ކުރިއަށް އޮތް ހަފުތާ ބަންދުގައި މެލޭޝިޔާގައި ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ވެލެންސިއާ ވެޓަރަންސް ޓީމު މިރޭ ފުރައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ޖުމުލަ 52 ގައުމަކުން ވާދަކުރާ މި މުބާރާތުގެ ދެ ކެޓަގަރީގައި ވެސް ވެލެންސިއާ ބައިވެރިވެ އެވެ. އެއީ ވެޓަރަންސް ކެޓަގަރީ އާއި 50 އަހަރުން މަތީގެ ކުޅުންތެރިންނަށް ބާއްވާ މާސްޓާސް ވެޓަރަންސް ކެޓަގަރީ އެވެ.
މި މުބާރާތުގައި ބައިވެރިވާ ވެލެންސިއާ ޓީމުގައި ގިނައިން ތިބީ ކުރިން އެ ޓީމަށް ކުޅެފައިވާ ކުރީގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ކުރީގެ ކެޕްޓަނުން ކަމަށްވާ މޫސާ މަނިކު (ކުޑަމޫސަ) އާއި އައްސަދު އަބުދުލްގަނީ އާއި މުހައްމަދު ޖަމީލް (ޖަމްބެ) އާއި އަލީ ރަޝީދު (ސިލާޗީ) އާއި މުހައްމަދު ހަލީމް (ޖަޑާ) ހިމެނެ އެވެ. މީގެ އިތުރުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއީލް އަނިލް އާއި ކީޕަރު އަސްލަމް އަބުދުއްރަހީމް އާއި ކީޕަރު އަހުމަދު ސަމީރާއި މުހައްމަދު އިބްރާހީމް (ދޮންބެ) އާއި އަބުދުﷲ އާމިރާއި ހީނާ އަހުމަދު ސަލީމަކީ ވެސް ވެލެންސިއާގެ ކުރީގެ ކުޅުންތެރިންނެވެ.
ވެލެންސިއާ އަށް ނުކުޅޭ ކުޅުންތެރިންގެ ތެރެއިން މި ފަހަރު ޓީމާއެކު ދިޔަ އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ މުހައްމަދު ކަލީމް އާއި އިބްރާހީމް ރަޝީދު (އަންދަރޭ) އެވެ.
މީގެ އިތުރުން ވިކްޓަރީގެ ކުރީގެ ކޯޗު އަހުމަދު ނާޝިދު އާއި ނިއު އަށް ކުޅުނު އަހުމަދު އިރުފާނާއި އަބުދުއްރައްޒާގު އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ފެނުނު އިސްމާއީލް މުހައްމަދާއި ވިކްޓަރީ އާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިސްމާއީލް މުހައްމަދު (އިއްސެ) ވެސް މި ޓީމުގައި ހިމެނެ އެވެ.
މި ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ވެލެންސިއާގެ ކުރީގެ ފޯވަޑް އަހުމަދު ޝަރީފް (މާޑޭ) އެވެ. އޭނާގެ އިތުރުން ނިއުގެ ކުރީގެ މަސްއޫލުވެރިޔާ ހަސަން މަނިކާއި ކޯޗު އިބްރާހީމް ނޫރައްދީން ވެސް އިސްދައުރެއް އަދާކުރައްވަ އެވެ.
މާލެއިން ފުރުމުގެ ކުރިން އަބުދުﷲ އާމިރު ބުނީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ވެލެންސިއާ މުބާރާތަށް މިދަނީ ވަރަށް ދުރާލައި ފަރިތަކޮށްގެން ކަމަށެވެ. މިހެންވެ މި ފަހަރުގެ މުބާރާތަކީ ކުރީ އަހަރުތަކަށްވުރެ ރަނގަޅު ކާމިޔާބީ އެއް ލިބޭނެ މުބާރާތަކަށްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.