ހަބަރު

މަނާކޮށްފައިވާ ޗޮކޮލެޓް މިހާރު ބާޒާރަކަށް ނުނެރެން: ވީބީ

މިފަހުން މަނާކޮށްފައިވާ ޗޮކްލެޓުގެ އެއްވެސް ބާވަތެއް ބާޒާރަށް ނެރެފައި ނުވާ ކަމަށް، އެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރާ ވީބީ ބްރަދާޒް އިން ބުނެފި އެވެ.

ވީބީ އިން މިހެން ބުނީ، ގިނަ ބަޔަކަށް ކަމުދާ މިލްކީވޭ، ސްނިކާސް އަދި މާސް ޗޮކްލެޓާއި އަދިވެސް އިތުރު ދެ ޗޮކްލެޓެއްގެ ވަކި ބެޗްތަކެއްގައި ޕްލާސްޓިކް "ފްރެގްމެންޓްސް" އިން ތަގައްޔަރުވެފައިވާތީ އެތަކެތި ވިއްކުން މަނާކޮށްފައި ވުމުންނެވެ.

އެކަމާއި ގުޅިގެން ވީބީ އިން ނެރުން ބަޔާނެއްގައި ބުނީ އެކުންފުނިން އެތެރެ ކުރާ މާސް ޗޮކޮލެޓްގެ ތެރެއިން ވިއްކުމަށް މަނާކުރެވިފައިވާ ބެޗު ކަރަންޓީން ކޮށްފައިވާ ކަމަށާއި އަދި ޕްލާސްޓިކް އަސަރުކޮށްފައިވާ މާސްގެ އެއްވެސް ބާވަތެއް ބާޒާރަށް ނެރެފައި ނުވާނެ ކަމަށެވެ.

ވީބީ އިން މިހެން ބުނެފައިވާ އިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދާދި ފަހުން ބުނެފައި ވަނީ މަނާ ކުރުމަށް ފަހު ވެސް ބައެއް ފަރާތްތަކުން އެ ޗޮކޮލެޓު ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ވީބީ އަކީ ރާއްޖެއަށް މާސް ޗޮކޮލެޓް އެތެރެކުރާ ސޯލް އޮތޮރާއިޒް ޑިސްޓްރިބިއުޓަރެވެ.