ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާއި މީހުން ހިމާޔަތްކުރަން އިޒްރޭލުން އެކަށީގެންވާ މަސައްކަތަކެއް ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން މިހެން ވިދާޅުވި ސަބަބަކީ އިޒުރޭލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުކޭސީ) އަށް މަސައްކަތްކޮށްދޭ ހަތް މީހަކު މަރުވުމާ ގުޅިގެންނެވެ.
ވޯލްޑް ސެންޓްރަލް ކިޗަން އަކީ ހިލޭސާބަހަށް ކައްކައި ކާންދޭ ޖަމާއަތެކެވެ. ގުދުރަތީ ކާރިސާތަކުގައި އަދި ހަނގުރާމައިގެ މައިދާންތަކުގައި -- ހާލުގައި ޖެހި ކާނެއް ފަދައެއް ނެތް އެތައް ބަޔަކަށް -- ކާންދިނުމުގެ ބިރުވެރި ޒިންމާ އުފުލުމުގައި ޑަބްލިޔުކޭސީ ހަރާކަތްތެރިވަމުން އަންނަތާ 14 އަހަރު ވަނީ އެވެ.
ބައިޑަން ވިދާޅުވި ގޮތުން ހަނގުރާމައިގެ މައިދާންތަކުގައި ކާންދިނުމަކީ ކުޑަކަމެއް ނޫނެވެ. އެ މީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ހޭބޯނާރައި ކައްކައި ކޮއްތު ބަހަމުން ގެންދަނިކޮށް، އިޒުރޭލުން ދިން ރަހުމެއް ނެތް ހަމަލާގެ ސަބަބުން ހިތްދަތިވެ ވަޑައިގެންފި ކަމަށްވެސް ވިދާޅުވި އެވެ.
ވޯލްޑް ސެންޓްރަލް ކިޗަންއަށް މަސައްކަތްކޮށްދޭ މީހުންނަށް ހަމަލާދެވުނީ އޮޅުމަކުން ކަމަށް އިޒުރޭލުން ބުނާއިރު ޣައްޒާގައި މުޅިންހެން ހިނގަނީ އިޒުރޭލަށް އޮޅިގެން ކުރެވޭ ކަންތައްތަކެވެ.
ޑަބްލިޔުކޭސީއަށް ދެވުނު ހަމަލާ ވަރަށް ރަނގަޅަށް ތަހުގީގުކުރާނެ ކަމަށް އިޒުރޭލުން ބުނެފައި އޮތުމުން އެކަމާ ވިއްދައި ބައިޑަން ވިދާޅުވީ ތަހުގީގު ދިގުދެންމުމުން އެކަމުގެ މަފުހޫމް ގެއްލިގެން ދާނެ ކަމަށެވެ.
ބައިޑަން ވިދާޅުވީ ކުށްކުރި ބަޔަކަށް އަދަބު ދެވެން ޖެހޭނެ ކަމަށެވެ. އަދަބު ނުދެވި ދޫވެއްޖެނަމަ އެއީ އިޒުރޭލުން ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެއްޖެ ކަމަށާއި އެހީދޭން މަސައްކަތްކުރި މީހުންގެ ތެރެއިން މަރުވެފައިވާ އަދަދުވެސް ނޭނގޭ ކަމަށެވެ.
ޣައްޒާއަށް އެހީ ނުވެއްދިގެން އުޅެނީ އިޒުރޭލުގެ ރޭވުމެއް ނެތުމުގެ ސަބަބުން ކަމަށް ބައިޑަން ވިދާޅުވި އެވެ. އެހީ ވައްދަން ހުއްދަ ދިނުމަށް ފަހުވެސް ޣާއްޒާއަށް ވަންނަ ފައުޖުތަކަށް އިޒުރޭލުން ހަމަލާދޭ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.
އިޒުރޭލާ އެކު އެމެރިކާ ބާއްވާ ގާތް ގުޅުމަކީ މީހުން މެރުމަށް ދޭ ހުއްދައެއް ނޫން ކަމަށްވެސް ބައިޑަން ހަރުއަޑުން ވިދާޅުވި އެވެ.