ޒަކާތް

ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެ

ރޯދަ މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމުއްދަތުގައި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ. އެގޮތުން 63،389 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެ އެވެ. އާދައިގެ ބާސްމަތީ ހަނޑޫ ކާ މީހުންގެ ގޮތުގައި 1،4567 މީހުން ޒަކާތް ދައްކާފައިވާއިރު އެންމެ މޮޅު ބާސްމަތީ ހަނޑު ކާ މީހުންގެ ގޮތުގައި 10،779 މީހުން ޒަކާތް ދީފައިވެ އެވެ. އަދި އާޓާ ފުށާއި އާދައިގެ ފުށް ކާ މީހުންގެ ގޮތުގައިވެސް ބައެއް މީހުން ޒަކާތް ދައްކާފައިވެ އެވެ.

ފިތުރު ޒަކާތް ދައްކާފައިވާ ގޮތުގެ ތަފްސީލް

  • ބޭންކް އޮފް މޯލްޑިވްސް: 2.2 މިލިއަން ރުފިޔާ
  • އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ: 408،324 ރުފިޔާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް: 739،219 ރުފިޔާ
  • ފަހިޕޭ: 380،719 ރުފިޔާ
  • ބަނޑޭރި ޕޭ: 317،404 ރުފިޔާ
  • ދިރާގު: 191،469 ރުފިޔާ
  • އުރީދޫ: 177،310 ރުފިޔާ

ޒަކާތް ދެއްކުން ފަސޭހަކޮށްދިނުމުގެ ގޮތުން ޒަކާތު ހައުސް އިން ވަނީ އެކި ޕްލޭޓްފޯމްތަކުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފަ އެވެ. އަދި ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.