ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ހަސަން ޒަކަރިއްޔާ އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެންބަރުކަމުގެ މުއްދަތު މާޗް 13 ވަނަ ދުވަހު ހަމަވުމުންނެވެ.

އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތުގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމުގައިވާ ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އެވެ.