(27 މާރިޗު 2024 އާ ގުޅޭ )
ވަރަށް މަސައްކަތުން ފައިނާނާ ބައްދަލުވެވޭ ގޮތް ވި އެވެ. އޮފީހުގައި ހުރެފައި މަސައްކަތްތައް މަޑުޖައްސާލާފައި މާޔާ ނުކުތީ ފުރުޞަތުގެ މުހިންމުކަން ވިސްނޭތީ އެވެ. ފުލުހުންގެ މާލޭ ކަސްޓަޑީގައި ފައިނާނު ބަހައްޓާފައި ހުރިއިރު އޭނާއާ ބައްދަލުކުރަން މާޔާ އައީ އެތަނަށެވެ. ދެ އެކުވެރީން ބައްދަލުވީ ހިނދު ފައިނާނު އިސްޖަހާލީ އެވެ. އެކުވެރިޔާގެ ދެ ލޮލުން ފޭބި ކަރުނަ އެ ކޯތާފަތުން މާޔާއަށް ފެނުނެވެ.
"ނާނު... ޓެލް މީ އެވްރިތިންގް." މާޔާއަށް ބުނެލެވުނެވެ.
ފައިނާނުގެ މިލާފައިވާ މޫނުން ބަލިވައްތަރު ޖަހަ އެވެ. ކުޑަހިނދުކޮޅަކަށް ފެނިލި ދެ ލޮލުން އެކުވެރިޔާ ރޮއެފައި ހުރިވަރު މާޔާއަށް ސިއްރެއް ނުވި އެވެ.
"އަހަރެން..." ފައިނާނު ވާހަކަދައްކަން އުޅެފައި ވެސް ހުއްޓާލީ އެވެ. އޭނާއަށް ރޮވެން ފެށީ އެވެ.
"ނާނު. ޕްލީޒް ނުރޮއެ. ނަސީރަކީ ރަނގަޅު ލޯޔަރެއް. ވެގެން މިއުޅޭ ގޮތެއް ކިޔާދިނީމަ ނަސީރަށް ވެސް އެހީވާން އެނގޭނީ. ކީއްވެތަ އަހަރެމެންގެ އެހީތެރިކަން ޤަބޫލުކުރަން ބޭނުންނުވަނީ؟." މާޔާ ބުންޏެވެ.
"އަހަރެންނަކީ ހަށިވިއްކާ މީހެއްނޫން." ރޮމުން ދެ ލޯ ފުހެލައި އެކުވެރިޔާއަށް ބަލާލަމުން ފައިނާނު ބުންޏެވެ.
"އަހަރެންނަށް އެނގޭ. އެކަމަކު އެތަނަށް ނާނު ދާންޖެހުނީ ކީއްވެ؟. ކީއްވެ ޑްރަގްސްއަށް ފޮޒިޓިވް ވާންވީ؟. އެރޭ ގުރޫޕަކާއެކު ރިސޯޓުގައި ވެސް އުޅެފައިކަމަށް ވަނީ އައީ. ކިހިނެއްވީ ކަމެއްކަން ނާނު ކިޔައިދިނީމަ އަހަރެންނަށް އެނގޭނީ." މާޔާގެ އަޑުގައި ކަންބޮޑުވުންވި އެވެ.
"ދެން ކުރެވޭނެކަމެއް އެބައޮތްތަ؟. އަހަރެންގެ ކުށެއްނެތްކަން ހާމަކުރެވޭނެ ހެއްކެއްނެތް." މާޔޫސްކަމާއެކު ފައިނާނު ބުންޏެވެ.
"ތިހެން ނުބުނޭ. އަހަރެންނަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ." އުންމީދު ކަނޑާލަން މާޔާ ބޭނުމެއްނުވެ އެވެ.
"އަހަރެން ޖަލަށް ލާފާނެތީ ބިރުގަނޭ." ފައިނާނު ބުނެލި އެވެ.
"ނާނު ކިޔާދީބަލަ ތިކަންތައް ދިމާވާންޖެހުނު ގޮތެއް؟. މީހަކު ބްލެކްމައިލް ކުރީތަ؟. ގަދަކަމުން ނާނު ލައްވާ ކަމެއް ކުރުވަން އުޅުނީތަ؟. ނާނު ޕްލީޒް. ސިއްރުނުކޮށް ކިޔާދީބަލަ." މާޔާ އަދިވެސް ސުވާލު ކުރީ ފައިނާނަށް ދިމާވެގެން އެ އުޅޭ ދެރަ ކަންތަކުގެ ހަޤީޤަތް އޮޅުންފިލާތޯ އެވެ.
"އެވާހަކަތައް ކިޔައިދޭން ނުބުނެފާނަންތަ؟. މިޔާ..." ފައިނާނުގެ ރުއިން ގަދަވި އެވެ. އޭނާއަކީ ހަށިވިއްކާ އަންހެނަކަށް ނުވިޔަސް އޭނާ އެފަދަ މީހަކާ ތަފާތެއް ނުވެޔޭ ފައިނާނުގެ ޟަމީރު ބުނެ އެވެ. އޭނާ ވެސް އެ ގެސްޓްހައުސްއަށް ދިޔައީ ފައިސާއަށް އެންމެ ރެޔަކަށް އަމިއްލަ ހަށިގަނޑު ޒާހިލްއަށް ވިއްކާށެވެ. ކަންތައް ގޯސްވީ ކިހާ ހިސާބަކުން ކަމެއް ފައިނާނަށް ވިސްނައިގަންނާކަށް ވެސް ނޭނގެ އެވެ. އެފަދަ ގޮތަކަށް ޒާހިލް އޭނާ ކަމެއްގައި ބައްދައިލާންޖެހޭ ސަބަބެއް ވެސް ނެތެވެ. އެރޭ ރިސޯޓުން ނޫނި ފައިނާނާއި ޒާހިލް ބައްދަލުވެފައެއް ވެސް ނުވެ އެވެ.
* * * * *
މޭޒު ދޮށުގައި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން މާޔާ އިނީ ޚިޔާލަކަށް ގެއްލިފަ އެވެ. ފައިނާނާ ބައްދަލުވީ ދުވަހު ވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ފައިނާނު ސިއްރުކުރަނީ ކޮންކަމެއްކަން މާޔާއަށް ލަފާކޮށްލާކަށް ނޭނގެ އެވެ. އަނެއްކޮޅުން ވާކީލު، ނަސީރުގެ ވާހަކަތަކުން އެނގެނީ ފައިނާނުގެ މައްސަލަ ނިކަން އަވަސްއަރުވާލާފައި ކުރިޔަށް ގެންދާކަމެވެ. އެއީ ސުވާލު އުފެދޭ ކަމެއްކަމުގައި ނަސީރު ވެސް ބުންޏެވެ. މައްސަލައިގައި ޝާމިލްވާ މީހުންނާއި ގުޅުން އޮންނަނީ ކޮންކޮން ބަޔަކާތޯ ބަލަން ޖެހޭ ކަމުގައި ނަސީރު ލަފާ ދިނެވެ.
"މޭމް." ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނީ ޝާހީނެވެ. އޭނާ ފެންނަނީ ކަމަކާ ހާސްވެފައި ހުރި ތަނެވެ. ކިހިނެއްތޯވީ ނިކަން އަވަހަށް މާޔާ އަހާލީ އެހެންވެ އެވެ.
"މީހަކު އެބައުޅޭ އޮފީސް ތެރެއަށް ވަދެގެން. މޭމްގެ ނަމުން ގޮވާ ހަޅޭލަވަނީ... މޭމްއަށް ކުރީން ކިޔާ ނަމުން އެމީހާ ގޮވަނީ." ޝާހީން ބުންޏެވެ.
"ކިހިނެއް ހުރި މީހެއް؟." ވަގުތުން މާޔާ ގޮނޑިން ތެދުވި އެވެ. ކެބިންއިން ނުކުމެގެން ޝާހީނާއެކު އެ ބުނާ މީހަކު ދުށުމަށް ދާން އޭނާ ހިނގައިގަތެވެ.
"ފިރިހެނެއް؟. ތަންކޮޅެއް އުމުރުން ދޮށީ މީހެއް... ހީވޭ ޕާޓޭއެއްހެން. ވަރަށް ހަޑި އެއްޗެހި ކިޔަނީ." މާޔާއާއެކު އަންނަމުން ޝާހީން ބުންޏެވެ.
އޮފީހުގެ އެންމެ ތިރިއަށް ޝާހީނާއެކު މާޔާ ނުކުތެވެ. އޭރު އިމާރާތުގެ ސެކިއުރިޓީ ގާޑަށް ތިބޭ ދެ މީހުން އެ ބުނާ މީހަކަށް ހުރަސް އަޅަމުން ދިޔަ އެވެ. ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅު ކުއްލިއަކަށް ހުއްޓުނީ އެއީ ކާކުކަން މާޔާއަށް ފެނުނު ހިސާބުންނެވެ. އޭނާ ވަގުތުން ޝާހީން ގާތުގައި ބުނީ ފުލުހުންނަށް ގުޅުމަށެވެ.
"މިޔާ... ކަލެއަށް އެނގޭތަ ފައިނާނު ޖަލުގައިކަން އޮތީ. އޭނާ ނެތީމަ މަށަށް ދަތިވާނޭކަމެއް ނޭނގޭތަ؟. ހަނދާންނެތުނީތަ ގެއަށް އައިސް ކައިބޮއެ އުޅުނު ގޮތް... ބަލަ މަގޭ ލާރިއޭ ޚަރަދުކުރީ. ފައިސާވެރިއަކަށްވީމަ ދެން އަހަރެމެންނެއް ފައިނާނެއް ނުފެނުނު ދޯ. ކަލެއަށް ވެސް އަމިއްލަ މީހާ ފެނުނީ ދޯ... ތީ ކަލޭގެ ފެންވަރަކީ. ފައިނާނާ މާއެކުވެރިވެގެން އުޅުނީ ޖެހިފައި ހުރި ނިކަމެތި ހާލުން." އެ މީހާ އެއްޗެހި ގޮވަމުން ދިޔަ އެވެ.
"ހުއްޓާލާ ޞާދިގު. މީ އޮފީހެކޭ... ކޯއްޗެއް ބޭނުންވެގެން ތިއުޅެނީ." ދެ ބުމަ ގޮށްޖަހާލައިގެން ހުރެ މާޔާ ވާހަކަދެއްކި އެވެ. އެއާއެކު ޞާދިގު ނިކަން ހެވިލައިފި އެވެ. އަދި އޭނާގެ ކަނާއަތް ހިއްލާލައި އަތްތިލައިގައިވި ފަސް އިނގިލި ދައްކާލި އެވެ.
"ފަސް ހާސް ރުފިޔާ ޓްރާންސްފާ މިކޮށްލީ." މާޔާ ބުނެލި އެވެ.
"ފަސް ހާހޭ... ކަލޭ ހީކުރީ އެންމެ ފަސް ހާސް ކަމައްތަ މީ." ވަގުތުން ޞާދިގުގެ މޫނުމަތި ބަނަވެއްޖެ އެވެ. މާޔާއާ ދިމާއަށް އަންނަ ހިފާލުމާއެކު އޭނާގެ ކައިރީ ތިބި ދެ ސެކިއުރިޓީ ގާޑުން ޞާދިގުގެ ދެ އަތުގައި ހިފަހައްޓައިފި އެވެ. އެމީހުންނާ ދިމާއަށް ހުތުރު ބަހުން ދޫކޮށްލަން އޭނާ ގޮވަން ފެށި އެވެ. ގަދަހަދައި އެމީހުންގެ ކިބައިން ދެމިގަންނަމުން މާޔާއާ ދިމާއަށް ޞާދިގު އަތުވެއްޖެ އެވެ. އޭނާ އަތް ހޫރާލީ މާޔާގެ މޫނުމަތީގައި ޖަހާށެވެ. އެވަގުތު ހުސިޔާރުވެ ހުރި ޝާހީން ކުއްލިއަކަށް މާޔާގެ ކޮނޑުގައި ހިފައި ފަހަތަށް ދަމާލުމަށް ކައިރިވެލުމުން ޞާދިގުގެ އަތްތިލައިގެ ހަމަލާ އެރީ ޝާހީންގެ މޫނަށެވެ. އެތަންފެނި މާޔާއަށް ހަޅޭލަވައިގަނެވުނީ ބޭއީޚްތިޔާރުގަ އެވެ. ޝާހީން އަރި އަޅާލައިގެން ވެއްޓެން ދިއުމުގެ ކުރީން އޭނާގެ ގައިގާ މާޔާ ހިފެހެއްޓި އެވެ.
"ކަލޭތީ ބައްޕަ ކިޔަން ހެޔޮވާވަރުގެ ފިރިހެނެއްނޫން. ކޮންމެހެން ފައިނާނަށް މާ ހެޔޮއެދޭކަން ދައްކަން އުޅޭނެކަމެއްނެތް. ބޯން ނުލިބިގެން ކިތައް ފަހަރު އަމިއްލަ ދަރި ވިއްކާލަން އުޅުނީ." މާޔާ ރަނގަޅަށް ވެސް ހުރީ ރުޅި އައިސްފަ އެވެ.
ނަސީބު ރަނގަޅުކަމުން ފުލުހުން އައީ އެވަގުތެވެ. ޞާދިގު ހައްޔަރުކޮށްގެން އެތަނުން ނެރިގެން ގެންދަންދެން މާޔާ ބަލަން ހުއްޓެވެ. ރުޅިގަދަވެފަ އެވެ. ފައިނާނުގެ ބަދުނަސީބުކަމާއެކު އޭނާ ހިތާމަކުރެ އެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމަކީ ކޮބާކަން މާޔާ ވަނީ އިޙްސާސް ކޮށްފަ އެވެ. ނަމަވެސް އެ ނަސީބުން ފައިނާނުވީ މަހޫރުމުވެފަ އެވެ. ބައްޕަ ދުނިޔޭގައި ހުރެމެ އެވެ. އަންހެން ދަރިއަކު ރައްކާތެރި ކުރާން އެންމެ ގާތުގައި ހުންނަން ޖެހޭ މީހަކީ ބައްޕަ އެވެ. އެކަމަކު ފައިނާނަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އޭނާގެ ބައްޕަކަން މާޔާ ދެނަހުއްޓެވެ.
މެންދުރުފަހުގެ ވަގުތެވެ. އޮފީހުގެ މީޓިން ރޫމެއްގައި މާޔާއާއެކު ވަކީލު، ނަސީރު އިނެވެ. ދެމެދުގައި ދެކެވެމުންދިޔައީ ފައިނާނުގެ ކޭސްއާ ބެހޭ ވާހަކަތަކެވެ. ހުރިހާ ހެތްކެއްހެން ހުރީ ފައިނާނާ ދެކޮޅަށްކަން ނަސީރު ބުންޏެވެ. ނުވީތާކަށް ގެސްޓްހައުސް ހިންގާ ކުންފުނިން ވެސް ފައިނާނުގެ މައްޗަށް ދައުވާކުރާން ނިންމާފައިވާކަން ނަސީރު ބުންޏެވެ.
"ޖަލު ހުކުމެއް އިއްވަން އެ މަސައްކަތް ކުރަނީ. ފަސޭހައެއް ނުވާނެ ކާމިޔާބު ކުރާކަށް... މާޔާ. ފައިނާނާ އެއްވެސް މީހަކާ ދުޝްމިންކަމެއް އޮތީތަ؟. މިބުނީ... ސިޔާސީ މީހަކާ ނޫނީ އެހެންވެސް އެކަހަލަ މަތީ މީހަކާ ޒާތީކަމެއް އެބައޮތްހޭ. ކަންތައްތައް މިވާގޮތުން ހަމަ ހީވަނީ މީ އެކަހަލަ ކޭސްއެއްހެން. އަނެއްކާ ގަސްޓްހައުސް ހިންގާ ކުންފުނީގެ ލޯޔަރަކީ އާދައިގެ މީހެއްނޫން. އަރްހަމް މިކަމުގެ ތެރެއަށް ވަދެއްޖެއްޔާ ﷲއާ ވަކީލު." ނަސީރު ބަލާލީ މާޔޫސީ ނަޒަރަކުންނެވެ.
"އޭނާ ހުއްޓުވޭނެ ގޮތެއް އޮންނާނެ. ފައިސާ ދީގެން އެއްބަސްވާނެތަ." މާޔާއަށް ބުނެވުނެވެ.
"އެކަހަލަ މީހެއްނޫން އެއީ. މިބުނީ ކޮރަޕްޓް ނޫނެކޭއެއްނޫން. މަނީ ސެޓްލްމެންޓަކަށް އޭނާ ދާނޭހެން ހީނުވަނީ. ދެން އަޅެ ބަލަމާ އޭނާއާ ބައްދަލުކޮށްގެން ގޮތެއް ހަމަޖެހޭތޯ." ނަސީރު ބުންޏެވެ.
"އޭނާއާ ގުޅޭނޭ ނަންބަރެއް އަހަރެންނަށް ދީ. އަހަރެން އޭނާއާ ބައްދަލުކުރާނަން. ބައްދަލުކޮށްފައި ނަސީރަށް ޚަބަރެއް ވާނަން. މިއަދު އެކަމާ އުޅޭނަން. ދެން އިތުރަށް ލަސްކުރެވޭކަށް ވެސް ނެތް." މާޔާ ބުންޏެވެ.
* * * * *
އަރްހަމްއާއެކު ބައްދަލުވުމެއް ބޭއްވުމަށް އޭނާގެ އޮފީހަށް ޝާހީން ލައްވާ މިޔާ ގުޅުވި އެވެ. ނަމަވެސް އެޕޮއިންމެންޓެއް ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ ދެ ދުވަސް ފާއިތުވުމުން މާޔާ މަޑުނުކޮށް އެ އޮފީހަށް އަރްހަމް ހޯދަން އައީ އެވެ.
ރިސެޕްޝަންގައި އިން ކުއްޖާއާ ވާހަކަދައްކާލުމުން އޭނާ އަރްހަމްގެ ޚަބަރެއް ހޯދަން ގުޅި އެވެ. އެ ކޯލަށްފަހު އޭނާ ބުނީ އަރްހަމަ އިނީ ވީޑިއޯ ކޮންފަރެންސެއްގައި ކަމެވެ. ނިމޭނެ އިރެއް ނޭނގޭ ކަމެވެ. މާޔާ ގަސްދުކުރީ މެހެމާނުން މަޑުކުރާ ބައިގައި ހުރި ގޮނޑިތަކުގައި މަޑުކޮށްލާށެވެ. އާދެވުނު ދުވަހު އޭނާ ބޭނުންވީ ކޮންމެ އިރަކުން ވިޔަސް އަރްހަމްއާ ބައްދަލުކޮށްފައި ނޫނީ އެނބުރި ނުދާށެވެ.
"ކީއްވެބާ ނާނުއަށް މިހެން މިވީ. ނަސީރު ބުންޏަސް ކާކު ނާނުއާ ޖައްސާލާނީ. އޭނާގެ އެކަހަލަ ގުޅުމެއް އޮންނަ ރައްޓެއްސަކު ނުހުންނާނެ. އޭނާ ނުލާހިކު ފޫހިވާނެ މިއުޅޭ ސިޔާސީ މީހުންދެކެ. މުއްސަނދިންދެކެ އިންތިހާއަށް ނަފުރަތު ކުރާނެ. ނާނަކީ ވަރަށް އާދައިގެ އަންހެންކުއްޖެއް. އެހެންވިޔަސް ކޮންމެވެސް ބޮޑު ގޯހެއް އެބައުޅޭ... ނާނު ހުރިހާކަމެއް ކިޔާނުދޭން އެ އުޅެނީ އެހެންވެ ކަންނޭނގެ." މާޔާއަށް ވިސްނެމުންދިޔައީ ފައިނާނާ މެދު އެވެ.
ވަގުތު ހުއްޓުމެއްނެތި ފާއިތުވަމުން ދިޔަ އެވެ. އަރްހަމައާ ބައްދަލުކުރާން މާޔާ އައިސް އިންނަތާ ފަސް ގަޑިއިރު ވީ އެވެ. އޮފީސް ވެސް ބަންދުކުރާ ގަޑި ޖެހުނީ އެވެ. ސާޅީހަކަށް މިނެޓް ކުރީން އަރްހަމަ ކޮބާތޯ ރިސެޕްޝަންގައި އިން ކުއްޖާގެ ގާތުން މާޔާ އަހާލި އެވެ. އޭރު ވެސް އޭނާ އަވަދިނެތި އުޅޭތީވެ މާޔާއާ ބައްދަލުކޮށްލަން ވަގުތު ހުސްކުރެވުނު ކަމަކަށް ނުވި އެވެ. އޮފީސް ބަންދުކުރުމުގެ ކުރީން އަދިވެސް އެއްފަހަރު އަރްހަމަގެ ޚަބަރެއް ބަލާލަން މާޔާ ގަސްދުކޮށް ގޮނޑިން ތެދުވި އެވެ. އެވަގުތު ރިސެޕްޝަންގައި ހުރި ކުއްޖާއަށް މާޔާ ފެނިގެން ވާހަކަދެއްކި އެވެ. މިއަދު ވަގުތުދެވެން ނެތްކަން ބުނެ އަރްހަމް އޮފީހުން ނުކުތީ ދެންމެކަން އެ ކުއްޖާ ބުނެލި އެވެ. މާޔާއަށް ވަގުތުން އޮފީހުން ބޭރަށް ދުއްވައިގަނެވުނެވެ. ގައިމު ވެސް މައިދޮރާ ދިމާއިން އަރްހަމް ނުނިކުންނަކަން މާޔާއަށް ޔަގީނެވެ. އޭނާ ގޮނޑީގައި މި ހުރިހާއިރު އިންއިރު އެ އޮފީހަށް ވަދެނުކުމެވާ މީހުން ފެނުނެވެ.
އޮފީހުގެ ޕާކިން ސަރަޙައްދުން ނެރިލި ކާރުގައި އިން ޒުވާނާ ފެނުމާއެކު މާޔާގެ ދެ ފައި ބިމުގައި ތަތްލީ ފަދަ އެވެ. ދެ ލޯ ބޮޑުކޮށްގެން ބަލަން ހުރެވުނީ އެއީ ކާކުކަން އެނގޭތީ އެވެ. އެ ދެ ލޮލުގައިވާ ނަންބަރު އައިނަކީ އޭނާ ފާހަގަކުރާން ފަސޭހަވި ކަމެކެވެ. ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމާއެކު މާޔާއަށް އަރްހަމް ބަލާލީ ހިނިއައިސްފަ އެވެ.
"ޗާއޯ..." އޭނާގެ އައިނުގެ އެއްކޮޅުގައި ޝަހާދަތް އިނގިއްޔާއި މެދުއިނގިލި ޖައްސާލައި ސަލާމެއްގެ އިޝާރާތް ކޮށްލީ އެއްލޯ މަރާލަމުންނެވެ. އަދި އޭނާ ކާރު މަޑުކުރުމެއްނެތި މާޔާގެ ކައިރިން އަޅާފައި އޮފީހުން މަގުމައްޗަށް ނުކުމެއްޖެ އެވެ.
ބިރެއްފެނިފައި ހުރިހެން މާޔާއަށް ހުރެވުނީ އެވެ. އޭނާއަށް ކަމެއް ފަހުމްވީ އެވެ. ނަސީރަށް ހީވީ ރަނގަޅަށެވެ. މީ ބައެއްގެ ޒާތީ ކުޅިވަރެކެވެ. އެކަން މިހާރު މާޔާއަށް ޔަގީންވެއްޖެ އެވެ.
"މިޔާ... އަދި އަންނާނެ އަހަރެން ކައިރިޔަށް." މާޔާގެ ކަންފަތް ބުޑުގައި ހީވީ އިޒީކިއަލްގެ އަޑު ގުގުމައިގެން ދިޔަ ހެންނެވެ.
(ނުނިމޭ)