ހަސަން ޝިޔާމް

ވޯޓަށް މަޑުނުކޮށް ކޯޓު ތެރެއިން ވީބީ ހަސަން ބަލިކުރުން

Mar 27, 2024

އަޅުގަނޑު ހަނދާނަށް އަންނަނީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓަ ފައިނަލްގައި މަރަޑޯނާ އިނގިރޭސި ޓީމުގެ ކޮޅަށް އަތުން ޖަހާ ވައްދާލި ލަނޑެވެ.

ފުޓްބޯޅަ ގަވައިދު ބުނާ ގޮތުން ބޯޅައިގައި އަތްލުމަކީ ކުށެކެވެ. އެހެން ނަމަވެސް ކޯޓެއްގައި ފަހު ބަސް ބުނާނީ ގާޒީއޭ ބުނާ އުސޫލުން ދަނޑު މަތީގައި ރެފްރީގެ ނިޔާ އަކީ އެންމެ ފަހުގެ ނިޔާ އެވެ. ރެފްރީ ނިންމީ އެތައް މިލިއަން ބައެއްގެ ލޯ ކުރިމަތީ މަރަޑޯނާ އަތުން ގޯލްގެ ތެރެއަށް ވައްދާލި ބޯޅައަކީ ގޯލެއް ކަމަށެވެ.

މެދު ހެންވޭރު ދާއިރާގެ މިފަހަރުގެ މަޖިލިސް އިންތިހާބުވެސް މި ފެންނަ ގޮތުން މިދަނީ އެކަހަލަ ގޮތަކަށެވެ. މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ކަހަލަ ގޮތަކަށެވެ.

އިންތިހާބުގައި ވޯޓުލުން އޮތީ އޭޕްރީލް 21 ވަނަ ދުވަހު އެވެ. އިންތިހާބާ ގުޅޭ ގޮތުން މައްސަލައެއް ނަމަ ނުވަތަ ކެންޑިޑޭޓުންގެ މެދުގައި ހިލާފްތަކެއް އުޅޭ ނަމަ އެކަމާ ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައި ހުރި ތާރީހްތައްވެސް މަރުހަލާއަކަށް ފަހު މަރުހަލާއެއް ފަހަނައަޅާ ދިޔައީ އެވެ. އޭރަކު މައްސަލައެއް ވެސް ޝަކުވާއެއް ވެސް ނެތެވެ.

އިންތިހާބުގެ ބޭނުމަށްޓަކައި މަޖިލިސް އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުން ވަނީ އެ ބޭފުޅުންގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑާއި މީރާގެ ރެކޯޑްތައް ސާފުކުރުމަށްފަހު ހުށަހަޅާފަ އެވެ. އިންތިހާބާ ބެހޭ ގާނޫނުން އީސީގެ މައްޗަށް ލާޒިމުކުރަނީ އެ ލިޔެކިޔުންތަކުގެ މައްޗަށް ރިއާޔަތްކޮށް އެ ކެންޑިޑޭޓެއްގެ ކިބައިގައި ގާނޫނުގައި ބުނާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ވޭތޯ ނުވަތަ ނުވޭތޯ ކަނޑައެޅުމެވެ.

އީސީ އިން މިދެންނެވި މިންގަނޑަށް ބަލައި 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގާ އެ ފަރާތްތަކުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ލިޔުން ދީފައި އެބަހުއްޓެވެ. ހަމަ އެގޮތަށް ޝަރުތު ހަމަވާ ބޭފުޅުންނަށްވެސް އީސީގެ އޮފިޝަލުން ގުޅުއްވާ އެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅުއްވާ އެކަމުގެ ލިޔުން ދީފައިވެ އެވެ.

މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) އަށް ވެސް ވަނީ އިންތިހާބު ތަކާ ބެހޭ އެންމެ ވަރުގަދަ މުއައްސަސާ އިން އިންތިހާބައިގެން ކުރިއަށް ދިއުމުގައި ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށް ވިދާޅުވެ އެހެން ކެންޑިޑޭޓުންނަށްވެސް ލިބިލެއްވި ލިޔުން ދީފައިވެ އެވެ.

އެހެންނަމަވެސް އިންތިހާބުގެ ވޯޓު ލުމަށް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއްގެ އާއިލީ ބޭފުޅަކު މިހާރު ވަނީ ވީބީ ހަސަންގެ މައްސަލައެއް ސުޕްރީމް ކޯޓަށް ލައްވާ އެ ބޭފުޅާގެ ކެންޑިޑެސީ ބާތިލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މިހިސާބުން އުފެދޭ ސުވާލަކީ އިންތިހާބާ ބެހޭ ގާނޫނުގައި ބުނާ އިންތިހާބަށް ކުރިމަތިލުމުގެ ހައްގު ކަށަވަރުވެފައިވާ ފަރާތްތަކަށް ގާނޫނުން ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި ހިމާޔަތް ކޮބައިތޯ އެވެ.

މި ޖެހިގެން އުޅޭ މައްސަލައިގެ އަސްލަށް ބަލާއިރު އަދި ސަބަބުވެރި އިންސާނެއްގެ ވިސްނުމުގެ މިންގަނޑު ވިސްނާއިރު މި ކުރެވޭ މަސައްކަތަކީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ހުންނެވި މެންބަރަކު، އޭނާއާ އެންމެ ވާދަވެރި ކެންޑިޑޭޓް ވޯޓުން ބަލި ނުކުރެވޭނެކަން ގާއިމުވުމުން ކޯޓުން ބަލިކުރުމުގެ ނުރަނގަޅު މަސައްކަތެކެވެ.

މެދު ހެންވޭރު ދާއިރާއަށް އޮތް "މެދު ހެންވޭރުގެ އުއްމީދު" ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ވީބީ ހަސަން އަށް އިންތިހާބުގައި ވާދަނުކުރެވޭނެ ނަމަ ހަމަގައިމުވެސް އެއް ދާއިރާއެއްގެ ވަރަށް ގިނަ ބައެއްގެ އުއްމީދު ވެއްޔާ މޮޑެވޭނެ އެވެ. އިންތިހާބު ތަކާ ބެހޭ އެންމެ ބޮޑު އިދާރާ އީސީ އިން ކެންޑިޑޭޓުންނަށް ދީފައި އޮތް ޔަގީންކަމާއި މެދު މިހާރު ސުވާލު އުފައްދަން ޖާގަ އެބައޮތެވެ. އިންތިހާބަށް ހަފްތާއަކަށް ވެފައި އޮއްވާވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރަން ކޯޓަށް ދިއުމުގެ ދޮރު މިހާރު އެ އޮތީ ހުޅުވިފައެވެ.

އީސީ އިން ކެންޑިޑޭޓުން ބަލައިގެންއިރު ނެތް އާކަމެއް ވީބީ ހަސަންގެ ކެންޑިޑެސީއާ ގުޅިގެން މިއަދު ފެންނާކަށް ނެތެވެ. އަދި އޭރު ނެތް މައްސަލައެއް މިއަދު އަލުން އުފަވެފައެއްވެސް ނެތެވެ. މިއިންތިހާބުގެ މިހާ ހިސާބަށް އައި އިރު ވީބީ ހަސަން އެވަނީ ދަތުރުގެ އެންމެ ފަހު މަންޒިލް ފެންނަ ހިސާބަށް ކައިރިވެފަ އެވެ. ދަތުރުން ދެބަޔަށް ވުރެ ބޮޑު ބައި ދުއްވާފަ އެވެ.

ދަތުރުގެ މިހިސާބުން ބޮލުގައި ބަޑިޖައްސާ ފަޅުވެރިން ދޫކޮށް ކައްޕިތާން ކަނޑަށް ފުންމާލަން މަޖުބޫރުކޮށްފިނަމަ "މެދު ހެންވޭރުގެ އުއްމީދު" ދިރިހުއްޓާ "މަރާލެވުނީ" އެވެ. ވާދަވެރި އިންތިހާބެއްގެ ރޫހު ގެއްލުނީ އެވެ. ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ ވާދަވެރި އިންތިހާބެއްގެ އުއްމީދީ ހުޅުކޮޅު ނިއްވާލެވުނީ އެވެ.

ވާދަވެރި އިންތިހާބެއްގައި ވޯޓު ފޮށިން މޮޅުވުމާއި "ކޮންމެ ގޮތަކުން" މޮޅުވުމާއި އުޑާއި ބިމާހާ ތަފާތެވެ. 1986 ވަނަ އަހަރު ޑިއެގޯ އަމަންޑޯ މަރަޑޯނާ ބޭނުންވީ ކޮންމެ ގޮތެއް ހަދައިގެންވެސް ވޯލްކަޕް ކާމިޔާބު ކުރާށެވެ. އާޖެންޓީނާ ފައިނަލަށް ގޮސް ތަށީ އުފުލާލީ މަރަޑޯނާ އެތައް މިލިއަން ބައެއްގެ ލޯ ކުރިމަތީ އިނގިރޭސީން ކޮޅަށް ވައްދާލި ލަނޑުން ފައިނަލްއަށް ދަތުރުކޮށް ވެސްޓް ޖާމަން ބަލިކުރުމަށްފަހު އެވެ.