(22 މާރިޗު 2024 އާ ގުޅޭ )
"އަދި ތިހާ އަވަހަށް އުފާވާކަށް ނުވޭ. ބަދަލުގައި އަހަރެން ވެސް ބޭނުންވާ ކަމެއް އެބައޮތް. އެކަންވެއްޖެއްޔާ ފައިސާ ވެސް ޔަގީން." ޒާހިލް ބުންޏެވެ.
"ކޮންކަމެއް ބޭނުމީ." ފައިނާނު އަހާލި އެވެ. އޭނާ އެ ފައިސާއަށް ބޭނުންވެފައިވާ މިންވަރު އެ ދެ ލޮލާއި ކޮންމެ ހަރަކާތަކުން ޒާހިލްއަށް ފެނެ އެވެ. އޭނާގެ ހިނިތުންވުން ފުޅާވެލީ އެހެންވެ އެވެ.
"އަހަރެންނާއެކު އެއް ރޭ ހޭދަކުރެވިދާނެތަ؟." ޒާހިލް އަހާލި އެވެ.
ކުއްލިއަކަށް ޖަވާބެއް ދޭން ފައިނާނަށް ދަތިވި އެވެ. ޒާހިލް އެ އެދެނީ އެއް ރެޔަށް އޭނާގެ ހަށިގަނޑު ދޭންކަން ފައިނާނަށް އެނގެ އެވެ. ވިސްނާލަން ޖެހުނީ އެހެންވެ އެވެ.
"އެންމެ ރެއެއްތަ؟." އިރުކޮޅަކު އިނދެފައި ފައިނާނު އަހާލި އެވެ.
"ހޫމް... ވަން ނައިޓް." ޒާހިލް ޔަގީންކަން ދިނެވެ.
"ބޭނުންވާ ކަންތައްވީމާ ލާރިކޮޅު ނުދީފިއްޔާ." ފައިނާނަށް ބުނެވުނެވެ. އޭނާ ވާން އުޅޭ ގުރުބާނީގެ އަގުބޮޑުކަމުންނެވެ.
"އަހަރެންނަށް އެވަރު ނުދެވޭނޭ ހީވަނީތަ؟ އެހާ އިތުބާރު ނުކުރެވޭތަ؟." ޒާހިލް ބުންޏެވެ.
ފައިނާނަށް އެ ސުވާލުތަކަށް ބުނާނޭ އެއްޗެއް ނޭނގި ހިމޭންވެފައި އިނދެވުނެވެ. އޭނާ ކޮންމެހެން ވެސް އެ ފައިސާ ބޭނުމެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ޖިންސުގެ ފަހަތު ޖީބަށް ކޮށްޕާލާފައި އޮތް ފައިނާނުގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ޖީބުން ފޯނު ނަގައި ބަލާލިއިރު އޭނާއަށް ގުޅަނީ މިޔާ އެވެ. އޭރު މިޔާގެ ތިން ހަތަރު މެސެޖު ވެސް ލިބިފައި އޮތެވެ. ފައިނާނު ގެއަށް ނާންނާތީ ކަންބޮޑުވެގެންނެވެ. އަނެއްކޮޅުން މިޔާ ހެނދުނު ދެކުނުގެ ޕްރޮޖެކްޓް ކަންތަކާ ފުރަން އުޅޭކަން ހާމަކޮށްފައި އޮތެވެ. ފޯނަށް ބަލަން އިނދެފައި ފައިނާނު ފޯނު ނިވާލީ އެވެ. އެ ހުރިހާ ކަމެއް ޖެހިގެން ހުރި ސީޓުގައި އިން ޒާހިލް ދުށްޓެވެ.
"ކޮބާދެން ގޮތެއް ނިންމަންވީނު؟. އަހަރެން ނޫޅެން އަންހެނެއްގެ ނުގަބޫލުގައި ކަމެއް ކުރާކަށް." ޒާހިލް ބުނެލި އެވެ.
"އޯކޭ." ޒާހިލަށް ބަލާލަމުން ފައިނާނު ބުންޏެވެ.
"ޔަގީން." ޒާހިލް އަހާލި އެވެ. އެއާއެކު އޭނާއަށް ބަލަން އިނދެ ފައިނާނު ބޯޖަހާލީ އާނއެކޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
ޒާހިލްގެ އަތުކުރީ އޮތް ގަޑިއަށް ބަލާލި އެވެ. ދަންވަރު ތިނެއް ޖެހުމާއި ކައިރިވެއްޖެ އެވެ. އޭނާ ކާރު ދުއްވާލީ ދާންވީ މަންޒަރު ސިކުނޑީގައި ބައިންދައިގެންނެވެ. މިސްރާބު ހުރީ ހުޅުމާލެއަށެވެ. ކާރުގައި އިނދެ އޭނާ މީހަކަށް ގުޅި އެވެ. ދެއްކި ވާހަކައިން ފައިނާނަށް އެނގެނީ ޒާހިލް ކުރީބައިގައި ކޮޓަރިއެއް ހަމަޖެއްސީކަމެވެ. ހިތްބިރުގެންފައި އިނެއްކަމަކު އެކަން ނުދައްކާވޭތޯ ފައިނާނު ބެލި އެވެ.
ޒާހިލްގެ ފަހަތުން ވަދެގެން އައި ފައިނާނަށް އިސްއުފުލާލަކަށް ވެސް ނުކެރުނެވެ. ގެސްޓްހައުސްއެއް ކަމަކު އެތަން ހީވަނީ އަގުބޮޑު ހޮޓެލެއްހެންނެވެ. ރިސެޕްޝަނުގައި އިން ޒުވާނާއަށް ޒާހިލް ފެންނަ އިރަށް އެނގިއްޖެ އެވެ. ކޮޓަރީގެ ކީކާޑު އޭނާ ޒާހިލްއަށް ދިއްކޮށްލުމުން އެ ހިފައިގެން ސިޑިން އަރަން އައެވެ. ތިންވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއް ހުޅުވާލައި ޒާހިލް ވަނެވެ. ހިމޭންކަމުގައި ހުރެ އޭނާގެ ފަހަތުން އެ ކޮޓަރިއަށް ފައިނާނު ވަނެވެ. ޒާހިލް އެނބުރި ފައިނާނުގެ ފަހަތުން ދޮރު ލައްޕާ ތަޅުލި އެވެ.
ފާޚާނާގައި އުޅެފައި ޒާހިލް ނުކުތީ އުނުގައި ތުވާލި އޮޅާލައިގެންނެވެ. ކޮޓަރިތެރޭ ހުރި ގޮނޑީގައި އިށީނދެލައިގެން އިން ފައިނާނު ކައްޓެއްހެން ތެދުވި އެވެ. ފެންވަރައިގެން ނުކުތްކަން ޒާހިލްގެ އިސްތަށިގަނޑާއި ހަށިގަނޑުން ފާޅުވެ އެވެ. އެ ހާމަކަމަށް ބަލަން ހުރުން ފައިނާނަށް ދަތިވި އެވެ. އަވަސްއަވަހަށް އޭނާ އިސްއޮބާލީ އެހެންވެ އެވެ.
"ކިހިނެއްވީ؟. ލަދުންތަ ތިއުޅެނީ؟... ހީވަނީ ދުވަހަކުވެސް ހުސްގަޔާ ފިރިހެނަކު ނުފެންނަހެން." ފައިނާނުގެ ނުހަނު ގާތުގައި އައިސް މަޑުކޮށްލަމުން ޒާހިލް ވާހަކަދެއްކި އެވެ. އޭރު ސާފުކޮށް ފައިނާނުގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ނޭނގުމެއްގައި ވެސް ޒާހިލް އެ ބުނީ ތެދެއްކަން އެނގެނީ ފައިނާނަށެވެ. އޭނާ ދުވަހަކުވެސް މީހަކާއެކު ގާތް ގުޅުމެއް ބާއްވާފައެއް ނުވެ އެވެ. ޒާހިލްއަކީ އޭނާގެ ފުރަތަމަކަން ބުނަން ބޭނުންނުވީ އެވެ. އަނެއްކޮޅުން ޒާހިލްއަކީ ރީތި ފިރިހެނެކެވެ. އެހެން އަންހެނުން ފަދައިން ފައިނާނުގެ ދެ ލޮލަށް ވެސް އެ ރީތިކަން ފާހަގަވެ ބެލުނީ ބޭއިޚްތިޔާރުގަ އެވެ.
"ދޭ ފްރެޝްވެލަން. އަހަރެން މަޑުކުރާނަން." ޒާހިލް މިހެން ބުނެލުމާއެކު އަވަސްއަވަހަށް އޭނާގެ ކައިރިން ހަލުވި ފިޔަވަޅުގައި ފައިނާނު ދުވަމުން ކަހަލަ ގޮތަކަށް ގޮސް ފާޚާނާއަށް ވަނެވެ.
ޒާހިލް ފޯނު ނެގި އެވެ. ކޮށްގެން ހުރި ފޯނުކޯލު ކުރުކޮށްލީ ފާޚާނާ ހުޅުވުނުތަން ފެނިފަ އެވެ. ނުކުންނަން އުޅެފައި ވެސް ފައިނާނު މަޑުޖެހުނެވެ. އެތަން ފެނި ޒާހިލް ފާޚާނާ ކައިރިޔަށް އައެވެ.
"ޚިޔާލު ބަދަލުވީތަ؟. އެހާ ވަގުތެއްނެތް. ބޭނުންނޫނިއްޔާ ރީތިކޮށް ބުނޭ." ޒާހިލް ބުންޏެވެ.
ތުވާލިކޮޅުން ހަށިގަނޑު ނިވާކޮށްލައިގެން ހުރި ފައިނާނު މަޑުމަޑުން ފާޚާނާއިން ނުކުތެވެ. އޭނާ ހުރީ ހާސްވެ ހިތްއަވަސްވެފަ އެވެ. މުސްތަޤުބަލަށް ވިސްނާފައި ހަމަޖެހޭ ދުވަސްތަކަކަށް އެންމެ ރެއަކަށް ހަށިގަނޑު ޤުރުބާން ކުރާން ނިންމި ނިންމުމަކީ ފައިނާނު ހީކުރިހާ ފަސޭހަ ކަމަކަށް ނުވި އެވެ. އޭނާ ފަސްޖެހިފައި ހުއްޓާ އަތުގައި ހިފައި ޒާހިލްއާ ގާތަށް ދަމާލައިފި އެވެ. އެ ކުޑަކުޑަ ބީހުމުން ވެސް ފައިނާނު ސިހުނީ މާބޮޑަށެވެ. ޒާހިލް ވެސް ކަންބޮޑުވި އެވެ.
"އަހަރެން... އަހަރެން އަދި ރެޑީއެއްނޫން." ފައިނާނުގެ އަޑުގައި ޖެހިލުންވުންވި އެވެ.
"ރެޑީއެއްނޫނޭ... ބުނަން. ވަގުތު ބޭކާރު ނުކުރޭ. ރެޑީނޫނިއްޔާ އެހެރީ ދޮރު. ނުކުމެގެން ދޭ." ޒާހިލް ހިތްހަމަނުޖެހޭ ގޮތް ވީ އެވެ.
ފައިނާނު ފެންކަޅިވާ ގޮތްވި އެވެ. ނަމަވެސް އޭނާ ކަރުނަތައް ދިރުވާލާފައި ހިތްވަރު ނެރުނެވެ. ފައިނާނު ގޮސް ފާރުގައި ހުރި ސުވިޗުތަކުން ކޮޓަރީގެ ބޮކި ނިވާލި އެވެ. ޒާހިލް އެކަމާ ސުވާލު ކުރި އެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނުމުން ފައިނާނު އައިސް ޒާހިލްގެ ކުރިމަތީ ހުއްޓުނެވެ.
"އަން. މި ކާލާ... ތި ހާސްކަން ކުޑަވެދާނެ." ޒާހިލްއަށް ފައިނާނު ފެނުމުން އޭނާގެ އަތަށް ލައިދިނީ ކުޑަ ބޭސްގުޅައެކެވެ. އަދި އެނދު އަރިމަތީ ހުރި ކަބަޑުގެ މަތިން ކުޑަ ފެންފުޅި ނަގައި ދިއްކޮށްލި އެވެ. ފައިނާނު ވަގުތުން އެފަދައިން ކަންތައް ކުރި އެވެ.
"ޕްލީޒް... ބޮކި ނުދިއްލާ މިކަން ނުވާނެތަ؟." އާދޭހުގެ ރާގެއްގައި ފައިނާނު ބުންޏެވެ.
"އެއްވެސް ކަމަކަށް ދެކޮޅު ނުހަދަންޏާ އަހަރެންގެ މައްސަލައެއްނެތް." ޒާހިލް ނިކަން އަވަހަށް ބުންޏެވެ.
"ލެޓްސް ޑޫ އިޓް." ފައިނާނު ބުންޏެވެ. އެއާއެކު ޒާހިލް އޭނާ ގޮވައިގެން އެނދާ ކައިރިވެލައިފި އެވެ. އެ ހަށިގަނޑުގައި އޮޅާލެވިފައިވި ތުވާލި ނައްޓާލުމާއެކު ޒާހިލްއާއެކު އެނދުގައި ފައިނާނު ބޭއްވި އެވެ.
ނިދިފައި އޮތް ފައިނާނުގެ ދެ ލޯ ހުޅުވުނީ އަޑުގަދަ ވެގެންނެވެ. ނަމަވެސް ލޯ ހުޅުވާލި ހިނދު ފައިނާނަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އަވަހަށް ގައިމަތީ އޮތް ރަޖާގަނޑު ދަމައި މައްޗަށް އަރުވަމުން ހަށިގަނޑު ނިވާ ކުރަމުން ދިޔައީ ކޮޓަރި ތެރޭ ހުރި މީހާއަށް ބަލަމުންނެވެ. އެއީ ޒާހިލްއެއް ނޫނެވެ.
"ތީ ކާކު؟." ފައިނާނު ސުވާލު ކުރި އެވެ.
"އެކައުންޓަށް ފައިސާ ޖަމާވެފައި ހުންނާނީ." އެނދު ކައިރީ ތުވާލިކޮޅެއްގައި ހުރި ޒުވާނާ ބުންޏެވެ.
ވާނުވާ ނޭނގިގެން އުޅެނިކޮށް ފައިނާނަށް ދެވަނަ ސިހުމެއް ގެނުވީ ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލައި ފުލުހުން ވަނުމުންނެވެ. ކަންބޮޑުވުމާއެކު ފައިނާނަށް އެނދުގައި ގުޅަވެލެވުނެވެ. މުޅި ހަށިގަނޑު ރަޖާގެ ތެރޭ ފޮރުވާލި އެވެ. އޭނާއާއި އެ ކޮޓަރީގައި ހުރި ޒުވާނާ ފުލުހުން ހައްޔަރު ކުރީ އެވެ. ހެދުންލާން ވަގުތުދީފައި އެ ކޮޓަރިން އެ މީހުން ނެރުނެވެ. ގެސްޓްހައުސްއިން ނެރިގެން ގެނެސް އެރުވީ ފުލުހުންގެ ބަހަށެވެ. ފައިނާނުގެ ބޮލުގައި އެޅިގެން ދިޔައީ ހަށިވިއްކާ ކަމުގެ ތުޙުމަތެވެ. ފުލުހުން އައީ އެކަމުގެ މަޢުލޫމާތު ލިބިގެންނެވެ. ކޮޓަރީގައި ހުރި މީހަކީ ކާކުކަމެއް ނޭނގޭކަމަށް ފައިނާނު ބުނަމުން ދިޔަ އެވެ. ނަމަވެސް އޭނާ ދައްކާ ވާހަކައެއް ފުލުހުން ނޭހި އެވެ. ފުލުސް އޮފީހަށް ގެންދެވެންދެން ހިމޭންވުމަށް އެމީހުން ފައިނާނަށް އެންގި އެވެ.
* * * * *
އެއް ހަފްތާ ފަހެވެ. ދެކުނުގައި ފަށަން ހަމަޖެހިފައި އޮތް ޕްރޮޖެކްޓް ފެށުމުގެ ކުރީން މަސައްކަތް ކުރިޔަށްދާ ސަރަޙައްދު ބަލާފައި މާޔާ އެނބުރި މާލެއަށް އައެވެ. ގޭތެރެއިން ފައިނާނު ނުފެނުމުން އެކުވެރިޔާއަށް މާޔާ މެސެޖު ކުރި އެވެ. ގެއަށް އަތުވެއްޖައިންކަމާއި ރޭގަނޑު ދެ މީހުން އެކުގައި ކާންދާން ބޭނުންވާކަން މެސެޖުގައި މާޔާ ބުންޏެވެ. ނަމަވެސް އެ ދުވަހު އިރުއޮއްސުމާ ހަމައަށް އައިއިރު ވެސް ފައިނާނުގެ ޚަބަރެއް ނުވި އެވެ.
"ކަމަކާ ހާސްވެފައި އިންހެން ހީވޭ. އިރުއިރުކޮޅާ ފޯނު ބަލަނީ... އަނެއްކާ ކޯލެއްގެ އިންތިޒާރުގައިތަ؟." މާޔާ ގޮވައިގެން އޮފީހުން އެނބުރި ގެއަށް އައި މަގުމަތީ ކާރު ދުއްވަން އިން ފިރާން އަހާލި އެވެ.
"ނާނުގެ ޚަބަރެއް ނުވެގެން. އަހަރެން ފުރިއިރު ވެސް އޭނާ ގެއަކު ނޫޅޭ. މެސެޖު ކުރިޔަސް ރީޑެއް ނުކުރޭ. ނުވެސް ގުޅޭ. އޭނާގެ ބައްޕަ ނޫނީ ޢާއިލާގައި އެކަކުވެސް ނުހުންނާނެ. ބައްޕައޭ ބުންޏަސް އެއީ ބައްޕަ ކިޔާވަރު މީހެއްނޫން. އޭނާ ކައިރިޔަށް ޚަބަރެއް ބަލަން ނުދާން މިހުންނަނީ އެހެންވެ. އެކަމަކު... ނާނުގެ ޚަބަރެއް ނުވިއްޔާ ދެން ޖެހޭނީ އޭނާގެ ކައިރިޔަށް ދާން." މާޔާގެ ސިކުނޑީގައިވާ އުދާސްތައް ފިރާޝްއަށް ހާމަކުރި އެވެ.
"އަޅުގަނޑު ބަލާލަންތޯ." ފިރާޝް އަމިއްލައަށް އިސްނެގި އެވެ.
"ފިރާޝްއަށް އުނދަލުގެއްނުވާނެތަ؟. އެކަމަކު ވަރަށް ވިސްނާތި. އެމީހާއަކީ ޑްރަގް އެޑިކްޓެއްގެ އިތުރުން ގޭންގެއްގައި އުޅޭ މީހެއް. އެކަހަލަ މީހަކާ ކުރިމަތިލުމަކީ އަމިއްލަ މީހާއަށް ނުރައްކާތެރިވެދާނެ ކަމެއް." މާޔާ ބުންޏެވެ.
"ޑޯންޓް ވޮރީ. މާދަމާ މޭމް ބަލާ އަންނަންވާއިރަށް ކޮންމެވެސް ކަހަލަ އަޕްޑޭޓެއް ލިބޭތޯ އަޅުގަނޑު މަސައްކަތް ކޮށްލާނަން." ފިރާޝް ބުންޏެވެ. އެ ވާހަކަތަކުން މާޔާ ހިތްހަމަޖައްސާލި އެވެ.
ޖެހިގެން އައި ދުވަހު މާޔާއަށް ފައިނާނުގެ ޚަބަރެއް ލިބުނީ ހަވީރު އޮފީސް ނިންމާފައި ގެއަށް އައި މަގުމަތީ އެވެ. ފައިނާނު ހުރި ހާލު އެނގުމުން މާޔާއަށް ހީވީ ދުނިޔެ މާބާރަށް އެނބުރިގަތް ހެންނެވެ. ކޮޅަށް ހުރިނަމަ އޭނާ އަރި އަޅައިލައިގެން ވެއްޓުނީސްކަން ޔަގީނެވެ. ނަސީބަކުން އެވަގުތު އޭނާ އިނީ ކާރުގެ ސީޓުގައި އިށީނދެ އެވެ. ފިރާޝް ކިޔައިދެމުން ކަންކަން ޤަބޫލުކުރާން މާޔާއަށް ދަތިވި އެވެ. ފައިނާނަކީ ގޮތެއްފޮތެއްނެތް ވިޔާނުދާ އަންހެންކުއްޖެއްނޫންކަން މާޔާއަށް ޔަގީންވެ އެވެ.
"ތީ ހާދަ ޤަބޫލުކުރަން ދަތި ވާހަކައެކޭ." މަޑުމަޑުން މާޔާއަށް ބުނެލެވުނެވެ.
"ރެޑްހޭންޑްކޮށް ހިފައިގެން އެތަނުން ނެރުނީ." ފިރާޝް ބުންޏެވެ.
ގެއަށް އާދެވުމާއެކު މާޔާ އަވަސްވެލީ ވަކީލަކާ ވާހަކަދައްކާށެވެ. ފައިނާނާ ބައްދަލުވާނޭ ގޮތެއް ހަމަޖެއްސުމަށެވެ. މުޅި ރޭ ހޭދަވެގެން ދިޔައީ އެކަމުގަ އެވެ. ވަކީލު ނަސީރު ބުނީ އެންމެ އަވަހަށް ދުވަހެއް ހަމަޖެހެން އޮތް ތާރީޚެއް ލިބުމުން މާޔާއަށް އެކަން އަންގާނޭ ކަމަށެވެ. އަދި ފައިނާނުގެ މައްސަލަ ކުރިޔަށް ގޮސްފައި އޮތް ހިސާބެއް ބަލައި އޭނާގެ ވަކީލުގެ ގޮތުގައި ނަސީރު މަސައްކަތް ކުރާން މާޔާގެ ކައިރީ އެއްބަސްވި އެވެ.
ފުރަތަމަ ދެ ހަފްތާގައި މާޔާއާއި ވަކީލު ނަސީރަށް ކާމިޔާބެއް ނުލިބުނެވެ. ފައިނާނު ޤަބޫލުނުކުވެގެންނެވެ. އެމީހުންނަށް އެއްބާރުލުން ދޭން ބޭނުންނުވެގެންނެވެ. މާޔާއާ ބައްދަލުކުރާން ވެސް އޭނާ ބޭނުންނޫނީ އެވެ. ހަޤީޤަތުގައި އެކުވެރިޔާއާ ކުރިމަތިލާން ފައިނާނަށް ނުކެރުނީ އެވެ. އޭނާއަށް ދެކޮޅު ހެދޭކަށް ވެސް ނެތެވެ. އޭނާ އެ ގެސްޓްހައުސްއަށް ދިޔައީ ފައިސާގެ ބޭނުމުގަ އެވެ. ޒާހިލްއާއެކު އެއް ރޭ ހޭދަކުރުމަށެވެ. ނަމަވެސް އޭނާއަށް ވެސް ނުވިސްނެނީ ހޭލެވުނުއިރު ކޮޓަރީގައި ޒާހިލް ނެތުމެވެ. އަދި ޒާހިލްގެ ބަދަލުގައި ކޮޓަރީގައި ދުވަހަކުވެސް މީގެ ކުރީން ދެކެފައިނުވާ ޒުވާނަކު ހުރީމަ އެވެ. އެ ޒުވާނާއާއެކު ގުޅުމެއް ހިނގިކަމެއް ނުހިނގާކަމެއް ވެސް ޚުދު ފައިނާނަށް ޔަގީނެއްނުވެ އެވެ. އޭނާވަނީ އަމިއްލަ ނިންމުންތަކާމެދު އިންތިހާއަށް ލަދުގެންފަ އެވެ. މާޔާއަށް ހުރިހާ ހަޤީޤަތެއް ކިޔާދޭން ފަސްޖެހެނީ އެހެންވެ އެވެ. މާޔާގެ ކުރިމަތީ އޭނާއަކީ ނުހަނު ވިސްނޭ މީހެކެވެ. އެފަދަ ފީކަޅާ ނިންމުމެއް ނިންމުމަކީ ފައިނާނުގެ ގޮތެއްނޫނެވެ. އެހެންވިޔަސް އޭނާއަށް މިއޮތީ ވަރަށް ބޮޑު ގޯހެއް ހެދިފަ އެވެ.
ވަރަށް މަސައްކަތުން ފައިނާނާ ބައްދަލުވެވޭ ގޮތް ވި އެވެ. އޮފީހުގައި ހުރެފައި މަސައްކަތްތައް މަޑުޖައްސާލާފައި މާޔާ ނުކުތީ ފުރުޞަތުގެ މުހިންމުކަން ވިސްނޭތީ އެވެ. ފުލުހުންގެ މާލޭ ކަސްޓަޑީގައި ފައިނާނު ބަހައްޓާ ހުރިއިރު އޭނާއާ ބައްދަލުކުރަން މާޔާ އައީ އެތަނަށެވެ. ދެ އެކުވެރީން ބައްދަލުވީ ހިނދު ފައިނާނު އިސްޖަހާލީ އެވެ. އެކުވެރިޔާގެ ދެ ލޮލުން ފޭބި ކަރުނަ އެ ކޯތާފަތުން މާޔާއަށް ފެނުނެވެ.
"ނާނު... ޓެލް މީ އެވްރިތިންގް." މާޔާއަށް ބުނެލެވުނެވެ.
ފައިނާނުގެ މިލާފައިވާ މޫނުން ބަލިވައްތަރު ޖަހަ އެވެ. ކުޑަހިނދުކޮޅަކަށް ފެނިލި ދެ ލޮލުން އެކުވެރިޔާ ރޮއެފައި ހުރިވަރު މާޔާއަށް ސިއްރެއް ނުވި އެވެ.
(ނުނިމޭ)