޖެކްޓަކީ ލައިޓް ރެއިލްވޭ ޓްރާންސިޓާއި އީސްޓް ކޮންޓެއިނާ ޓާމިނަލް އެވެ.

ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ އިސްނަންގަވައި ކުރެއްވި މަސައްކަތުން ޖަޕާނުން މިހާރު ވަނީ ދެ ގައުމުގެ ގާތްކަން ކުރިން އޮތް ދަރަޖައަށް ގެންދިއުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ. އަދި އިތުރު އެހީތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.

ޖަޕާން އަކީ ލަންކާގެ އިގުތިސާދުގައި ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވި ގޮތުން ލަންކާގެ އިގުތިސާދު ކޮޅަށް ޖެހުމަށް ރަނިލްގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ޖަޕާނުން އެހީތެރިވާނެ ކަމަށް -- ލަންކާގައި ހުންނަވާ ޖަޕާންގެ އެމްބެސެޑަރު މިޒުކޮޝީ ހައިޑިއާކީ ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ސިނާއަތްތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ސިޔާސަތުތައް ހެދުމަކީ ޖަޕާނުން އެދޭ ކަމެއް ކަމަށް ސަފީރު ވިދާޅުވި ކަމަށް އަލީ ސަބްރީ ވިދަޅުވި އެވެ.

ބޭރު ގައުމުތަކުން ނަގާ ލޯނުތައް ދައްކަން އޮންނަ މުއްދަތަށް އަދާކުރުމަށްޓަކައި ލަންކާގެ އެތެރޭގެ ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށް ޖަޕާނުން ވަނީ ބުނެފަ އެވެ.

ދައުލަތަށް އިތުބާރުކޮށް ބޭރު ގައުމުތަކުން އަދި މާލީ އިދާރާތަކުން ދޫކުރާ ލޯނުތައް ގައުމީ ސިނާއީ މަސައްކަތަކަށް ހޭދަކޮށް މަންފާ ލިބިގަތުމަށް ވެސް ޖަޕާނުން އެދެ އެވެ.

ލަންކާއަށް ދަރަންޏަށް ފައިސާ ދޫކުރުމުގެ ކުރިން އެ ފައިސާ އަނބުރާ ދެއްކޭ ވަރަށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ޖަޕާނުން އެހީތެރިވާނެ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ދަރަނި ދޭއިރު، ދަރަނި ދެވެނީ އަނބުރާ ދެއްކޭ ވަރުގެ ގާބިލު ކުންފުނިތަކަކަށްތޯ ބެލުމަށްވެސް ޖަޕާނުން އެދެ އެވެ.