މަރު

އައްޑޫގައި ވިޔަފާރިވެރިޔަކު މަރާލައިފި

  • މަރާލީ އޮޅު ތެރެއަށް ބޯ ގަންބާލައި ނޭވާ ހާސްކޮށްގެން ކަމަށް ބެލެވޭ
  • އޭނާގެ ފިހާރަ ވެސް ވަނީ ފަޅާލާފައި
  • މަރުވެފައި އޮއްވާ ފެނުނީ އާއިލާ އިން ހޯދަމުން ދަނިކޮށް

އައްޑޫ ހިތަދޫ އިން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ. އޭނާ އަކީ ހިތަދޫ ވިޔަފާރިވެރިއެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އާއިލާގެ ފަރާތުން ރޭ 7:15 އެހާކަން ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރަށު ބުރުނީގޭ، 47 އަހަރުގެ އަލީ އަބްދުﷲ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ، މިއަަދު ހެނދުނު 8:50 އެހާކަން ހާއިރު ހިތަދޫ ސްކޫލް ފުރަގަހުގައި އޮންނަ އޮޅަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގު އަވަސް އަށް ވިދާޅުވީ، އަލީ އަބްދުﷲގެ ފިހާރަ "ޓޫވޭވް" ހުންނަނީ އޭނާގެ މައިންބަފައިން ގެ ކައިރީގަ ކަމަށާއި ނަމަވެސް އޭނާ ދިރިއުޅެނީ އަންހެނުންގެ ގޭގައި ކަމަށެވެ. ފިހާރައިގެ ސެކްރިޓީ ބެލެހެއްޓުމަށް ދަންވަރު ވެސް އޭނާ އުޅެނީ ފިހާރައިގަ ކަމަށާއި އޭނާ ނިދަނީ ވެސް ފިހާރައިގަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ރޭ ދަންވަރު ތިނެއް ޖެހިއިރު ވެސް ފިހާރާގައި އޭނާ އުޅުނުކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"ހެނދުނު ދަރިފުޅު ސްކޫލަށް ގެންދިއުމަށް އޭނާ ގެއަށް ދާނެ، އެއީ ހެނދުނު 5:30 ހާއިރު، މިއަދު ނުދިޔުމުން އެމީހުން ހޯދަން ފެށީ، އޭނާ ފެނުނީ ހިތަދޫ ސްކޫލް ފުރަގަހުގައި އޮންނަ މަގެއްގައި ހުރި އޮޅެއްގެ ތެރެއިން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، "ޓޫވޭވް" ފިހާރަ ވެސް ފަޅާލާފައިވާ ކަމަށާއި އޭނާއަށް ބަޔަކު ހަމަލާދީފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ، އޭނާގެ މޫނު އޮތީ އޮޅު ތެރެއަށް ގަންބާލާފަ ކަމަށެވެ. އަދި އޮޅު ތެރޭގައި އޭނާގެ ސައިކަލް ވެސް އޮތް ކަމަށް ތައްޔިބު ވިދާޅުވި އެވެ. އޭނާގެ ހަށިގަނޑު މިހާރު ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އަލީ އަބްދުﷲގެ ހަބަރެއް ނުވެގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހެނދުނު 7:20 ހާއިރު ކަމަށެވެ. ފުލުހުން ވަނީ މިހާރު މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.